އިންސާނީ ޙައްޤުތަކާ ގުޅޭގޮތުން މީހުން ހޭލުންތެރި ކުރުމުގެ ގިނަ އަދި ކާމިޔާބު ޕްރޮގްރާމް ތަކެއް މިއަހަރުގެ ތެރޭގައި ހިންގިފައިވާކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން ބުނެފިއެވެ.
ބައިނަލްއަޤްވާމީ އިންސާނީ ޙައްޤުތަކުގެ ދުވަހުގެ މުނާސަބާގައި އެ ކޮމިޝަނުން ނެރެފައިވާ ނޫސްބަޔާނުގައި ބުނެފައިވަނީ އިންސާނީ ޙައްޤުތައް ފޯރުކޮށްދޭ މިންވަރު ބަލައި، ދައުލަތުގެ ބެލުމުގެ ދަށުގައި މީހުން ބައިތިއްބާފައި ތިބޭ މަރުކަޒުތައް މޮނިޓަރކޮށް އަދި އިންސާނީ ޙައްޤުތަކާއި ގުޅޭ ދިރާސާ ކުރުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.
އަދި މިއަހަރުގެ ތެރޭގައި 384 މައްސަލައެއް ކޮމިޝަނަށް ހުށަހަޅާފައިވާ އިރު، އޭގެތެރޭގައި އެންމެ ގިނައިން ހުށަހަޅާފައިވަނީ އެކަށީގެންވާ ސިއްޙީ ފަރުވާ ނުލިބިގެން ހުށަހަޅާފައިވާ މައްސަލަތަކާއި ޤައިދީންގެ ޙައްޤުތަކާ ގުޅުންހުރި މައްސަލަތަކާއި ކުޑަކުދިންގެ ޙައްޤުތަކާ ގުޅުންހުރި މައްސަލަތައް ކަމަށްވެސް އެ ބަޔާނުގައި ވަނީ ބުނެފައެވެ. މީގެ އިތުރުން މިހާތަނަށް، 964 މައްސަލަ ކޮމިޝަނުން ބަލައި ނިންމާފައިވާ ކަމަށްވެސް އެޗްއާރްސީއެމްގެ ބަޔާނުގައި ވަނީ ބުނެފައެވެ.
ކޮމިޝަންގެ މަސައްކަތްތަކަކީދަޢުލަތުގެ އެހެން މުއައްސަސާތަކާއިގުޅިގެން ކުރަން ޖެހޭ މަސައްކަތްތަކަކަށް ވެފައި، ކޮމިޝަނުން ކުރާ މަސައްކަތްތައް ކާމިޔާބުކަމާއި އަވަސް ކަމާއެކު ނިންމުމުގައި ދައުލަތުގެ އެހެން މުއައްސަސާތަކާއި ޢާންމުފަރުދުންގެ ފަރާތުން ލިބެމުންދާ އެހީތެރިކަމާއި އެއްބާރުލުން ފާހަގަކުރާ ކަމަށެވެ.