
ދައުލަތުގެ މުއައްސަސާތަކަށް ފުރުޞަތު ނުދިނުމަށް ރައީސް ޔާމީން އިލްތިމާސް ކުރައްވައިފި
ދައުލަތުގެ މުއައްސަސާތަކަކީ ކޮރަޕްޝަންގެ ޢަމަލުތަކަށް ފުރުޞަތު ނުދޭ، ނަޒާޙަތްތެރި އިދާރާތަކަކަށް ހެއްދެވުމަށް މަސައްކަތް ކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އިލްތިމާސް ކުރައްވައިފިއެވެ.
ބައިނަލްއަޤްވާމީ އެންޓި ކޮރަޕްޝަން ދުވަހުގެ މުނާސަބާގައި ރައީސް ފޮނުއްވި ޚިތާބުގައި ސަރުކާރުން ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދޭ އިރު އެއްވެސް ކޮރަޕްޝަނެއް ނުހިންގުމަށާއި ކޮރަޕްޝަން ހިންގާ ފަރާތްތަކަށް ”ހަރުކަށި އަދަބު ދޭންޖެހޭ“ ކަމަށް ވަނީ ވިދާޅުވެފައެވެ.
އަދި އެކަމަށްޓަކައި ޤާނޫނަށް ބަދަލުގެންނަން ޖެހޭކަމަށާއި ކަމާބެހޭ ޤާނޫނުތަކަށް އިސްލާހު ގެނެސް، އަދަބު ތަންފީޒު ކުރުމުގައި ހުރި ޤާނޫނީ ހުރަސްތައް ނައްތާލަންޖެހޭ ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން އެމަނިކުފާނުގެ ޚިޠާބުގައި ވިދާޅުވެފައިވަނީ ކޮރަޕްޝަނުން ސަލާމަތް ވެވޭނީ ދައުލަތުގެ މުއައްސަސާތަކުގެ ހިންގުމުގެ ނިޒާމު ހަރުދަނާކޮށްގެން ކަމަށާއި ހާމަކަން ބޮޑުގޮތެއްގައި ކަންތައްތައް ކޮށްގެންކަމަށެވެ.



