
ހަނގުރާމައިގެ ކުރިން ބޭރުކުރި މިންވަރަށްވުރެ އިތުރަށް ގަލްފުގެ ޤައުމުތަކުން ތެޔޮ ބޭރުކުރަން ފަށައިފި
ހޯރްމުޒް ކަނޑުއޮޅީގައި ދެވޭ ހަމަލާތައް އިތުރުވެފައިވީ ނަމަވެސް، އީރާނު ހަނގުރާމައިގެ ކުރިން ބޭރުކުރި މިންވަރަށްވުރެ އިތުރަށް ގަލްފުގެ ގައުމުތަކުން ތެޔޮ ބޭރުކުރަން ފަށައިފި އެވެ.
ރެޑް ސީ ނުވަތަ ރަތްކަނޑު ހުރަސްކޮށް ތެޔޮ އުފުލުމާއި އެއް އުޅަނދުން އަނެއް އުޅަނދަށް ތެޔޮ ބަދަލުކުރުމުގެ ސަބަބުން ހޯރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލް ހޯދުމަށް އީރާނުން ކުރަމުންދާ މަސައްކަތްތަކަށް ވަނީ ހުރަސްތަކެއް ކުރިމަތިވެފަ އެވެ.
ފެބްރުއަރީ 28 ގައި އެމެރިކާ އާއި އިސްރާއީލުން އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ކުރިން މެދުއިރުމަތިން ތެޔޮ ބޭރުކުރި މިންވަރަށްވުރެ މިހާރު ބޭރުކުރާ މިންވަރު ވަނީ އިތުރުވެފަ އެވެ. މިއީ ހޯރްމުޒް ކަނޑުއޮޅީގެ މައްޗަށް ބާރުގަދަ ކުރަން އީރާނުން ކުރާ މަސައްކަތަށާއި އެމެރިކާ އާއި އިސްރާއީލުން ދެމުންދާ އާ ހަމަލާތަކުގެ އިންޒާރުތަކާ ގުޅިގެން ކުރިމަތިވި ބޮޑު ގޮންޖެހުމެކެވެ.
ހަކަތައާ ބެހޭ ތަފާސްހިސާބުތައް ދިރާސާކުރާ ކެޕްލަރ އިން ހާމަކުރި ގޮތުގައި އޮކްޓޫބަރު 18 އަށް ނިމުނު ހަފުތާގައި ގަލްފުގެ ޤައުމުތަކުން ދުވާލަކު 24.6 މިލިއަން ފީފާ ތެޔޮ ބޭރުކޮށްފައިވެ އެވެ. މިއީ ހަނގުރާމައިގެ ކުރިން ބޭރުކުރި 23.3 މިލިއަން ފީފާއަށްވުރެ އިތުރު މިންވަރެކެވެ.
ތެޔޮ ބޭރުކުރާ މިންވަރު އިތުރުވެފައި މިވަނީ ހޯރްމުޒް ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުތަކަށް އީރާނުންދޭ ހަމަލާތައް ވެސް އިތުރުވެފައިވާ ދަނޑިވަޅެއްގަ އެވެ.
ޔޫކޭ މެރިޓައިމް ޓްރޭޑް އޮޕަރޭޝަންސް އިން ބުނި ގޮތުގައި މިދިޔަ ހަފުތާގައި އެކަނިވެސް މަދުވެގެން 12 ހަމަލާއެއް ދީފައިވެ އެވެ.
މީގެ ތެރޭގައި ޔޫއޭއީގެ މުދާ އުފުލާ ބޯޓެއް ހޯރްމުޒް ކަނޑުއޮޅިއަށް ފެތުމުގެ ހާދިސާ ވެސް ހިމެނެ އެވެ.
ގަލްފުގެ ޤައުމުތަކުން މިހާރު ބޭނުންކުރަމުންދާ އުކުޅަކީ ކުދި އުޅަނދުތަކުގައި ގަލްފުން ތެޔޮ ބޭރުކޮށް ކަނޑުއޮޅިން ބޭރުގައި މަޑުކޮށްގެން ތިބޭ ބޮޑެތި ތެޔޮ ޓޭންކަރުތަކަށް ތެޔޮ އެޅުމެވެ. އަމިއްލަ ކުންފުނިތަކުގެ އުޅަނދުތަކުގެ ސަލާމަތީ ކަންކަމާއި އިންޝުއަރެންސްގެ އަގު ބޮޑުވުމުގެ ސަބަބުން ގިނަ ޤައުމުތަކުން މި މަސައްކަތުގައި ބޭނުންކުރަނީ އެ ޤައުމުތަކުގެ ސަރުކާރު ހިއްސާވާ އުޅަނދުތަކެވެ.



