
ރާއްޖޭގެ ސްކޫލުތަކުގެ ފެންވަރު ރަނގަޅު ކުރުމަށް ގިނަ މަސައްކަތްތަކެއް އަންނަނީ ކުރަމުން: މިނިސްޓްރީ
ރާއްޖޭގެ ސްކޫލުތަކުގެ ފެންވަރު ރަނގަޅު ކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް ތަޢުލީމާއިބެހޭ ވުޒާރާއިން ބުނެފިއެވެ.
އެ ވުޒާރާއިން ބުނީ ރާއްޖޭގެ ސްކޫލްތަކުގެ ފެންވަރު ރަނގަޅު ކުރުމުގެ ގޮތުން ސްކޫލްތައް ހިންގަވަން ތިއްބެވި ބޭފުޅުންނަށް ބޭނުންވާ ހުނަރާއި މަޢުލޫމާތު ފޯރުކޮށްދިނުމަށް ދިވެހި ޕްރިންސިޕަލުންނަށް އަމާޒުކޮށް މިނިސްޓްރީން އަންނަނީ ތަފާތު ތަމްރީނު ޕްރޮގްރާމްތަކާއި އިތުރު ފުރުޞަތުތައް ފަހިކޮށްދެމުން ކަމަށެވެ.
އެގޮތުން ސްކޫލްތަކުގެ ހިންގުން ހަރުދަނާކޮށް ލީޑަރޝިޕް ސްކިލް އިތުރުކުރުމުގެ ގޮތުން ރާއްޖޭގެ ހުރިހާ ހިސާބަކުން ޖުމްލަ 115 ޕްރިންސިޕަލަކު މިއަހަރުގެ ތެރޭގައި މެލޭޝިއާގެ އޯޕަން ޔުނިވަރސިޓީ އާއި ޔުނިޓަރ ޔުނިވަރސިޓީ އާއި އެޤައުމުގެ ސްކޫލްތަކަށް ޒިޔާރަތްކޮށް ހިންގުމުގެ ދާއިރާއާއި ބެހޭ ތަޖުރިބާއާއި މަޢުލޫމާތު ހޯދާފައިވާ ކަމަށް އެ ވުޒާރާއިން ބުންޏެވެ.
އަދި ޕްރިންސިޕަލްސް އެޓޭޗްމަންޓް ޕްރޮގްރާމްގެ ނަމުގައި މިއަހަރުގެ ތެރޭގައި ފަށާފައިވާ ޕްރޮގްރާމްގެ ދަށުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުރި ފާހަގަކޮށްލެވޭ ސުކޫލްތަކަށް ޕްރިންސިޕަލުން ޒިޔާރަތްކޮށް ސްކޫލް ހިންގުމުގައާއި ދަރިވަރުންގެ ނަތީޖާ އިތުރަށް ރަނގަޅުކުރުމުގައި އެ ސުކޫލްތަކުން ބޭނުންކުރާ ބެސްޓް ޕްރެކްޓިސްވެސް ތަޖުރިބާ ކޮށްފައިވާ ކަމަށް އެ ވުޒާރާއިން ބުންޏެވެ.
ތަޢުލީމާއިބެހޭ ވުޒާރާއިން ބުނީ ރާއްޖޭގެ ހުރިހާ ސްކޫލެއްގެ ޕްރިންސިޕަލުން ޢަމަލުކުރާނެ އެއްގޮތްތަކެއް ކަނޑައަޅައި ލިޔެފައިވާ އަތްމަތީ ފޮތެއް ތައްޔާރުކޮށް ނެރެފައިވާ ކަމަށާއި އެއްވެސް ކުއްޖަކު ބާކީ ނުކުރުމުގެ ސިޔާސަތުގެ ދަށުން ކިޔަވައިދިނުމުގައި ސްކޫލްތަކުން އިތުރަށް ސަމާލުކަން ދޭންވީ ކަންކަން ފާހަގަކުރުމަށްޓަކައި ވަކިވަކި އަތޮޅުތަކުގެ ހުރިހާ ޕްރިންސިޕަލުންނަށް ޚާއްޞަކޮށްގެން ސިލްސިލާ ބައްދަލުވުންތަކެއް ބާއްވަމުން އަންނަ ކަމަށެވެ.