
ކާސްޓްރޯއަކީ ކިއުބާގެ ރައްޔިތުންގެ ތަރައްޤީއަށް މަސައްކަތް ކޮށްދެއްވި ވެރިއެއް: ރައީސް ޔާމީން
ކިއުބާގެ ކުރީގެ ރައީސް ފިޑެލް ކާސްޓޯއަކީ އެ ޤައުމުގެ ރައްޔިތުންގެ ތަރައްޤީއަށް މަސައްކަތް ކޮށްދެއްވި ވެރިއެއް ކަމުގައި ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ފިޑެލް ކާސްޓްރޯ އަވަހާރަވުމާއި ގުޅިގެން އެޤައުމުގެ މިހާރުގެ ރައީސް ރައުލް ކާސްޓްރޯއަށް ފޮނުއްވެވި ތައުޒިޔާގެ މެސެޖުގައެވެ.
އެ މެސެޖުގައި ރައީސް ޔާމީން ވިދާޅުވެފައިވަނީ ރައީސް ރައުލް ކާސްޓްރޯގެ ބޭބޭފުޅު އަވަހާރަވީ ޚަބަރު އެއްސެވީ ފުން ހިތާމައަކާއެކު ކަމަށާއި ރައީސް ފިޑެލް ކާސްޓްރޯއަކީ ޒަމާނީ ކިއުބާގެ ބާނީ ކަމަށެވެ.
އަދި ޤައުމީ ހިތާމައިގެ މިދަނޑިވަޅުގައި ދިވެހި ސަރުކާރާއި ރައްޔިތުންނާއި ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަ ނަންފުޅުގައި ކިއުބާގެ ރައީސަށާއި ސަރުކާރަށާއި ރައްޔިތުންނަށް އިޚްލާސްތެރި ތައުޒިޔާ ވަނީ ފޮނުއްވާފައެވެ.
ވަރަށް ގިނަ ސިއްހީ މައްސަލަތަކަށް ފަރުވާ ހޯއްދަވަމުން ގެންދެވި ކާސްޓްރޯ އިއްޔެގެ ވަގުތެއްގައި އަވަހާރަ އިރު، ކިއުބާއަށް ގެނައި އިންޤިލާބަކަށް ފަހު އެ ޤައުމުގައި ކޮމިއުނިސްޓް ވެރިކަމެއް ޤާއިމުކޮށް 2 ޑިސެމްބަރު 1976 ގައި ވެރިކަމާ ކާސްޓްރޯ ހަވާލުވެވަޑައިގަތުމަށް ފަހު 24 ފެބްރުއަރީ 2008ގެ ނިޔަލަށް 32 އަހަރު ކާސްޓްރޯ ވަނީ ވެރިކަން ކުރައްވާފައެވެ.
މީގެ އިތުރުން ރައީސް ކާސްޓްރޯ ވަނީ 16 ފެބްރުއަރީ 1959 އިން 2 ޑިސެމްބަރު 1976 އަށް އެޤައުމުގެ ބޮޑު ވަޒީރުކަންވެސް ކުރައްވާފައެވެ. ފިޑެލް ކާސްޓްރޯ ހިމެނިވަޑައިގަންނަވަނީ ދުނިޔޭގައި އެންމެ ގިނަ ދުވަހު ރައީސްކަން ކުރެއްވި ބޭފުޅުންގެ ތެރޭގައެވެ.



