
މަތީ ތަޢުލީމުގެ ފެންވަރު ހިފެހެއްޓުމަށް ކަނޑައަޅާފައިވާ ޤަވާޢިދުތަކާއި އުސޫލުތަކަށް އަހުލުވެރިކުރުމުގެ މަސައްކަތު ބައްދަލުވުމެއް ފަށައިފި
މިއީ މިނިސްޓްރީ އޮފް އެޑިއުކޭޝަނަށް ވަރލްޑް ބޭންކުން ދެއްވާ ހިލޭ އެހީގެ ދަށުން މަތީ ތަޢުލީމާއި ތަމްރީނުދޭ މަރުކަޒުތަކަށް އަމާޒުކޮށްގެން މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެށި ބައްދަލުވުމެކެވެ.
ދިވެހިރާއްޖޭގައި ދެވޭ މަތީ ތަޢުލީމުގެ ފެންވަރު ހިފެހެއްޓުމުގެ ނިޒާމެއް ޤާއިމުކޮށް، އެ ނިޒާމު ހަރުދަނާކޮށް ދެމެހެއްޓުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތަކަށް އަހުލުވެރިކުރުމުގެ މަޤްޞަދުގައި ޝީ ބިލްޑިންގގެ އަސަރީ މާލަމުގައި މިއަދު ފެށި މި ބައްދަލުވުމަކީ ވަރލްޑް ބޭންކް ކޮންސަލްޓަންޓެއްގެ އެހީގެ ދަށުން އެކުލަވާލައްވާފައި ވާ ގައިޑްލައިންތައް ތަންފީޒުކުރުމަށްޓަކައި މަތީ ތަޢުލީމާއި ތަމްރީނުދޭ މަރުކަޒުތައް އަހުލުވެރިކުރުމުގެ ގޮތުން ފެށި 2 ދުވަހުގެ ބައްދަލުވުމެކެވެ.
28 މަރުކަޒުން 55 ބައިވެރިން ހިމެނޭގޮތަށް ކުރިއަށް ގެންދާ މި ބައްދަލުވުމުގައި މައިގަނޑުގޮތެއްގައި އަލިއަޅުވާލާނީ އެމް.ކިއު،އޭ އިން 2017 ވަނަ އަހަރު އަލަށް ފެށުމަށް ނިންމާފައިވާ ޕްރޮގްރާމް އެކްރެޑިޓޭޝަން އަދި މަތީ ތަޢުލީމާއި ތަމްރީނުދޭ މަރުކަޒުތައް އޮޑިޓްކުރުމުގެ މަސައްކަތަށެވެ.
މިގޮތުން ޕްރޮގްރާމް އެކްރެޑިޓޭޝަނާއި އިންސްޓިޓިޔުޝަނަލް އޮޑިޓަކީ މަތީ ތަޢުލީމު ދޭ މަރުކަޒުތަކުގެ ފެންވަރާއި އެ މަރުކަޒުތަކުން ހިންގާ ކޯސްތަކުގެ ފެންވަރު ހިފެހެއްޓުމުގެ ގޮތުން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ މަސައްކަތްތަކެކެވެ.
މިއީ ދިވެހިރާއްޖޭގައި މަތީތަޢުލީމާއި ތަމްރީން ދޭ މަރުކަޒުތައް އިތުރަށް ތަރައްޤީކޮށް ފެންވަރު ރަނގަޅު ކޯސްތަކެއް ހިންގުމަށް ލިބޭ ފުރުޞަތަކަށް ވެގެން ދާނެއެވެ.



