ގްލޯބަލް ކޮންފަރެންސް އޮން ހެލްތް ޕްރޮމޯޝަންގައި ހެލްތު މިނިސްޓަރ ބައިވެރިވެވަޑައިގެންފި

ނުވަ ވަނަ ގްލޯބަލް ކޮންފަރެންސް އޮން ހެލްތް ޕްރޮމޯޝަންގައި ހެލްތު މިނިސްޓަރ ޢަބްދުﷲ ނާޘިމް އިބްރާހިމް ބައިވެރިވެވަޑައިގެންފިއެވެ.

މި މަހުގެ 21ން 24އަށް ޗައިނާގެ ޝެންހާއީގައި ބޭއްވި މިކޮންފަރެންސަކީ ދެމެހެއްޓެނިވި ތަރައްޤީއަށް ވާޞިލްވުމަށްޓަކައި ޞިއްޙީ ދާއިރާ ކުރިއެރުވުމުގައި ހެކި ނުވަތަ (އެވިޑެންސް) ބޭނުންކޮށްގެން ޞިއްޙީ ދާއިރާ ކުރިއަރުވާނެ ގޮތްތަކާއި ބެހޭ ގޮތުން މެމްބަރު ޤައުމުތަކަށް ފަންނީ ލަފަޔާއި އިރުޝާދު ދީ، ޢަމަލީ ގޮތުން އެކަންތައް ދަސްކޮށްދިނުމަށް ދުނިޔޭގެ ސިއްޙަތު ޖަމިއްޔާ (ޑަބްލިއު އެޗްއޯ) އިން ކުރިއަށްގެންދިޔަ ބައްދަލުވުމެކެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

މި ބައްދަލުވުމުގައި ދުނިޔޭގެ އެކި ޤައުމުތަކުން 1000އަށްވުރެ ގިނަ މީހުން ބައިވެރިވެފައިވާ އިރު، އޭގެތެރޭގައި 40އަށްވުރެ ގިނަ ހެލްތު މިނިސްޓަރުންނާއި ސިއްޙީ ދާއިރާ އާގުޅުންހުރި އެކި ދާއިރާތަކުން އެކިފަންތީގެ ތަޖުރިބާކާރުންނާއި މާހިރުން ވަނީ ބައިވެރިވެވަޑައިގެންފައެވެ.

މި  ބައްދަލުވުމުގައި މިނިސްޓަރ ނާޘިމް އިބްރާހިމް ދެއްކެވި ވާހަކައިގާ ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލްކުރުމަށް ކުދި ޤައުމުތަކަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ މޫސުމަށް އަންނަ ބަދަލުތައް ކަމަށާއި އެކަމުގެ ސަބަބުން ސިއްޙީ ދާއިރާއަށް ބޮޑެތި ގޮންޖެހުންތައް ކުރިމަތިވަމުންދާ ކަމުގައި ފާހަގަ ކުރެއްވިއެވެ.

އެގޮތުން މިނިސްޓަރ ފާހަގަކުރެއްވި ތިމާވެށީގެ މައްސަލަ ކަންތައްތަކުގެތެރޭގައި ރަށްގިރުޟާއި އެދައެރުންފަދަ މައްސަލަތަކާއި ރައްކާތެރިގޮތުގައި ކުނިމެނޭޖް ކުރެވޭނެ އިންތިޒާމް ވެތުވެދިޔަ އަހަރުތަކުގައި ހަމަޖެހިފައި ނެތުމަކީ އެކި ބަލިތައް ފެތުރި ޢާންމު ސިއްހަތު ރައްކާތެރިކުރުމަށް އެޅޭ ހުރަހެއް ކަމުގައި ވިދާޅުވިއެވެ.

އަދި އެފަދަ މައްސަލަތައް ހައްލުކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާ ކަމަށާއި ނަމަވެސް ވަސީލަތް މަދުވެފައި ރަށްރަށް ފެތުރިފައިވާގޮތުން މައްސަލަތައް ހައްލުކުރުމަށް ބޮޑެތި ގޮންޖެހުންތައް ކުރިމަތިވާކަމަށްވެސް ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި  ސިއްޙަތު ރައްކާތެރިކޮށް ދެމެހެއްޓުމަށްޓަކައި ތިމާވެށީގެ ސަބަބުން ދިމާވާ މައްސަލަތައް ކުޑަކުރުމަށް ފަރުދީގޮތުންނާއި ޖަމާޢަތުގެ އިތުރުން ބައިނަލްއަޤްވާމީ ފެންވަރުގައި ގުޅިގެން މަސައްކަތްކުރުމަށް މިނިސްޓަރ ނާޘިމް ވަނީ ގޮވާލައްވާފައެވެ.

އަދި މި ފަދަ މައްސަލަތަކާއި އެކީގައިވެސް ރާއްޖޭގެ ސިއްހީ ދާއިރާއިން ހޯއްދަވަމުންގެންދަވާ ކާމިޔާބީތަކުގެ މައްޗަށް އަލިއަޅުއްވާ މިނިސްޓަރ ވިދާޅުވީ ގައިން ގަޔަށް އަރާ ގިނަ ބަލިތަކެއް ރާއްޖޭގައި ކޮންޓްރޯލްކުރެވިފައިވާއިރު، މެލޭރިއާފަދަ ބައެއް ބަލިތައް ރާއްޖެއިން މުޅިން ނައްތާލާފައިވާ ކަމަށެވެ.

މި ކޮންފެރެންސްގެތެރެއިން ޝަންހާއީ ޑެކްލެރޭޝަން އޮފް ހެލްތު ޕްރޮމޯޝަންގެ ނަމުގައި ބައިވެރިވި މެންބަރުން ވަނީ ސިއްހީ ހޭލުންތެރިކަން އިތުރުކުރުމާއި ސިއްހަތު ރަނގަޅު ދުޅަހެޔޮ މުޖުތަމަޢެއް ބިނާކުރުމުގައި ސަރުކާރާއި ގުޅިގެން މަސައްކަތް ކުރުމާއި ސިއްހަތަށް ފައިދާ ނުކުރާ ކަންކަމާއި ގުޅުންހުރި ޤަވާޢިދުތައް އެކުލަވާލުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.

މި ކޮންފެރެންސްގެ މައިގަނޑު މަޤްޞަދުތަކުގެ ތެރޭގައި:

  • 2030 ގައި ދެމެހެއްޓެނިވި ތަރައްޤީއަށް ވާސިލްވުމަށް ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ހާސިލްކުރުމަށް ޞިއްޙީ ދާއިރާ ތަރައްޤީކުރުމަށް އަމަލީ ގޮތުން މަސައްކަތްކުރާނެ ގޮތް މެމްބަރު ގައުމުތަކަށް ދަސްކޮށްދިނުން.
  • ދެމެހެއްޓެނިވި ތަރައްޤީއަށް ވާސިލްވުމަށް ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ހާސިލްކުރުމުގައި ޞިއްޙީ ދާއިރާއަށް ހުރި ގޮންޖެހުންތައް ކުޑަކުރުމަށް މަސައްކަތްކުރުން.
  • ދެމެހެއްޓެނިވި ތަރައްޤީއަށް ވާސިލްވުމަށް ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ހާސިލްކުރުމަށްޓަކައި މުޖުތަމަޢުގައި ހުރި ޞިއްޙަތާއި ގުޅުން ހުރި މައްސަލަތައް ހައްލުކުރުމަށްޓަކައި ވަކިވަކި ފަރުދުންނާއި މުޖުތަމަޢު އަދި ސަރުކާރުތައް ބާރުވެރިކުރުވުން.
  • ޞިއްޙީ ދާއިރާ އާއި ބެހޭ ގޮތުން އެއްގައުމާއި އަނެއްގައުމުގެ ތަޖުރިބާތަކާއި ވާހަކަތައް ހިއްސާކުރުން.

މި ކޮންފަރެންސަށްފަހު ހެލްތު މިނިސްޓަރ މިހާރު މާލެވަޑައިގަންނަވާފައިވާ އިރު، މި ދަތުރުފުޅުގައި މިނިސްޓަރގެ އަރިހުގައި ސްޓޭޓް މިނިސްޓަރ ހުސައިން ރަޝީދު ބައިވެރިވެވަޑައިގެންނެވިއެވެ.

 

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.