
2017 ވަނަ އަހަރުގެ ބަޖެޓް ފާސްކުރަން ސަރުކާރާ އިދިކޮޅު 9 މެމްބަރަކު ވޯޓު ދެއްވައިފި
2017 ވަނަ އަހަރަށް ސަރުކާރުން ކަނޑައަޅާ މަޖިލީހަށް ހުށަހަޅާފައިވާ 26.7 ބިލިއަން ރުފިޔާގެ ބަޖެޓް އެއްވެސް ބަދަލަކާ ނެގެނެސް ފާސްކުރުމަށް އިދިކޮޅު ނުވަ މެމްބަރަކު ވޯޓު ދެއްވައިފި އެވެ.
އަންނަ އަހަރަށް ކަނޑައަޅާ މަޖިލީހައް ފޮނުވާފައިވާ ބަޖެޓް ފާސްކުރުމަށް މަޖިލީހުގައި އިއްޔެ ނެގި ވޯޓުގައި ސަރުކާރާ އެންމެ އިދިކޮޅު އެމްޑީޕީގެ ދެމެމްބަރަކުވެސް ވަނީ ވޯޓު ދީފައެވެ.
އެމްޑީޕީން ބަޖެޓް ފާސްކުރަން ވޯޓު ދީފައިވާ ދެމެމްބަރުންނަކީ ހިތަދޫ މެދު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު ދީދީ އާއި މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފު (މަވޯޓާ) އެވެ.
މީގެ އިތުރުން އިދިކޮޅު މެމްބަރުންގެ ތެރެއިން ދެން ވޯޓު ދެއްވީ ޖުމްހޫރީ ޕާޓީގެ ފަސް މެމްބަރަކާއި އަދާލަތު ޕާޓީގެ ހަމައެކަނި މެމްބަރު އަނާރާ ނައީމާއި މިނިވަން މެމްބަރެއްގެ ގޮތުގައި މަޖިލީހުގައި އިންނަވާ ހުސައިން އަރީފެވެ.
ޖޭޕީގެ މެމްބަރުންގެ ތެރެެއިން ބަޖެޓަށް ވޯޓު ދެއްވީ އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި ކާށިދޫ ދާއިރާގެ މެމްބަރު ފައިސަލް ނަސީމާއި މަތިވެރި ދާއިރާގެ މެމްބަރު ހުސައިން މުހައްމަދާއި ތޮއްޑޫ ދާއިރާގެ މެމްބަރު އިބްރާހިމް ހަސަނާއި ކެޔޮދޫ ދާއިރާގެ މެމްބަރު މޫސާ ނިޒާރު އިބްރާހިމެވެ.
މީގެއިތުރުން ބަޖެޓް ފާސްކުރުމަށް ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕުގެ 44 މެމްބަރަކު ވަނީ ވޯޓު ދެއްވާފައިވާއިރު އެމްޑީއޭ ޕާލަމެންޓްރީ ގްރޫޕުގެ ހަ މެމްބަރަކު ވެސް ބަޖެޓް ފާސްކުރުމަށް ވޯޓު ދެއްވި އެވެ.
އެ ބޭފުޅުންނާއެކު މަޖިލީހުގެ ނައިބު ރައީސް ރީކޯ މޫސާ މަނިކާއި ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ސައުދުﷲ ހިލްމީ އާއި ތިމަރަފުށި ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ ވެސް ވަނީ ބަޖެޓު ފާސްކުރަން ވޯޓު ދެއްވައިފައެވެ.
ޖުމްލަ 77 މެބަރުން ގެތެރެއިން ރައްޔިތުންގެ މަޖިލީހުގައި އިއްޔެ ނެގި ވޯޓުގައި ބަޖެޓް ފާސްކުރަން ޖުމްލަ 60 މެމްބަރުންވަނީ ވޯޓުދެއްވާފައެވެ.
15 މެމްބަރަކު ބަޖެޓާ ދެކޮޅަށް ވޯޓު ދީފައިވާއިރު ވަކިކޮޅަކަށް ވޯޓު ނުދެއްވާ ދެ މެމްބަރުން ތިއްބެވިއެވެ.
އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން މަޖިލީހައް ފޮނުވި 26.7 ބިލިއަން ރުފިޔާގެ ބަޖެޓު ފާސްކޮށްފައި ވާއިރު އއ ބަޖެޓުގައި އާމްދަނީގެ ގޮތުގައި 21.9 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް އަންދާޒާކޮށްފައިވެ އެވެ.
ހަތަރު ބަޔަކަށް ބަހާލައިގެން 2017 ވަނަ އަހަރަށް ފާސްކުރި މި ބަޖެޓުގައި ރައްޔިތުންނަށް ދޭ ހިދުމަތަށް 7.2 ބިލިއަން ރުފިޔާ ހިމަނާފައިވާއިރު އިޖުތިމާއީ އަދި ތަރައްގީ އަށް ކުރާ ހަރަދު 10.3 ބިލިއަން ރުފިޔާ ބަޖެޓުގައި ހިމަނާފައިވެ އެވެ.
މީގެއިތުރުން ދަރަނި އަދާކުރުމުގެ ހަރަދު 5.9 ބިލިއަން ރުފިޔާ ބަޖެޓުގައި ހިމަނާފައިވާއިރު އިގްތިސާދީ ތަރައްގީ އަށް ކުރާ ހަރަދަށް 3.5 ބިލިއަން ރުފިޔާ ހިމަނާފައިވެއެވެ.
އަންނަ އަހަރަށް ލަފާކޮށް މަޖިލީހައް 26.7 ބިލިއަން ރުފިޔާގެ ބަޖެޓެއް ފާސްކޮށް ފައިވާއިރު މިއީ މިއަހަރުގެ ބަޖެޓަށް ވުރެ އެއް ބިލިއަން ރުފިޔާ ކުޑަ އަދެއްކަން ފާހަގަކޮށްލަންޖެހެއެވެ.



