
ޙައިޟުގެ ލޭ ކެނޑިކެނޑިގެން އަންނަނަމަ ނަމާދު ކުރާނީ ކިހިނެއް؟
ޖަވާބު:
الحمد لله، والصلاة والسلام على نبينا محمد وعلى آله وصحبه وسلم وبعد
ޙައިޟުގެ ފުރަތަމަ ދުވަހު ނުވަތަ ފުރަތަމަ ދެދުވަހު ލޭއައިސްފައި މެދުކެނޑިފައި، އަނެއްކާ ލޭ އަންނަކަމަށްވަނީނަމަ، މިފަދަ އަންހެނުންގެ ދެޙާލަތެއްވެއެވެ.
ފުރަތަމައީ: ލޭއައުން މެދުކެނޑިފައި ހުންނަ މުއްދަތު ފަނަރަ ދުވަހަށްވުރެ އިތުރު ނުވުން.
ދެވަނައީ: ލޭއައުން މެދުކެނޑިފައި ހުންނަ މުއްދަތު ފަނަރަ ދުވަހަށްވުރެ އިތުރުވުން.
ލޭއައުން މެދުކެނޑިފައި ހުންނަ މުއްދަތު ފަނަރަ ދުވަހަށްވުރެ އިތުރު ނުވާނަމަ، މިމައްސަލާގައި ކަންތައް ކުރަން ޖެހޭނެ ގޮތަކާއި މެދުގައި އިލްމުވެރިން އިޚްތިލާފު އުފެދިފައިވެއެވެ.
އިމާމް މާލިކް އާއި އިމާމް އަޙްމަދު- ރަޙިމަހުމަﷲ- ދެކިލައްވާ ގޮތުގައި ލޭއައުން މެދުކެނޑުމާއި އެކު ފެންވަރާ ޠާހިރުވެގެން ނަމާދު ކުރަން ޖެހޭނެއެވެ. އަދި އެކަނބަލުންގެ ފިރިންނާއި އެކު ޖިމާޢުވުންވެސް ހުއްދަވާނެއެވެ.
ނަމަވެސް އިމާމް އަބޫޙަނީފާ އާއި އިމާމް ޝާފިޢީ- ރަޙިމަހުމަﷲ- ދެކިލައްވާ ގޮތުގައި އަންހެންމީހާގެ އާއްމު މުއްދަތު ހަމަވަންދެން (ޢާއްމުކޮށް ޙައިޟުގައި ހޭދަކުރާ މުއްދަތު ހަމަވަންދެން) އެދުވަސްވަރު ގުނެވޭނީ ޙައިޟުގެ ދުވަސްވަރު ކަމަށެވެ. ލޭއަޔަސް ނަޔަސްވެސް ހަމަހަމަވެގެންވެއެވެ.
ލޭއައުން މެދުކެނޑިފައި ހުންނަ މުއްދަތު ފަނަރަ ދުވަހަށްވުރެ އިތުރުވާނަމަ ހުރިހާ ޢިލްމުވެރިންވެސް އިއްތިފާގު ވެއްލައްވާ ގޮތުގައި އެއީ އިސްތިޙާޟާގެ ދުވަސްވަރެވެ. އިސްތިޙާޟާގެ ދުވަސްވަރުގައި ކޮންމެ ނަމާދަކަށް ވުޟޫކޮށްގެން ނަމާދު ކުރަން ޖެހޭނެއެވެ. އަދި ފިރިމީހާ އާއި އެކު އެއްދާންވެސް ކުރެވޭނެއެވެ.
އެހެންކަމުން ފުރަތަމަ ޙާލަތު (ލޭއައުން މެދުކެނޑިފައިވާ މުއްދަތު ފަނަރަ ދުވަހަށްވުރެ އިތުރު ނުވާނަނަމަ) ޢިލްމުވެރިން ދެގޮތަކަށް ވިދާޅުވެފައިވެއެވެ. މިދެގޮތުން ކުރެ ކޮންމެ ގޮތަކަށް ކަންތައް ކުރިނަމަވެސް އިންޝާﷲ ފާފައެއް ނެތެވެ. ދެގޮތްވެސް ރަގަޅެވެ. ނަމަވެސް ލޭކެނޑުމާއި އެކު ނަމާދު ކުރުމުގެ ކުރިން ނުވަތަ ޖިމާޢުވުމުގެ ކުރިން ހިނައިޠާހިރުވުމަށް ހަނދާނުގައި ބަހައްޓަންވާނެއެވެ. والله أعلم
ޖަވާބު ދެއްވީ: ޑރ. މުޙައްމަދު ޢިޔާޞު ޢަބްދުއްލަޠީފު



