
ޙައިޞުވެރިޔާއަށް ޤުރްއާން ކިޔެވޭނެތަ؟
ޙައިޟުގެ ދުވަސްވަރު ޤުރުއާން ކިޔެވުން:
އިބްނު ބާޒް ވިދާޅުވެފައި އޮންނަނީ މުޞްޙަފުގައި އަތް ނުލައި ޤުރުއާން ކިޔެވުން ހުއްދަވާނެކަމަށެވެ. މިކަމާއި ބެހޭ ގޮތުން ސުޢޫދީ ޢިލްމުވެރިއެއް ކަމުގައިވާ މުޙައްމަދު ޞާލިޙް އަލްމުނައްޖިދު ވިދާޅުވަނީ:
’މިއީ އިޚްތިލާފު އުފެދިފައިވާ މައްސަލައެކެވެ. ޖުމްހޫރު ފިޤުހުވެރިން ދެކެލައްވަނީ، ޙައިޟުވެރިއާ ޠާހިރު ވެއްޖައުމައްދާންދެން ޤުރުއާން ކިޔެވުމަކީ ޙަރާމް ކަމެއްކަމުގައެވެ. ދުޢާ ، ޛިކުރެއް ގޮތުގައި ކިޔެވޭ ޤުރުއާނުގެ ތަންކޮޅެއް ފިޔަވައި، އެ ބޭފުޅުން މި ޙުކުމުން އިސްތިސްނާއެއް ނުކުރައްވައެވެ. މިސާލަކަށް ބިސްމިﷲ ކިއުން، އިއްނާ ލިﷲ ފަދަ އެއްޗެހި ކިއުމެވެ.
މަނާ ކުރުމުގެ ދަލީލަކަށް އެބޭފުޅުން ނަންގަވާފައިވަނީ:
1- ޙައިޟުވެރިއާއަކީ ޖުނުބުވެރިއާއާއި އެއް ޙުކުމެއްގައިވާ މީހެކެވެ. އެހެނީ އެއިން ކޮންމެ ބަޔަކަށްވެސް ހިނައިގަތުން ވާޖިބުވެގެންވެއެވެ. އަދި ޢަލީގެ ފާނު ރިވާ ކުރައްވާފައިވާ މި ޙަދީޘެވެ: لَا يَحْجُزُهُ عَنْ الْقُرْآنِ شَيْءٌ إِلَّا الْجَنَابَةُ
(ރިވާކުރެއްވީ އަބޫ ދާއޫދު ، ތިރްމިޛީ ، ނަސާއީ ، އިބްނު މާޖާ ، އަޙްމަދު)
މާނައަކީ: ’އެކަލޭގެފާނު ޤުރުއާން ކިޔަވާވިދާޅުވުމާއި ދެމެދު ހުރަހެއް ކަމުގައި، ޖުނުބުވެރިކަން ނޫން ކަމެއް ނޯވެއެވެ.‘
2- އިބްނު ޢުމަރު ރަސޫލާ އަރިއަހުން ރިވާކުރައްވާފައިވާ މި ޙަދީޘެވެ. (އިބްނު ތައިމިއްޔާ ވިދާޅުވެފައިވަނީ މިއީ ޙަދީޘް ޢިލްމު ދަންނަ އެންމެންގެ އަރިއަހުގައިވެސް ޟަޢީފް ޙަދީޘެއް ކަމުގައެވެ. ޙަދީޘް ރިވާ ކުރެއްވީ، އިބްނު މާޖާ)
ابْنِ عُمَرَ قَالَ قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ لَا يَقْرَأُ الْجُنُبُ وَالْحَائِضُ شَيْئًا مِنْ الْقُرْآنِ
މާނައަކީ: ’ޙައިޟުވެރިއާ އަދި ޖުނުބުވެރިއާ، ޤުރުއާނުން އެއްޗެއް ނުކިޔާހުށިކަމެވެ.‘
އަނެއް ކޮޅުން ބައެއް ޢިލުމުވެރިން ޙައިޟުވެރިއާ ޤުރުއާން ކިޔެވުން ހުއްދަ ކަމަށް ވިދާޅުވެފައި އެބަ އޮތެވެ. އިމާމް މާލިކް ދެކެވަޑައިގަންނަވަނީ މި ގޮތަށެވެ. އަދި އަޙްމަދު ބިން ޙަންބަލް ގެ އެއް ރިވާޔަތެއްގައިވެސް މިހެން އޮވެއެވެ. ހަމަ އެހެންމެ ޝައިޚުލް އިސްލާމް އިބްނު ތައިމިތާ އިޚްތިޔާރު ކުރެއްވި ގޮތަކީވެސް މިއެވެ. ޝައުކާނީ ތަރުޖީޙު ކުރެއްވީވެސް މިގޮތެވެ.
މި ބޭފުޅުން ދަލީލެއްގެ ގޮތުގައި ނަންގަވަނީ މި ނުކުތާތަކެވެ.
1- އަޞްލަކީ، މަނާ ކުރާނެ ދަލީލެއް ޤާއިމުވަންދެން، ކަންތައްތައް ހުއްދަވުމެވެ. އަދި ޙައިޟުވެރިއާ ޤުރުއާން ކިޔެވުން މަނާ ކުރާނެ ދަލީލެއް ނެތެވެ. އިބްނު ތައިމިއްޔާ ވިދާޅުވިއެވެ: ޙައިޟުވެރިއާ ޤުރުއާން ކިޔެވުން މަނާ ކުރާނެ، ޞަރީޙަ ޞަޙީހު ދަލީލެއް ނެތެވެ. އަދި ވިދާޅުވިއެވެ: ރަސޫލާގެ ޙަޔާތްޕުޅުގައިވެސް އަންހެނުން ޙައިޟުވާނެ ކަމީ އެނގިފާޅު ކަމެކެވެ. އަދި ރަސޫލާ އެކަނބަލުން ޤުރުއާން ކިޔެވުން މަނައެއް ނުކުރައްވައެވެ. އަދި ޛިކުރު ކުރުމުންވެސް މަނައެއް ނުކުރައްވައެވެ.
2- ޙައިޟުވެރިއާ ޤުރުއާން ކިޔެވުން މަނާ ކުރުމުގައި، ޖުނުބުވެރިއާއަށް ޤިޔާސްކުރުން އެއީ ، ދެ ކަމުގައި ތަފާތު ހުރުމާއިއެކު ޤިޔާސް ކުރުމެކެވެ. އަދި އެއީ ކަމުދާ ގޮތެއް ނޫނެވެ. އެހެނީ ޖުނުބުވެރިކަމަކީ އޭނާގެ އަމިއްލަ އިޚްތިޔާރުން، ފިލުވާލެވިދާނެ އެއްޗެކެވެ. ހިނައިގަތީމާ ހުރިހާ ކަމެއް ނިމުނީއެވެ. ނަމަވެސް ޙައިޟު އެހެނެއް ނޫނެވެ. ޙައިޟުގެ މުއްދަތު އާދަކޮށް ދިގުވެގެން ދެއެވެ.
3- ޤުރުއާން ކިޔެވުމަށް މާތް ﷲ އަމުރުކުރައްވައި، އެ ކިޔަވާ މީހުންނަށް ޘަނާކިއުއްވާފައިވެއެވެ. މިކަމުގެ ޘަވާބުވެސް އެހާ ބޮޑެވެ. ފަހެ ދަލީލަކުން ސާބިތުވެގެން ނޫނީ މިކަން މަނައެއް ނުކުރެވޭނެއެވެ.
4- ޙައިޟުވެރިއާ ޤުރުއާން ކިޔެވުން މަނާ ކުރުމުން، ފަހަރެއްގައި އޭނާ ދަސްކޮށްފައި ހުރި އެއްޗެހި ހަނދާންވެސް ނެތިދާނެއެވެ. އަދި އުނގެނޭއިރު ނުވަތަ އުނގަންނައިދޭއިރުވެސް ކިޔަވަން ޖެހެއެވެ.
މި ދިޔަ ދަލީލުތަކާއި މުނާޤަޝާތަކަށް ބަލާއިރު، ޙައިޟުވެރިއާއަށް ޤުރުއާން ކިޔެވުން ހުއްދަކަމަށް ބުނާ މީހުންގެ ދަލީލުތައް ވަރުގަދަކަމަށް ފެނެއެވެ.
މިތާނގައި ހަނދާން ބަހައްޓަންވީ ތަންކޮޅަކީ، މަތީގައި ވާހަކަ ދެކެވިފައި އެހެރީ ޙައިޟުވެރިއާ ، ހިތުން ނުވަތަ ބަލައިގެން (އަތް ނުލާ) ޤުރުއާން ކިޔެވުމެވެ. އެހެނީ ޢިލްމުވެރިންގެ ބަސްތަކުގެ ތެރެއިން ރާޖިޙް ބަހަކީ، ޙަދަޘްވެރިކަމެއްގައި ހުރެ ޤުރުއާނުގައި އަތްލުން ޙަރާމްކަމަށް ބުނާ ބަހެވެ. ވީމާ ޙަދަޘްވެރިކަމެއްގައި ހުރެ، ޤުރުއާނުގައި އަތްލުން ހުއްދައެއް ނުވާނެއެވެ. ޙައިޟުވެރިއާއަކީ ޙަދަޘްވެރިއެކެވެ. އަދި ވުޟޫ ކުރިއަސް އޭނާގެ ޙަދަޘް ވެރިކަމުން އަރައި ނުގަނެވޭނެ ޙަދަޘްއެކެވެ.
އެހެންވީމާ މުޞްޙަފަކުން ކިޔަވަން ބޭނުންވާ ޙައިޟުވެރިއާ ، މުޞްޙަފުގައި ހުރަހެއް ނެތި އަތްލުމުން ދުރުވެ ރައްކާތެރިވާންޖެހޭނެއެވެ.‘ ނިމުނީ
ބިން ބާޒް ވެސް ފަތުވާ ދެއްވާފައި އޮންނަނީ ޙައިޟުވެރިއާ، މުޞްޙަފްގައި އަތް ނުލައި ޤުރުއާން ކިޔެވުން ހުއްދަ ކަމަށެވެ. އަތް ލުން ހުއްދަ ނުވަނީ އެއީ ވުޟޫ ނެތުމުންނެވެ.
ނޯޓު :
* ވުޟޫ ނެތިވެސް ޤުރުއާން، ހިތުން ކިޔެވުން ހުއްދައެވެ.
* ޖުނުބުވެރިއާއަށް އެއްވެސް ގޮތަކަށް ޤުރުއާން ކިޔެވުން ހުއްދައެއް ނޫނެވެ. ބަލައިގެންވިޔަސް ނުބަލައިވިޔަސް ވެހެވެ. ކިޔަވައިފިނަމަ އެކުރެވެނީ ޙަރާމް ކަމެކެވެ.
ޙައިޟުވެރިއާއާއި ނިފާސްވެރިއާއަށް ޙަރާމް ކަންތައް :
1- ޖިމާޢުވުން.
2- ނަމާދު ކުރުން، ޙައިޟު ނިފާސްވެރިއާ ނަމާދު ކުރުން ޙަރާމެވެ. އެއީ ފަރުޟު ނަމާދެއް ވިޔަސް ސުންނަތް ނަމާދެއް ވިޔަސްވެހެވެ. އަދި ދޫ ކުރާ ނަމާދު ފަހުން ޤަޟާކުރާކަށް ނުޖެހޭނެއެވެ.
3- ރޯދަ ހިފުން ހުއްދައެއް ނޫނެވެ. އެއީ ފަރުޟު ރޯދައެއް ވިޔަސް ސުންނަތް ރޯދައެއް ވިޔަސްވެހެވެ. ޙައިޟުވެގެން ނުވަތަ ނިފާސްވެގެން ދޫ ކުރާ ފަރުޟު ރޯދަ ފަހުން ހިފަންޖެހޭނެއެވެ. މި ގޮތަށް ޤަޟާ ކުރާ ރޯދަ، ޖެހިޖެހިގެން ހިފާކަށް ނޯވެވެ. ވީމާ ޙައިޟުގައި ދޫ ކުރީ 7 ރޯދަ ކަމަށް ވަންޏާ، ދެ ދުވަހުން އެއް ދުވަހު ރޯދަ ހިފައި 14 ދުވަސް ތެރޭ ވެސް ނިންމިދާނެއެވެ. ނުވަތަ މަހަކު ރޯދައެއް ހިފައި ހަތް މަސްތެރޭ ނިންމިޔަސް މައްސަލައެއް ނެތެވެ. އެކަމަކު ރޯދަ ޤަޟާ ނުކޮށް ލަސް ކުރުން ރަނގަޅެއް ނޫނެވެ. ސަބަބަކީ އެއީ މުސްލިމާގެ ކޮނޑުގައި އެޅިފައިވާ އަދާ ކުރަން ޖެހޭ ’ދަރަންޏެ‘ ކެވެ. ރަނގަޅު ގޮތަކީ ވީހާވެސް އަވަހަކަށް ދަރަނި އަދާ ކުރުމެވެ.
ޞަޙީޙް މުސްލިމުގެ ’އަލްޙައިޟް‘ މި ބާބުގައި އައިސްފައިވާ، ޢާއިޝަތުގެފާނު ރިވާ ކުރައްވާފައިވާ ޙަދީޘެއްގައިވަނީ: قَالَتْ كَانَ يُصِيبُنَا ذَلِكَ فَنُؤْمَرُ بِقَضَاءِ الصَّوْمِ وَلَا نُؤْمَرُ بِقَضَاءِ الصَّلَاةِ
މާނައަކީ: ”ޙައިޟުވީމާ ދޫވާ ނަމާދު ޤަޟާ ނުކޮށްފައި ރޯދަ ޤަޟާ ކުރުމާ ބެހޭ ގޮތުން އަންހެނަކު ޢާއިޝަތުގެފާނަށް ސުވާލު ދެންނެވުމުން ވިދާޅުވިއެވެ: ’ތިކަން (ޙައިޟު) އަހަރެމެންނާ ދިމާވިއެވެ. އަދި އަހަރެމެންނަށް އަމުރު ކުރެވުނޫ ރޯދަ ޤަޟާކުރާށެވެ. އަދި ނަމާދު ޤަޟާކުރާކަށް އަމުރު ނުކުރެވެއެވެ.“
އަދި މި ޙާލަތުގައި ހުރެ މީހުންނަށް ލަދުން ރޯދަ ހިފުން އެއްގޮތަކަށްވެސް ހުއްދައެއް ނުވާނެއެވެ. ބައެއް އަންހެނުން ޙައިޟު ވީމައި ރޯދަ ނުހިފައި ތިއްބަސް، ދުވާލު ގަޑީގައި ކެއުމުން ދުރުހެލިވެއެވެ. ނަމަވެސް މިއީ އޮންނަ ގޮތެއް ނޫނެވެ. އޭނާއަށް ރޯދަ ހިފުން ވާޖުބު ނުވުމުގެ މާނައަކީ ކެއުން ހުއްދަވީއެވެ. ނަމަވެސް ކައިބޮއެ އުޅުމުގައި، ރޯދަ ހިފައިގެން ތިބޭ އެހެން މީހުންނަށް ބަލާލުމަކީ، ޢާއްމު އަދަބުގެ ތެރޭގައި ހިމެނޭ ކަމެކެވެ.
4- ޠަވާފް ކުރުން :
ޙައްޖުގެ އަޅުކަންތަކުގެ ތެރެއިން ޙައިޟުވެރިއާއަށް ކުރުން ހުއްދަ ނޫން ހަމައެކަނި ކަމަކީ ޠަވާފް ކުރުމެވެ. ވީމާ އަންހެނަކު ހައްޖަށް ގޮސްފައި ހުއްޓާ ޙައިޟު ވެއްޖެނަމަ ހާސްވާނެ ކަމެއް ނެތެވެ. ޢާއިޝަރުގެ ފާނަށްވެސް މިފަދަ ޙާލަތެއް ދިމާވެގެން ، ކަންތައް ކުރާނެ ގޮތް ރަސޫލާ އަންގަވާފައިވެއެވެ.
ޙައިޟު ކެނޑުމުން ޠަވާފުލް އިފާޟާ ކުރާނީއެވެ. ނަމަވެސް އެކުގައި ދާ ޖަމާޢަތުގެ މީހުން އޭނާ ޙައިޟު ކެނޑުމުގެ ކުރިން އަނބުރާ ރަށަށް ދާނަމަ ހަދާނީ ކިހިނެއް ހެއްޔެވެ؟ އިބްނު ތައިމިއްޔާ މިފަދަ ޙަލަތެއްގައި ޠާވާފުލް އިފާޟާ ކުރުން ހުއްދަ ކަމަށް ފަތުވާ ދެއްވާފައިވެއެވެ. އެއީ އުޞޫލުލް ފިޤްހުގައި އޮންނަ ’އައްޟަރޫރާތު ތުބީޙުލް މަޙާޡޫރާތި‘ މި ޤަވާޢިދުގެ ދަށުންނެވެ. މ ބަހުގެ މާނައަކީ ’ޟަރޫރީ ކަންތައްތައް، މަނާ ކަންތައް ހުއްދަ ކުރުވައެވެ.‘ މިސާލަކަށް ނަމާދު ވަގުތު ފާއިތުވާ އިރުވެސް ޢައުރަ ނިވާކުރާނެ ހެދުމެއް ނެތްނަމަ، އޮރިއާމުން ހުރެ ނަމާދު ކުރުންވެސް ހުއްދައެވެ. ބަނޑަށް މަރުވެދާނެކަން ޔަޤީންވާ ނަމަ އެހެން އެއްވެސް އެއްޗެއް ނެތް ތަނެއްގައި، ފުރާނަ ސަލާމަތްވާވަރަށް ޙަރާމް އެއްޗެއް ކެއުންވެސް ހުއްދައެވެ.
5- މިސްކިތުގައި މަޑު ކުރުން.
ނަމަވެސް ޙައިޟުވެރިއާއި ޖުނުބްވެރިއާ މިސްކިތް ހުންނަ ސަރަހައްދު ތެރެއިން މަގު ހުރަސްކުރުމުގެ ބޭނުމުގައި ވަނުން ހުއްދައެވެ.
6- މުޞްޙަފުގައި ހުރަހަކާއި ނުލައި އަތްލުން . (ތަފްޞީލު:ޤުރުއާންކިޔެވުމާ ވުޟޫހުރުން)
7- އަންހެނާ ޙައިޟުވެފައި ހުއްޓާ ވަރިކުރުން ހުއްދައެއް ނޫނެވެ. މިގޮތަށް ވަރިކޮށްފިނަމަ އެޔަށް ކިޔަނީ ޠަލާޤު އަލްބިދްޢީ (ބިދްޢަ ވަރި)އެވެ. މި ގޮތަށް ވަރި ކުރުން ހުއްދަ ނޫން ކަމުގައި ވިޔަސް ، ވަރިކޮށްފިނަމަ ވަރި ވާނެތޯ ނުވަތަ ނޫންތޯ އެއީ، ޚިލާފު އުފެދިފައިވާ މައްސަލައެކެވެ. ހަތަރު މަޛްހަބު ދެކެނީ ވަރިވާނެ ކަމަށެވެ. އިބްނުލް ޤައްޔިމް ވިދާޅުވަނީ ނުވާނެކަމަށެވެ. ޡާހިރީ މަޛްހަބު މީހުންވެސް ދެކެނީ މިގޮތަށެވެ.
ނޯޓު :
– ޙައިޟުވެފައި ހުއްޓާ ކާވެނި ކުރުމަކީ ފަހަރެއްގައިވެސް މަނާ ކަމެއް ނޫނެވެ. އެއީ ހަމަ މުޅިން ހުއްދަކަމެކެވެ. ނަމަވެސް ހިނައިގަންނަންދެން ޖިމާޢު ނުވެވެނެއެވެ.
– ޙައިޟުގެ ލޭ އައުން ހުއްޓުނަސް، ހިނައިގަތުމުގެ ކުރިން ޖިމާޢުވުން ހުއްދައެއް ނޫނެވެ.
– ނަމަވެސް މީހަކު މިސާލަކަށް ފަޖުރު ވުމުގެ ކުޑަ ވަގުތުކޮޅެއް ކުރިން ޙައިޟުގެ ލޭ ހުއްޓިއްޖެނަމަ، އެ ފެއްޓޭ ދުވަހުގެ ރޯދަ ހިފަން ޖެހޭނެއެވެ. ދެން ފަހުން އޭނާ ހިނައިގަނެ ފަތިސް ނަމާދު ކުރާނީއެވެ. ސަބަބަކީ ޠާހިރު ވުމަކީ ރޯދަ ހިފުމުގެ ޝަރުޠަކަށް ނުވާ ކަމެވެ.
ޙައިޟު ނުވާ ބޭސް، ރޯދަމަހު ކެއުން:
ރޯދަ މަހަކީ އެމަހުގައި ހުސް ބަރަކާތް ހިމެނޭ މަހެކެވެ. ވީމާ ބައެއް އަންހެނުން އެ މަހުގައި ޙައިޟުވީމާ، ހޯދައިގެނެވޭ ބަރަކާތް މަދުވިޔަ ނުދިނުމަށްޓަކައި ، ޙައިޟުނުވާނެ ކަހަލަ ބޭސް ބޭސް ބޭނުންކުރަން ޚިޔާލުކޮށްފާނެއެވެ. ޙައްޖަށް ދާއިރުވެސް ބައެއް މީހުން މިކަހަލަ ބޭސް ބޭނުންކުރެއެވެ. ވީމާ މިއީ ކޮންކަހަލަ ކަމެއް ހެއްޔެވެ؟
މި ސުވާލުގެ ޖަވާބުގައި ޝައިޚް ޤަރަޟާވީ ވިދާޅުވަނީ :
”ހުރިހާ މުސްލިމުންވެސް އެއްބަސްވާ ގޮތުގައި، ރޯދަ މަހު މުސްލިމު އަންހެނުންނަށް ޙައިޟުގެ ދުވަސްވަރު ރޯދަ ވާޖިބެއް ނޫނެވެ. ކިއެއްތަ އެ ކަނބަލުންނަށް ޖެހޭނީ ނުހިފުނު ރޯދަތައް ފަހުން ޤަޟާކުރާށެވެ. މިއީ އަންހެނުން ޙައިޟުވެފައި ތިބޭ އިރު ނަފްސާނީ ގޮތުންނާއި، ޖިސްމާނީ ގޮތުންވެސް އަންނަ ބަދަލަށް ރިޢާޔަތްކުރައްވާ ، މާތް ﷲ އެކަނބަލުންނަށް ދެއްވާފައިވާ ލުޔެކެވެ. ރޯދަ ނުހިފަން އަމުރުކުރެއްވީ ތަބާވުން ވާޖިބު ގޮތެއްގައެވެ. އިޚްތިޔާރު އޮންނަ ގޮތަކަށް ނޫނެވެ. މާނައަކީ މިސާލަކަށް މީހަކު ދަތުރުމަތީ އެ އޮންނަ ’ރޯދަ ނުހިފުމުގެ‘ ފުރުސަތުގެ ބޭނުން ނުކޮށް، ރޯދަ ހިފިޔަސް އޭނާގެ ރޯދަ ކަމުދާނެއެވެ. އެކަމަކު ޙައިޟުވެރިއާ އެ ގޮތަށް ރޯދަ ހިފިޔަސް އެ ރޯދަ ޤަބޫލެއް ނުކުރެވޭނެއެވެ. އޭނާއަށް ޖެހޭނީ ހަމަ އަލުން އެ ރޯދަ ޠާހިރުކަން މަތީ ހުރެ ހިފާށެވެ. ކުރީގައި މުސްލިމު އަންހެނުން ޢަމަލު ކުރަމުން އައި ގޮތަކީވެސް، އެއީ އެވެ. ޙައިޟު ވީމާ ރޯދަ ނުހިފާ ފަހުން އެ ރޯދަ ޤަޟާ ކުރަނީއެވެ.
އަހަރެން ޝަޚުޞީ ގޮތަކަށް ބުނާނަމަ ބުނާނީ، އަހަރެން ބޮޑަށް ތާއީދު ކުރާނީ، ޠަބީޢަތަށް އެކަން ދޫކޮށްލުމަށެވެ. ޙައިޟަކީ މާތް ﷲ އަންހެނުންނަށް ދިމާކުރަށްވާފައިވާ ޠަބީޢީ ކަމެކެވެ. އަދި ހަމަ އެކަލާނގެވަނީ ރޯދަ ނުހިފުމަށްވެސް އަންގަވާފައެވެ. ވީމާ އެގޮތަށް ކަންތައް ބޭއްވުން މާ ރަނގަޅުވާނެއެވެ. ނަމަވެސް ޙައިޟުވުން ލަސްކުރުވާފަދަ ބޭހެއް ބޭނުން ކުރުން ޙަރާމެއް ނުވާނެއެވެ. އެކަމަކު އެއީ އޭނާގެ ޞިއްޙަތަށް ގެއްލުމެއް ނުލިބޭނެ އެއްޗެއްކަން ޔަޤީންވަންޏާއެވެ. މި ފަދަ ބޭހެއް ކައިގެން ޙައިޟު ނުވެ ހުރުމުން، ހަމަ އާދައިގެ މަތިން އޭނާއަށް ނަމާދު ކުރުމާއި ރޯދަ ހިފުން ވާޖިބުވާނެއެވެ. “ (އިބްނު ބާޒް ވެސް، ބޭސް ބޭނުންކުރުން ހުއްދަކުރައްވާފައިވޭ)



