ހައިޟުގެ ލޭ ދެނެގަންނާނެ ކުލަތަށް އެނގޭތަ؟

ޖަވާބު:

ޙައިޟު ނިފާސްކަމަކީ، ޙަޤީޤަތުގައި މުސްލިމު އަންހެނެއްގެ ޙަޔާތުގައި ދީނީ ގޮތުންނާއި ދުންޔަވީ ގޮތުންވެސް ވަރަށް މުހިއްމު ކަމެކެވެ. އަދި މުސްލިމު ނޫނަސް އަންހެން ޖިންސުގެ ކޮންމެ މީހެއްގެ ޙަޔާތުގައިވެސް، ޙައިޟަކީ ވަރަށް މުހިއްމު ކަމެކެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

ދީނީ ގޮތުން މި ކަންތައް މުހިއްމު ކަމަކަށްވަނީ، ޙައިޟު ނިފާސް ކަމުގެ ޙުކުމް، އިސްލާމްދީނުގެ ފަސް ރުކުނުގެ ތެރެއިން 3 ރުކުނަކާއި ގުޅިފައިވާތީއެވެ.

އާދެ، ނަމާދާއި ރޯދައާއި ޙައްޖުގެ އަޅުކަމާއި، ޙައިޟު ނިފާސްކަމުގެ ޙުކުމް މި އޮންނަނީ ގުޅިފައެވެ. ކައިވެނީގެ ބައެއް މައްސަލަތަކާއި، ވަރިކުރުމުގެ މައްސަލަތަކުގެ ތެރެއަށްވެސް، ޙައިޟުގެ ޙުކުމް އަސަރުކުރުވައެވެ. އަދި އަނބިފިރިކަމުގެ ގުޅުން ހިންގުމާއި، ޢިއްދާގައި ހުރުންވެސް މެއެވެ.

ހަމަ އެހެންމެ އަންހެނުން ބާލިޣުވެ މުކައްލަފަކަށް ވެއްޖެ ކަމުގައި ދީނީ ގޮތުން ބެލެނީވެސް ޙައިޟުވީމައެވެ. އަދި ބަލިވެ އިނުމާއި ، ދިރިއުޅުމުގެ އެތައް ކަމަކާއި މި ކަންތައް ގުޅިފައިވެއެވެ.

މިހެންވީމާ، ޙައިޟު ނިފާސް ކަމާއި ބެހޭ، ޑޮކްޓަރީ މަޢުލޫމާތާއި ދީނީ މަޢުލޫމާތު ފުރިހަމައަށް ހޯދުމަކީ ވަރަށްވެސް މުހިއްމު އަދި ބޭނުންތެރި ކަމެއްކަން ކަށަވަރެވެ. ޢާންމުކޮށް އަންހެނެއްގެ މުޅި ޢުމުރުގައި ހޭދަ ކުރަން ޖެހޭ ޙައިޟުގެ ދުވަސްތައް އެއްކޮށްލައިފިއްޔާ، 6 އަހަރަށްވުރެ ދިގު މުއްދަތެއް ޙައިޟުގައި ހޭދަ ކުރެއެވެ. ކަން މިހެން އޮތް އިރު، މިކަމުގެ ރަނގަޅު މަޢްލޫމާތެއް ނުލިބި ހުރުމަކީ އަންތަރީސް ވާވަރުގެ ކަމެކެވެ.

ޙައިޟުވާގޮތް :

ސިކުނޑީގެ ތިރީގައިވާ ޕިޓިއުޓަރީ ގްލޭންޑް(Pituitary Gland)ގެ ހޯރމޯން ތަކުގެ އަސަރުން ކޮންމެ މަހަކުވެސް، ބިހެއް ބޮޑުވުމުގެ ނުވަތަ ފައްކާވުމުގެ މަސައްކަތް ފައްޓުވައެވެ. މީގެ ތެރެއިން ފުރިހަމައަށް ފައްކާވެވެނީ އެންމެ ބިހަކަށެވެ. އެއަށްފަހު ދެން މިބިސް ފެލޯޕިއަން ޓިއުބުގެ ތެރެއިން، ރަޙިމާއި ދިމާއަށް ދަތުރުފަށައެވެ.

ބިސްއުފެދެން ފަށަނީ ކޮންމެ ދެ ޙައިޟެއްގެ ދެމެދުގައިވާ ވަގުތުގައެވެ. ބިސް އުފެދުމަށްފަހު އޯވަރީގައި ޔެލޯބޮޑީ(Yellow body) އޭ ކިޔާ އެއްޗެއް އުފެދެއެވެ. އަދި ޕްރޯޖެސްޓަރޯން (Progesterone )ކިޔާ ހޯރމޯން އޯވަރީން ބޭރުކުރެއެވެ. މި ހޯރމޯން ހަދާ ގޮތަކީ، ދަރިފަނި ވަދެގެން މުޑުވައް ’ވެދާނެ‘ ބިހަށް، ރަޙިމުގެ ފާރު ނުވަތަ ދުލިފަށް ތައްޔާރު ކުރުމަށްޓަކައި، އޭގެ ބޯމިން އިތުރުކޮށްލައެވެ. (ބިހުގައި ފަނި މުޑުވައް ވީމާ ބިސް ގޮސް ރަހިމުގެ ފާރުގައި ތައްލާނީއެވެ.)

ބިސް މުޑުވައް ނުވެއްޖެނަމަ ( ބިހުގެ ތެރެއަށް ދަރިފަނި ނުވަންނަނަމަ ) ރަޙިމުގެ ފާރު ކުޑަވެ، ޔެލޯބޮޑީ އޯވަރީ ތެރޭ ހަލާކުވެއެވެ. މިކަމުގެ ސަބަބުން ރަޙިމުގެ ފަށަލައިގައިވާ ބައިތައް ދޫވެ، ޙައިޟުގެ ލޭގެ ސިފައިގައި ބޭރުވެއެވެ.

ވީމާ މިއީ އެއްގޮތަކަށްވެސް ، ރަޙިމުގައި ހުންނަ ލޭ ނާރަކުން ފައިބާ ލެޔެއް ނޫނެވެ. އާދައިގެ ލެޔާއި މި ތާފާތުވަނީ އެހެންވެގެންނެވެ. މި ލިއުމުގައި އަދި ތަންކޮޅެއް ފަހުން ވަހަކަދެކެވޭނެ ’އިސްތިޙާޟާ‘ އަކީ ޙައިޟާއި ޚިލާފަށް ރަޙިމުގެ ނާރުތަކުން ފައިބާ އެއްޗެކެވެ. އެހެންވެ ޙަދީޘެއްގައިވެސް އެވާހަކަ ބުނެވިފައިވެއެވެ.

ޤުރުއާނުގައި ޙައިޟު ސިފަކުރައްވާފައިވަނީ އެއީ ’ކުޑަ އުދަނގުލެއް‘ ކަމުގައެވެ. އާއެކެވެ. އެއީ އަންހެނުންނަށްވެސް ލިބޭ އުދަނގުލެކެވެ. އަދި ފިރިހެނުން ޖިމާޢު ނުވެވުމުންވެސް އުދަނގޫވެއެވެ. އަދި ގުޅުން ހިންގައިފިނަމަ ޖެހޭ ބަލިތަކަކީވެސް އުދަނގުލެކެވެ. ނަމަވެސް އެއީ ނަސްލު ދެމެހެއްޓުމާއި އަދި އެނޫންވެސް އަހަރެމެންނަށް ނޭނގޭ ޙިކުމަތްތަކަކަށް މާތް ﷲ އަންހެން ޖިންސު އުފައްދަވާފައިވާ ގޮތެވެ.

ޙައިޟު ފެއްޓުމާއި، އިއްދައިން ކެނޑުން:

އަންހެނުން ޙައިޟުވާން ފައްޓާނެ، ކަނޑައެޅިގެން ބުނަން އެގޭ ވަކި ޢުމުރެއް ނޯވެއެވެ. ޙައިޟުވާ ޢުމުރު ބިނާވެފައި އޮންނަނީ، ވިރާޘީ ސަބަބުތަކާއި، ޞިއްޙަތާއި، އުޅޭ ވެއްޓެއްގެ މައްޗަށެވެ.

ގިނަ އަންހެންކުދިން، އެންމެ ފުރަތަމަ ޙައިޟުވާން ފައްޓަނީ 11 އަހަރާއި 14 އަހަރާއި ދެމެދުގައެވެ. އެކަމަކު ބައެއް ކުދިން 9 އަހަރުގައިވެސް ޙައިޟުވާން ފައްޓައެވެ. އަދި ލަސްވެގެން ގޮސް 16، 17 އަހަރުގައިވެސް ވެދާނެއެވެ.

9 އަހަރާއި 16 އަހަރާއި ދެމެދު ކޮންމެ އަހަރެއްގައި ވިޔަސް، އެމީހަކު ވާނީ ހަމަ ’އާދައިގެ‘ މީހެއްކަމަށެވެ. މާ ބޮޑަށް ލަސް ނުވަންޏާ އެއީ ބައްޔެއްކަމަށް ނުބެލޭނެއެވެ.

16 އަހަރުވާއިރު ވެސް ޙައިޟުވާން ނުފައްޓައިފިނަމަ، ޑޮކްޓަރެއްގެ ލަފާ ހޯދަން ޖެހޭނެއެވެ. އެއީ މި ޢުމުރަށް ދާއިރި ޙައިޟު ނުވުމުގެ މާނައަކީ ބޭނުންވާ ވަރަށް އެސްޓްރޯޖިން (Estrogen) ހަށިގަނޑުގައި އުފެދެމުން ނުދާ ކަމެވެ.

ޙައިޟުގެ މުއްދަތަށް ބަލާއިރު ޢާއްމު ގޮތެއްގައި 1 ދުވަހުން ފެށިގެން 7 ދުވަހާ ދެމެދުގެ މުއްދަތަކަށް، ޙައިޟުވެދާނެއެވެ. އެކި މީހުން ޙައިޟު ވާ ދިގުމިން ތަފާތުވާނެއެވެ.

އަލަށް ޙައިޟުވާން ފައްޓާ އަންހެނުން އެހާ އިންތިޒާމު ގޮތަކަށް، ޙައިޟު ނުވެއެވެ. ހަށިގަނޑު އަދި އެއްކޮށް އެކަމަށް ތައްޔާރު ނުވާތީއާއި، ވަމުންދާ ތައްޔާރީތަކުގެ ސަބަބުން، އެކި މަސްމަހު އެކި ދިގުމިނަށް ނުވަތަ، އެކި ދުވަސްވަރުގައި، މިފަދަ މީހުން ޙައިޟުވުމަކީ، ވެދާނެ ކަމެކެވެ. އަދި އެއީ މައްސަލައެއް ނުވަތަ ބައްޔެއް ނޫނެވެ.

އިއްދައިން ކެނޑުން ދިވެހި ރަދީފުގައި މާނަކޮށްފައި އޮންނަނީ ’ދުވެސްވެ މުސްކުޅިވެގެން ޙައިޟު ނުވާގޮތްވުން“ ”އިޔާސް ވުން‘ ކަމަށެވެ. ޢަރަބި ބަހުގައި މިއަށް ކިޔަނީ ’ޔައުސް‘ އަދި މި ޢުމުރަށް ’ސިއްނުލް ޔައުސް‘ އެވެ. މާނައަކީ އުންމީދު ކެނޑުން ނުވަތަ، ދަރިން ނުލިބުމެވެ.

ހީވާ ގޮތުގައި ދިވެހިން ޙައިޟު ވުން ހުއްޓުމަށް ’އިއްދައިން ކެނޑުމޭ‘ ބުނަނީ ޙައިޟުވާ މީހުން ’ޢިއްދާ‘ ގައި ހުންނަން ޖެހޭ މުއްދަތު ކަނޑައަޅާ ޙައިޟު ހުއްޓުމަށް ނިސްބަތް ކޮށްފައެވެ.

މި ޢުމުރަކީ ޖިސްމާނީ ބަދަލުތަކުގެ އިތުރުން، އަންހެނުންނަށް ނަފްސާނީ ގޮތުން ވަރަށް ބޮޑެތި ބަދަލުތަކެއް އަންނަ ޢުމުރެކެވެ.

ޙައިޟުވާން ފައްޓާ ޢުމުރު ނޭނގޭފަދައިން، އަންހެނުން ޙައިޟު ހުއްޓޭ ވަކި ޢުމުރެއްވެސް ނޯވެއެވެ. ބައެއް މީހުން 45، 50 އަހަރުގައި އިއްދައިން ކެނޑޭއިރު އެއަށްވުރެ ލަހުން އެކަން ދިމާވާ މީހުންވެސް އުޅެއެވެ. ދީނުގައި ކަނޑައެޅިގެން ވަކި ޢުމުރެއް ބުނެފައި ނޯވެއެވެ. ޤުރުއާނުގައި ޙައިޟުގެ ވާހަކަ އަދި އިއްދައިން ކެނޑޭ ޢުމުރު(ސިއްނުލް ޔައުސް) ވާހަކަ އޮންނަ ތަނެއްގައިވެސް (ސޫރަތުއް ޠަލާޤް 3) ، އެއްވެސް ޢަދަދަކަށް އިޝާރާތް ކުރައްވާފައި ނޯވެއެވެ. ޙަދީޘްވެސް ހަމައެފަދައެވެ.

ވީމާ މީގައި އޮންނާނެ ގޮތަކީ، ޙައިޟުގެ އަސަރަށް ބެލުމެވެ. އަސަރަކީ ލެޔެވެ. 9 އަހަރަށް ފަހު އެތެރޭގެ ޖިންސީ ގުނަވަނުގެ ބައްޔެއްގެ ސަބަބުން ނޫން ގޮތަކަށް ފައިބާ، ޙައިޟު ލޭގެ ސިފަ ދެވޭ ލޭ ފައިބަންޏާ ބުނެވޭނީ އެއީ ޙައިޟު ކަމަށެވެ. މި ލޭ ފޭބުން ހުއްޓުނީމާ ބުނެވޭނީ އޭނާ އެހެރީ އިއްދައިން ކެނޑިފައި ކަމަށެވެ.

ޙައިޟުގެ ލޭ ދެނެގަންނާނެ ގޮތް:

ފައިބާ ލެޔަކީ އެއީ ޙައިޟުކަން ނުވަތަ ނޫންކަން ދެނެގަންނާނީ ކިހިނެއްހެއްޔެވެ؟ ބަލަން އޮތް މިންގަނޑަކީ ލޭގެ ކުލަހެއްޔެވެ؟ ނުވަތަ ފައިބާ ވަގުތުހެއްޔެވެ؟ ނުވަތަ ފައިބާ މިންވަރުންހެއްޔެވެ؟ އަދި ޞުފްރާ* ނުވަތަ ކުދްރާ* ޙައިޟުގެ ދުވަސްވަރުގައި ފޭބުމަކީ ކިހިނެއްވާނެ ކަމެއްޔެވެ؟ ޙައިޟުގެ ދުވަސްވަރު ނޫންނަމަ މި ދޭތީގެ ޙުކުމަކީ ކޮބާހެއްޔެވެ؟

އަންހެނެއްގެ ފައިބާ ކޮންމެ ލެޔަކީ އެއީ ޙައިޟުގެ ލެޔެއް ނޫނެވެ. ފަހަރެއްގާ އެއީ ޙައިޟަށް ވެސް ވެދާނެއެވެ. އިސްތިޙާޟާއަށް ވެސް ވެދާނެއެވެ. އަދި ވިހައިގެން އުޅޭ މީހެއްނަމަ ނިފާސްއަށް ވެސް ވެދާނެއެވެ. މި އިން ކޮންމެ ލެޔަކީވެސް އެކަތި އަނެކައްޗާއި ތަފާތު އެއްޗެކެވެ. ސިފައިގެ ގޮތުންވެސް ތަފާތެވެ. އަދި ވަގުތުގެ ގޮތުންވެސް ތަފާތެވެ. މި އަންނަނިވި ކަންތައްތަކުން ޙައިޟުގެ ލޭ ފާހަނގަ ކުރެވޭނެއެވެ.

1 – ކަޅު ރަތް ކުލަ ، ރަސޫލާ ޙަދީޘް ކުރައްވާފައިވަނީ: عَنْ ‏ ‏فَاطِمَةَ بِنْتِ أَبِي حُبَيْشٍ ‏ أَنَّهَا كَانَتْ ‏ ‏تُسْتَحَاضُ ‏ ‏فَقَالَ لَهَا النَّبِيُّ ‏ ‏صَلَّى اللَّهُ عَلَيْهِ وَسَلَّمَ ‏ ‏إِذَا كَانَ دَمُ الْحَيْضَةِ فَإِنَّهُ أَسْوَدُ يُعْرَفُ فَإِذَا كَانَ ذَلِكَ فَأَمْسِكِي عَنْ الصَّلَاةِ فَإِذَا كَانَ الْآخَرُ فَتَوَضَّئِي وَصَلِّي فَإِنَّمَا هُوَ عِرْقٌ

މާނައަކީ: ”ފާޠިމަތު ބިންތު އަބީ ޙުބައިޝް ރަސޫލާ އަރިއަހު އޭނާ ޙައިޟު ނުހުއްޓި ލޭ އަންނަ ވާހަކަ ދެންނެވުމުން ރަސޫލާ ޙަދީޘް ކުރެއްވިއެވެ:‘ އެއީ ޙައިޟުގެ ލޭނަމަ، ފާހަނގަ ކުރެވޭ ކަޅު ކުލައެއް ހުންނާނެއެވެ. ލޭ ހުރީ އެ ސިފައިގައި ނަމަ، ނަމާދު ކުރުމުން ދުރުވާށެވެ. އެހެން ނޫންނަމަ ވުޟޫކޮށްގެން ނަމާދު ކުރާށެވެ. އެ ލޭފައިބަނީ (އިސްތިޙާޟާ) ލޭނާރު ތަކަކުންނެވެ. ’ (ސުނަން އަބީ ދާއޫދް ، ބާބް އައްޠަހާރާ)

2 – ޞުފްރާ * ބަހުގެ މާނަ

3 – ކުދްރާ * ބަހުގެ މާނަ

4 – އޭގައި ހުންނަ ވަހުން

5 – ހަށިގަނޑަށް އަންނަ ބަދަލުން

6 – އިންތިޒާމަކުން ޙައިޟުވާ މީހެއްނަމަ ، ވަގުތުން

ފައިބާ މިންވަރަށް ބަލާއިރު އޭގައި ވަކި މިންވަރެއް ނޯވެއެވެ. ކުޑަ ފޮދެއްވެސް ޙައިޟު ކަމުގައި ވެދާނެއެވެ.

ޙައިޟުގެ އެންމެ ކުރު މުއްދަތާއި ދިގު މުއްދަތު :

ޙައިޟުގެ އެންމެ ކުރު މުއްދަތާއި ދިގު މުއްދަތް ކަނޑައެޅުމުގެ މައްސަލާގައި ޢިލްމުވެރިން ޚިލާފު އުފެދިފައިވެއެވެ. ހިނދުކޮޅަކަށް ލޭފޭބުމުން ފެއްޓިގެން ގޮސް ސަތާރަ ދުވަހާއި ދޭތެރޭ އެކި މުއްދަތް، އެކި ޢިލްމުވެރިން ވިދާޅުވެފައި ވެއެވެ.

ޙަނަފީ މަޛްހަބުގެ ޢިލްމުވެރިން ވިދާޅުވެފައިވަނީ، އެންމެ ކުރު މުއްދަތަކީ ތިނެއް، އަދި އެންމެ ދިގު މުއްދަތަކީ ދިހަ ދުވަސް ކަމަށެވެ. އަދި ދިހަ ދުވަސް ފަހުން ފައިބާ ލެޔަކީ އިސްތިޙާޟާ ކަމަށެވެ.

ޝާފިޢީ އަދި ޙަންބަލީ މަޛްހަބުގެ ޢިލްމުވެރިން ވިދާޅުވެފައިވަނީ، އެންމެ ކުރު މުއްދަތަކީ ރެއަކާއި ދުވާލެއް، އެންމެ ދިގު މުއްދަތަކީ ފަނަރަ ދުވަސް ކަމަށެވެ. އަދި ފަނަރަ ދުވަސް ފަހުން ފައިބާ ލެޔަކީ އިސްތިޙާޟާ ކަމަށެވެ.

މާލިކީ މަޛްހަބުގެ ޢިލްމުވެރިން ވިދާޅުވެފައިވަނީ އެންމެ ކުރުމިން ކުރުވެގެން ގޮސް، ހިނދުކޮޅަކަށްވެސް ވެދާނެ ކަމަށެވެ. އެންމެ ދިގު މުއްދަތަކީ ސަތާރަ ދުވަސް ކަމަށެވެ. އަދި ސަތާރަ ދުވަސް ފަހުން ފައިބާ ލެޔަކީ އިސްތިޙާޟާ ކަމަށެވެ.

މި މައްސަލާގައި މިހާ އިޚްތިލާފު އޮންނާތީ، ކޮންމެއަކަސް ޝައިޚް ޔޫސުފުލް ޤަރަޟާވީ ވިދާޅުވަނީ މިކަމުގައި އޮތް ރަނގަޅު ގޮތަކީ، ލޭގެ ސިފައަށް ބެލުމާއި ޑޮކްޓަރުންގެ ބަހަށް ބެލުން ކަމުގައެވެ.

ޤަރަޟާވީ: ’ޙައިޟުގެ އެންމެ ކުރު މުއްދަތާއި އެންމެ ދިގު މުއްދަތް، ޢިލްމުވެރިން ޚިލާފުވެއެވެ. އެންމެ ކުރު މުއްދަތަކީ އެއްދުވަސްކަމަށްވެސް ބުނެވުނެވެ. ރެއަކާއި ދުވާލެއްކަމަށްވެސް ބުނެވުނެވެ. އަދި އެންމެ ދިގު މުއްދަތަކީ ދިހަ ދުވަސް ކަމަށްވެސް ބުނެވުނެވެ. އަނެއް ކޮޅުން ސަތާރަ ދުވަސްކަމަށްވެސް ބުނެވުނެވެ.

ޙައްޤު ގޮތަކީ އައްޝައުކާނީ ވިދާޅުވެފައިވާ ފަދައިން، ޙައިޟުގެ އެންމެ ކުރު މުއްދަތަކާއި އެންމެ ދިގު މުއްދަތެއް ކަނޑައަޅާފައިވާ، އޭގައި ހިފަހައްޓަންޖެހޭވަރުގެ ޞައްޙަ ޙަދީޘެއް އައިސްފައި ނުވާކަމެވެ. ކިއެއްތަ އައިސްފައިވާ ހުރިހާ ޙަދީޘަކީވެސް ޟަޢީފް ނުވަތަ މައުޟޫޢު ޙަދީޘްއެވެ.

އެއްފަހަރަކު އަންހެނަކު ރަސޫލާ އަރިއަހަށް އައިސް ތިމަންނަ އަކީ ވަރަށް ގިނައިން ޙައިޟުވާ މީހެކޭ ދެންނެވުމުން، ހަ ދުވަހަށް ނުވަތަ ހަތް ދުވަހަށް ޙައިޟުގައި ހުންނާށޭ ވިދާޅުވެފައިވާ ޙަދީޘެއް އޮވެއެވެ. ނަމަވެސް އެއީ ކޮންމެހެން ވަކި ދުވަހެއް ކަނޑައެޅުއްވީ ކަމަކަށް ނުބެލޭނެއެވެ. ރަސޫލާ އެހެން ޙަދީޘް ކުރެއްވީ އެއީ ޢާއްމު މުއްދަތެއް ޙަދީޘް ކުރެއްވުމުގެ ގޮތުންނެވެ.

އެހެނީ 7 ދުވަހަށްވުރެ ގިނަ ދުވަސްވަންދެންވެސް އަންހެނުން ޙައިޟުގެ ކަންތައް ލައިގެންފައި ތިބޭކަން އެއީ އެގިފާޅުކަމެކެވެ.

ޙައިޟުގެ ކުރުމުއްދަތާއި ދިގުމުއްދަތާއި މެދު، ތާބިޢީން ވިދާޅުވެފައިވާ ހުރިހާ ވާހަކައަކީވެސް، އެކަކުގެ ވާހަކައާއި އަނެކަކުގެ ވާހަކައާއި އަރާރުންވާ ގޮތަށް ހުރި ވާހަކަ ތަކެކެވެ. ރަސޫލާގެ ބަސްފުޅު ނޫނީ ޙުއްޖެތެއްގެ ގޮތުގައި ނަގަންޖެހޭ ބަހެއް ނޯންނާނެއެވެ.

އިބްނު ސީރީން އަރިއަހުން، ޙައިޟާއި ބެހޭ ގޮތުން ސުވާލު ދެންނެވުމުން ވިދާޅުވީ ”އަންހެނުންނަށް މާ ރަނގަޅަށް އެގޭނެކަމަށެވެ.‘

ވީމާ މީގައި އޮތް އެންމެ ރަނގަޅު ޞައްޙަ ގޮތަކީ، އަމިއްލަ ތަޖުރިބާގެ އަލީގައި މިކަމުގައި ގޮތެއް ނިންމުމެވެ. އަންހެނުންނަށް އެ ކަނބަލުންގެ ކަންތައް އެގޭވަރަކަށް ފިރިހެނަކަށް ނޭނގޭނެއެވެ. ޤުރުއާނުގައި، ޙައިޟުގެ ވަކި މުއްދަތެއް ކަނޑައަޅާ ބުނެފައި ނެތެވެ.

ބުނެފައިވަނީ އެއީ ’އަޛާ‘ އެއްގެ ގޮތުގައެވެ. ވީމާ އަޛާ އަކަށް ވުމުގެ ސަބަބު ކަމުގައިވާ ލޭ ހުރުން ދޭހަކޮށްދެނީ އެއީ ޙައިޟު ކަމަށެވެ. އެ ލޭ ނެތް ނަމަ ޠާހިރު ކަމަށެވެ. ޙައިޟުގެ ލެޔަކީ ރަޙިމުން ވަކި ގޮތަކަށް އަންނަ ލެޔެކެވެ. ވަކި ސިފައެއްގައި ހުންނަ ލެޔެކެވެ. އަންހެނުންނަށް ވަކި ޢަލާމާތްތަކަކުން، މިލޭ ވަކިކުރަން އެގޭނެއެވެ. – ޤަރަޟާވީގެ ވާހަކަނިމުނީ –

ޙައިޟުގެ ވަކި ޙާއްޞަ މުއްދަތެއް އޮވެއޭ ބުނުމުން ދިމާވާ މައްސަލައަކީ، މިސާލަކަށް މީހަކު 15 ދުވަސްވަންދެން ޙައިޟުގެ ލޭކަން ޔަޤީންވާ ލޭ އައިސްއައިސް ހުރެފައި، 16 ވަނަ ދުވަހު އިރު އެރުމުން ހަމަ 15 ވަނަ ދުވަހުގައި ވެސް ހުރި ސިފައިގައި ހުރި ލޭ އެއީ ޙައިޟުގެ ލެޔަށް ނުވާ މައްސަލައެވެ. ފަހެ މިގޮތަށްވުން މިއީ ޤަބޫލު ކުރަން ދަތި ކަމެކެވެ.

ނޯޓް: ޢިލްމުވެރިން ވިދާޅުވަނީ، މަހެއްގެ ތެރޭގައި ޠުހުރުގައި ހުންނަ މުއްދަތު ޙައިޟުގައި ހުންނަ މުއްދަތަށްވުރެ ކުރުވެގެން ނުވާނެ ކަމަށެވެ.

ޞުފްރާއާއި ކުދްރާ

ޞުފްރާއާއި ކުދްރާއާ ބެހޭ ގޮތުން ޝައިޚް ޔޫސުފުލް ޤަރަޟާވީ ވިދާޅުވަނީ:

’ވަރަށް ގިނަ ޢިލްމުވެރިން ދެކެވަޑައިގަންނަވާ ގޮތުގައި އަންހެނާގެ ޙައިޟުގެ ދުވަސްވަރު މި ފައިބައިފިއްޔާ އެއަށް އޮންނާނީ ޙައިޟުގެ ޙުކުމެވެ. އަދި އާދަވެގެން ޙައިޟުވާ ދުވަސްވަރު ނޫން ދުވަހަކު، މި ފައިބައިފިއްޔާ، އެއީ ގުނާލެވޭނެ އެއްޗެއް ނޫނެވެ. މާނައަކީ އެއީ ޙައިޟުގެ ޙުކުމް ފެތޭނެ އެއްޗެއް ނޫނެވެ. ބެލެވޭނީ އޭނާ އެ ހުރީ ޠާހިރު ޙާލަތުގައެވެ.

ބައެއް މުޙައްޤިޤުން ދެކެލައްވާ ގޮތުގައި، ޙައިޟުގެ ލެޔަކީ، ކަޅުކުލަ ގަދަ، އޮލަކޮށް ހުންނަ، ނުބައި ވަހެއްދުވާ އެއްޗެކެވެ. މި ފިޔަވައި ދެން އެހުންނަ ޞުފްރާ އަދި ކުދްރާ ނުވަތަ އެނުންވެސް ފައިބާ ދިޔާއެއްޗެއްސަކީ، ޙައިޟެއް ނޫނެވެ.

މިއީ ވަރަށް ގިނަ މުޙައްޤިޤުން ތާއިދު ކުރައްވާ ރައުޔެކެވެ. ވީމާ ނުބައި ވަހަކާއި އެކު ކަޅު ކުލައަށްދާ ލޭ އައުން ހުއްޓުނީމާ ، އަންހެނާ ހިނައިގަންނަންވީއެވެ.

ހަމަ މިބީދައިން، ޙައިޟުގެ ދުވަސްވަރުގެ ކުރިން ޞުފްރާ އަދި ކުދްރާ އަޔަސް ، އެޔަށް އަޅާލުމެއް ނުދީ، ކަޅު ލޭ ފެންނަންދެން ހުންނާށެވެ. ކަޅު ލޭ ފެނުނީމާ އެއީ ޙައިޟެވެ.

ޠުހުރު ދުވަސްވަރު ޞުފްރާ އަދި ކުދްރާގެ ޙުކުމް:

ޠުހުރު ދުވަސްވަރު ޞުފްރާ އަދި ކުދްރާ ފެނުނަސް އެއީ ގުނޭނެ އެއްޗެއް ނޫނެވެ. އެބަހީ ޙައިޟުގެ ޙުކުމެއް އެއަށް ނާންނާނެއެވެ. އުއްމު ޢަޠިއްޔާގެ ކިބައިން ބުޚާރީ ރިވާކުރައްވާފައިވާ ޙަދީޘެއްގައިވެއެވެ: عَنْ ‏ ‏أُمِّ عَطِيَّةَ ‏ ‏قَالَتْ ‏ كُنَّا لَا نَعُدُّ ‏ ‏الْكُدْرَةَ ‏ ‏وَالصُّفْرَةَ ‏ ‏شَيْئًا

މާނައަކީ: ’ޞުފްރާ އަދި ކުދްރާއަކީ ގުނޭނެ (ޙައިޟުގެ ގޮތުގައި) އެއްޗެއްގެ ގޮތުގައި އަހަރެމެން ބަލައި ނުއުޅެމެވެ.‘

މިއީ ރަސޫލާގެ ޙަޔާތްޕޅުގައި ހިގާފައިވާ ކަމެއްކަމުން، އެއީ ރަނގަޅު ނޫން ގޮތެއްނަމަ، ރަސޫލާ އެކަމުގެ ރަނގަޅު ގޮތް ބަޔާންކޮށްދެއްވީސް ކަމަށް އިބްނު ޙަޖަރު ވިދާޅުވެފައިވެއެވެ.

އަބޫ ދާއޫދުގެ ރިވާޔަތުގައި އޮންނަނީ:

އިމާމުއް ނަވަވީ ވިދާޅުވެފައި ވަނީ މި ޙަދީޘް މިއީ ބުޚާރީގެ ޝަރުޠަށް ފެތޭ ޞައްޙަ އިސްނާދެއް އޮތް ޙަދީޘެއް ކަމުގައެވެ.

كُنَّا لَا نَعُدُّ ‏ ‏الْكُدْرَةَ ‏ ‏وَالصُّفْرَةَ ‏ ‏بَعْدَ الطُّهْرِ شَيْئًا

ޙައިޟު ދުވަސްވަރު ޞުފްރާ އަދި ކުދްރާގެ ޙުކުމް:

އެކަމަކު އަންހެނާއަށް ޙައިޟުގެ ދުވަސްވަރު ޞުފްރާ އަދި ކުދްރާ ފެނިއްޖެނަމަ އެއީ ގުނޭނެ ކަމެއްހެއްޔެވެ؟ އާއެކެވެ. ޖުމްހޫރު ޢިލްމުވެރިން އެއީ ޙައިޟުކަމަށް ދެކެއެވެ. މިކަމުގެ ދަލީލަކަށް މި ބޭކަލުން ނަންގަވަނީ، އަބޫ ދާއޫދު އުއްމު ޢަޠިއްޔާގެ އަރިއަހުން ރިވާ ކުރައްވާފައިވާ ޙަދީޘެވެ.

އެރިވާޔަތުން ދޭހަވާގޮތުގައި ޞުފްރާ އަދި ކުދްރާ ނުގުނޭ އެއްޗެއް ކަމަށް ބަލަނީ ޠުހުރުގައެވެ. ވީމާ މި ދޭތި ޙައިޟުގެ ޙުކުމަށް ނުފެއްތެނީ ވަކި ވަގުތެއްގައި މިދޭތި ފައިބާ ނަމައެވެ. އެ މުއްދަތުން ބޭރުގައި ނަމަ، އެ ޙުކުމް އެހެނެއް ނޯންނާނެއެވެ.

ހަމަ އެހެންމެ ޢާއިޝަތުގެފާނު ދެއްވާފައިވާ ފަތުވާއެވެ.

حَدَّثَنِي ‏ ‏يَحْيَى ‏ ‏عَنْ ‏ ‏مَالِك ‏ ‏عَنْ ‏ ‏عَلْقَمَةَ بْنِ أَبِي عَلْقَمَةَ ‏ ‏عَنْ ‏ ‏أُمِّهِ ‏ ‏مَوْلَاةِ ‏ ‏عَائِشَةَ أُمِّ الْمُؤْمِنِينَ ‏ ‏أَنَّهَا قَالَتْ ‏ ‏كَانَ النِّسَاءُ يَبْعَثْنَ إِلَى ‏ ‏عَائِشَةَ أُمِّ الْمُؤْمِنِينَ ‏ بِالدِّرَجَةِ ‏ ‏فِيهَا ‏ ‏الْكُرْسُفُ ‏ ‏فِيهِ الصُّفْرَةُ مِنْ دَمِ الْحَيْضَةِ يَسْأَلْنَهَا عَنْ الصَّلَاةِ فَتَقُولُ لَهُنَّ ‏ ‏لَا تَعْجَلْنَ حَتَّى تَرَيْنَ ‏ ‏الْقَصَّةَ ‏ ‏الْبَيْضَاءَ ‏ ‏تُرِيدُ بِذَلِكَ الطُّهْرَ مِنْ الْحَيْضَةِ

މާނައަކީ: ”ޢާއިޝަތުގެ ފާނު ވިދާޅިވިކަމަށް، އެކަމަނާގެ މައުލާގެ ކިބައިން އޭނާގެ ފުށް ޢަލްޤަމާ ބިން އަބީ ޢަލްޤަމާގެ ކިބައިން މާލިކްގެ ކިބައިން ޔަޙްޔާ ރިވާކުރެއްވިއެވެ. : އަންހެނުން، އުއްމުލް މުއުމިނީން ޢާއިޝަތުގެފާނު އަރިއަހަށް ކުދި ފޮށިކޮޅު ފޮނުވައެވެ. އޭގައިވަނީ ޙައިޟު ލެއިން ރީދޫ ކުލަޖެހިފައިވާ ފޮތިކޮޅުތަކެކެވެ. އެކަނބަލުން ސުވާލު ދަންނަވަނީ ނަމާދާއި (މި ޙާލަތުގައި ނަމާދު ކުރުން) ބެހޭ ގޮތުންނެވެ.‘ ދެން އެކަމަނާ އެކަނބަލުންނަށް ވިދާޅުވެއެވެ. ކަލޭމެން ހުދު ކުލައިގެ ދިޔަ ފެންނަންދެން އަވަސް އަރުވައި ނުގަންނާށެވެ.‘ އެކަމަނާގެ މުރާދަކީ ޤައްޞަތުލް ބައިޟާއު ފެންނަންދެން އަދި އަވަސް އަރުވައިގެން ހިނައި ނުގަންނާށެވެ. މިއީ މުވައްޠައު އިބްނު މާލިކް ގައި ރިވާކުރެވިފައިވާ ޙަދީޘެކެވެ.

އަދި މާލިކީ، ޝާފިޢީ، ޙަންބަލީ މަޛްހަބުގެ ބޭކަލުންވެސް ދެކިލެއްވީ ، އާދަކޮށް ޙައިޟުގައި ހުންނަ ދުވަސްވަރު ފެންނަ ޞުފްރާ އަދި ކުދްރާ އަކީ ޙައިޟު ކަމަށެވެ. ޙައިޟުގެ ދުވަސްވަރު ނޫންނަމަ، ޙައިޟުގެ ލެއެއް ނޫންކަމަށެވެ. އިމާމް ނަވަވީވެސް ދެކެލައްވަނީ މިގޮތަށެވެ.

ޠުހުރުގެ ޢަލާމާތްތައް:

އަންނަނިވި ކަންކަމުން، ޠުހުރުވީ ކަމަށް ބެލިދާނެއެވެ.

– ލޭ ހިކުން، މީގެ މާނައަކީ ލޭ އައުން ހުއްޓުމުން ފަރުޖު ސާފުވެ، އެތާގައި ހުދު ފޮތިކޮޅެއް އެޅިއަސް، އޭތިކޮޅު ހަޑި ނުވުމެވެ.

– ޤައްޞަތުލް ބައިޟާއު ފެނުން، ’ޤައްޞަތުލް ބައިޟާއު‘ އޭ ޢަރަބި ބަހުން ކިޔަނީ ޙައިޟުގެ ލޭ ކެނޑުނީމާ، ރަޙިމުން އަންނަ ހުދުކުލައިގެ ދިޔާ އެއްޗަކަށެވެ. ރަޙިމުން ޙައިޟުގެ ލޭ ހުސްވެއްޖެކަން އެންމެ ބޮޑަށް ދަލީލުކޮށްދެނީ މިއިންނެވެ. ވީމާ ޠުހުރުގެ އެންމެ ފާޅުކަންބޮޑު ޢަލަމާތަކީވެސް މިއެވެ.

ނޯޓު :

ޝާފިޢީ، ޙަނަފީ މަޛްހަބުގެ ޢިލްމުވެރިން ބުރަވެލައްވަނީ، ލޭ އައުން ހިކުނީމާ ހުދުފެން ފޭބިޔަސް ނުފޭބިޔަސް ، ޙައިޟު ނިމުނީކަމަށެވެ.

ނަމަވެސް މާލިކީ މަޛްހަބުގެ ޢިލްމުވެރިން މިކަމުގައި، އާދަކޮށް ލޭ އައުން ހިކޭ މީހުންނާއި، ހުދުފެން ފައިބާ މީހުން ތަފާތުކޮށްފައި އޮވެއެވެ. ޙައިޟު ނިމުމުގެ ޢަލާމާތެއްގެ ގޮތުން ހުދުފެން ފައިބާ މީހެއް ނަމަ އެ ފެންނަންދެން މަޑު ކުރާނީއެވެ.

ޙައިޟުގެ މުއްދަތުގެ ތެރޭގައި ލޭ މެދުކެނޑުން:

ޙައިޟުވުން އެހާ އިންތިޒާމުން ނުދާ ބައެއް އަންހެނުންނަށް ވާ ގޮތަކީ، ޙައިޟުވެފައި މެދުކެނޑިފާ އަނެއްކާ ލޭ އަންނަގޮތްވެއެވެ. ވީމާ މިފަދަ މީހުން ދެ ޙައިޟު ދެމެދު އެއަންނަ ޠުހުރުގައި ކަންތައް ކުރާނީ ކިހިނެއްހެއްޔެވެ؟ ހިނައިގަންނާނެ ހެއްޔެވެ؟ ނުވަތަ އަޅުކަންތައް ކުރާނެ ހެއްޔެވެ؟

ފިޤުހު ޢިލްމުވެރިން އިއްތިފާޤުވެލައްވާ ގޮތުގައި، ޠުހުރުގެ އެންމެ ދިގު މުއްދަތެއް ކަނޑައެޅިފައި ނުވެއެވެ. އެގޮތުން މިސާލަކަށް ޖެނުއަރީ އެކަކުން ހަތަކަށް މީހަކު ޙައިޟުވެފައި މެދު ކެނޑުނީއެވެ. މާނައަކީ ޠުހުރުވީއެވެ. އެ ގޮތުގައި އޭނާ ޙައިޟު ނުވެ ފެބްރުއަރީ މާރޗް މަސް ފާއިތުވިޔަސް، ވާނީ ޠުހުރުގައި ހުރި ކަމުގައެވެ.

ދެން ދެ ޙައިޟު ދޭތެރޭގައި ވާ އެންމެ ކުރު މުއްދަތަކީ ކޮބައިތޯ ބަލާއިރު، ރަނގަޅު ގޮތަކީ އޭގައިވެސް ވަކި ޚާއްޞަ މުއްދަތެއް ކަނޑައެޅިފައި ނޯންނަ ކަމެވެ. އެގޮތުން ޙައިޟުގެ ލޭ ކޮންމެ ވަގުތެއްގައި އަޔަސް (އިސްތިޙާޟާ މުއްދަތު ނޫން ވަގުތެއްގައި) އެ ވާނީ ޙައިޟު ކަމަށެވެ.

ޙައިޟުގެ ދުވަސްތަކުގެ ތެރޭގައި އަންނަ ޠުހުރުގެ ދުވަސްތަކުގެ ޙުކުމާއި ބެހޭ ގޮތުން، ޝާފިޢީ އަދި ޙަނަފީ މަޛްހަބު ބުނަނީ އެއީ ޙައިޟުގެ ދުވަސްތައް ކަމުގައެވެ. މާލިކީ އާއި ޙަންބަލީ މަޛްހަބު ބުނަނީ އެއީ ޠުހުރުގެ ދުވަސްތަކެއް ކަމުގައެވެ.

ނަމަވެސް މީގައި ބުރަވެވޭ އަދި ލުއި ގޮތެއް ކަމުގައި ގިނަ ޢިލްމުވެރިން ދެކެވަޑައިގަންނަވަނީ، މެދު ކެނޑޭ ދުވަސް ތިން ދުވަހަށް ވުރެ ގިނަ ނުވާނަމަ އެއީ ޙައިޟު ކަމަށް ބެލުމެވެ. ތިން ދުވަހަށް ވުރެ ގިނަ ދުވަސްވަންދެން މެދު ކެނޑިއެޖެނަމަ އެއީ ޠުހުރު ކަމުގައި ބެލުމެވެ.

މީގެ މިސާލަކީ ، ޢާއްމު ކޮށް 7 ދުވަހު ޙައިޟު ވާ މީހަކު ، ޖެނުއަރީ 1 ގައި ޙައިޟުވާން ފައްޓާފައި، 3 ގައި މެދު ކެނޑެނީއެވެ. އެހެން ވިއްޔާ އޭނާ އަށް 4 ވަނަ ދުވަހު ހިނައިގަނެވޭނެހެއްޔެވެ؟ ޙަންބަލީ މަޛްހަބުގައި ބުނާ ގޮތުން އެއް ދުވަސް ލިބުނަސް ހިނައި ގަންނަން ޖެހޭނެއެވެ. ނަމަވެސް ގިނަ ޢިލްމުވެރިން ބުރަވެލައްވަނީ ތިން ދުވަހުގެ މެދު ކެނޑުމެއް ނުކެނޑޭނަމަ، ޙައިޟު ހުއްޓުނީ ކަމަށް ނުބެލުމަށެވެ.

ބަލަންވީ ކަމަކީ ޙައިޟުގެ ބުރު، އާދަވެގެންވާ މުއްދަތަށް ދިގުދެމިގެން ދާނެކަމެވެ. އަދި ޢާދަކޮށް ޙައިޟުވާ ބުރުގެ އެންމެ ފަހު ދުވަހާ ހަމައަށް ދެވޭއިރު، ލޭއައުން ހުއްޓޭނެއެވެ. ލޭ ނު ހުއްޓޭނަމަ އެއީ އިސްތިޙާޟާއެކެވެ.

ޙައިޟުގެ ބުރު ތެރޭގައި ލޭ ނައިސް ވާ ވަގުތު ނުވަތަ ދުވަސްތައް ވާނީ ޙައިޟުގެ ވަގުތު ކަމުގައެވެ.

ހަމަ އެހެންމެ، މީހަކު ޙައިޟު ކެނޑުނީކަމަށް ހިތައި ހިނައި ގަތުމަށްފަހު ލޭގެ އަސަރު ފެނިވެސްދާނެއެވެ. މި ފެންނަ ލެޔަކީ، ކުދްރާ ނުވަތަ ޞުފްރާ ކަމަށްވަނީނަމަ، އެއީ މައްސަލައެއް ކަމުގައި ބަލާނެ ކަމެއް ނެތެވެ. ހިނައިގަތުމަށްފަހު ނަމާދު ކުރުމާއި ރޯދަ ހިފުންފަދަ ހުރިހާ ކަމެއް އޭނާއަށް ހުއްދަވާނެއެވެ. އެއީ ޠުހުރަށްފަހު އަންނަ ކުދްރާ އާއި ޞުފްރާ އެއީ އެއްޗެއް ނޫންކަމަށް، އުއްމު ޢަޠިއްޔާ އަރިއަހުން ރިވާވެފައިވާ ޙަދީޘަށް ބަލާފައެވެ.

އެކަމަކު ފޭބީ ޙައިޟުގެ ސިފަ ދެވޭ ލޭ ނަމަ ބަލަން ޖެހޭނީ އެއީ ޙައިޟު ކަމުގައެވެ.

އިސްތިޙާޟާ:

އިސްތިޙާޟާ އަކީ، ޙައިޟާއި ނިފާސް ކަމުގެ ލެޔަށް ނުވާ ރަޙިމުން ފައިބާ ލެޔެވެ. އެހެން ގޮތަކަށް ބުނާނަމަ އެއީ ޙައިޟަކަށްވެސް ނުވާ ނިފާސަކަށްވެސް ނުވާ ލެއެވެ.

އިސްތިޙާޟާ އާއި ބެހެގޮތުން ’ސައިލުލް ޖައްރާރް‘ ގައި ޢައްލާމާ އައްޝައުކާނީ ވިދާޅުވެފައި ވަނީ މި އަންނަނިވި ފަދައިންނެވެ.

އައްޝައުކާނީ: ’ދަންނާށެވެ. ޙައިޟާއި ބެހޭ ގޮތުން އައިސްފައިވާ ޙަދީޘްތަކުގެ ތެރެއިން، އަންހެނުން އާދަވެގެން ޙައިޟުވާ މިންވަރަށް ރުޖޫޢަވުމަށް އިރުޝާދު ދެއްވާފައިވާ ޙަދީޘްވެސް އެބަހުއްޓެވެ.

މިސާލަކަށް ޙަމްނާ ބިންތު ޖަޙްޝުގެ އަރިއަހުން ރިވާވެފައިވާ މިޙަދީޘެވެ: حَمْنَةَ بِنْتِ جَحْشٍ ‏ ‏قَالَتْ ‏ كُنْتُ ‏ ‏أُسْتَحَاضُ ‏ ‏حَيْضَةً كَثِيرَةً شَدِيدَةً فَأَتَيْتُ رَسُولَ اللَّهِ ‏ ‏صَلَّى اللَّهُ عَلَيْهِ وَسَلَّمَ ‏ ‏أَسْتَفْتِيهِ وَأُخْبِرُهُ فَوَجَدْتُهُ فِي بَيْتِ أُخْتِي ‏ ‏زَيْنَبَ بِنْتِ جَحْشٍ ‏ ‏فَقُلْتُ يَا رَسُولَ اللَّهِ إِنِّي امْرَأَةٌ ‏ ‏أُسْتَحَاضُ ‏ ‏حَيْضَةً كَثِيرَةً شَدِيدَةً فَمَا ‏ ‏تَرَى فِيهَا قَدْ مَنَعَتْنِي الصَّلَاةَ وَالصَّوْمَ فَقَالَ ‏ ‏أَنْعَتُ ‏ ‏لَكِ ‏ ‏الْكُرْسُفَ ‏ ‏فَإِنَّهُ يُذْهِبُ الدَّمَ قَالَتْ هُوَ أَكْثَرُ مِنْ ذَلِكَ قَالَ فَاتَّخِذِي ثَوْبًا فَقَالَتْ هُوَ أَكْثَرُ مِنْ ذَلِكَ إِنَّمَا ‏ ‏أَثُجُّ ‏ ‏ثَجًّا ‏ ‏قَالَ رَسُولُ اللَّهِ ‏ ‏صَلَّى اللَّهُ عَلَيْهِ وَسَلَّمَ ‏ ‏سَآمُرُكِ بِأَمْرَيْنِ أَيَّهُمَا فَعَلْتِ أَجْزَأَ عَنْكِ مِنْ الْآخَرِ وَإِنْ قَوِيتِ عَلَيْهِمَا فَأَنْتِ أَعْلَمُ قَالَ لَهَا إِنَّمَا هَذِهِ ‏ ‏رَكْضَةٌ ‏ ‏مِنْ ‏ ‏رَكَضَاتِ ‏ ‏الشَّيْطَانِ فَتَحَيَّضِي سِتَّةَ أَيَّامٍ أَوْ سَبْعَةَ أَيَّامٍ فِي عِلْمِ اللَّهِ ثُمَّ اغْتَسِلِي

މާނައަކީ: ”އަހަރެންގެ ޙައިޟު ވަރަށް ގިނައިން ވަރަށް ގަދައަށް ވެއެވެ. އެހެންވެ އަހަރެން އެކަމާ ސުވާލު ދެންނެވުމަށް އަދި ޚަބަރު ދިނުމަށް ، ރަސޫލާ އަރިއަހަށް ދިޔައިމެވެ. އަދި ރަސޫލާ އަހަރެންގެ ދައްތަ ޒައިނަބް ބިންތު ޖަޙްޝު (ރަސޫލާގެ އަނބި ކަނބަލެއް) ގެ ގޭގައި ހުންނަވަނިކޮށް ދިމާވިއެވެ. އަހަރެން ބުނީމެވެ: އޭ ﷲގެ ރަސޫލާއެވެ. އަހަރެންނަކީ ވަރަށް ގިނައިން ވަރަށް ގަދައަށް ޙައިޟުވާ އަންހެނަކީމެވެ. ވީމާ ކަލޭގެފާނު އެކަމާ ދެކެވަޑައިގަންނަވަނީ ކިހިނެއްތޯއެވެ؟ މި ކަން އަހަރެން ނަމާދު ކުރުމާއި ރޯދަ ހިފުމުން މަޙްރޫމަ ކޮށްފިއެވެ. ރަސޫލާ ޙަދީޘް ކުރެއްވިއެވެ: ’ކަފަ ބޭނުން ކުރުމަށް އަހަރެން ޚިޔާލު ދެމެވެ. އެހެނީ އެއިން ލޭ ދަމައެވެ.‘ އެކަމަނާ ދެންނެވިއެވެ: ’ އެއަށްވުރެ މާގިނައެވެ.‘ ރަސޫލާ ޙަދީޘް ކުރެއްވިއެވެ: ’އެހެންވިއްޔާ ފޮތި ބޭނުން ކުރާށެވެ.‘ އެކަމަނާ ދެންނެވިއެވެ: ’އެއަށްވުރެ މާގިނައެވެ. އަހަރެންގެ ފައިބަނީ ހޯސް ލާފައެވެ.“ ﷲގެ ރަސޫލާ ޙަދީޘް ކުރެއްވިއެވެ: ’އަހަރެން ކަމަނާއަށް ދެކަމަކަށް އަމުރު ކުރާނަމެވެ. އޭގެ ތެރެއިން އެއްކަމަށް ތަބާވިއްޔާ އަނެއްކަމާ ނުލައިވެސް ފުދޭނެއެވެ. ދެކަން ކުރަން ކަމަނާއަށް ކުޅަދާނައިޔާ ބޮޑަށް އެކަން އެގޭނީ ކަމަނާއަށެވެ.‘

އެކަމަނާއަށް ރަސޫލާ ޙަދީޘް ކުރެއްވިއެވެ: ’ތިއީ ޝައިތާނާގެ އެތިފަހަރުން އެތިފަހަރެކެވެ. ވީމާ ހަދުވަސް ނުވަތަ ހަތްދުވަސް ވަންދެން ޙައިޟުގައި ހުންނާށެވެ. އެކަން މޮޅަށް ދެނެވޮޑިގަންނަވާނީ ﷲއެވެ. އަދި އެއަށްފަހު ހިނައި ގަންނާށެވެ.‘

އަދި ޙައިޟާމެދު ގޮތެއް ނިންމުމަށް، ލޭގެ ސިފައަށް ބެލުމަށް އިރުޝާދު ދެއްވާފައިވާ ޙަދީޘްވެސް އެބަހުއްޓެވެ. މިސާލަކަށް އަބޫ ދާއޫދް އައްނަސާއީ ފާޠިމަތު ބިންތު އަބީ ޙުބައިޝްގެ އަރިއަހުން ރިވާ ކުރެއްވި މި ޙަދީޘެވެ: عَنْ ‏ ‏فَاطِمَةَ بِنْتِ أَبِي حُبَيْشٍ ‏ أَنَّهَا كَانَتْ ‏ ‏تُسْتَحَاضُ ‏ ‏فَقَالَ لَهَا النَّبِيُّ ‏ ‏صَلَّى اللَّهُ عَلَيْهِ وَسَلَّمَ ‏ ‏إِذَا كَانَ دَمُ الْحَيْضَةِ فَإِنَّهُ أَسْوَدُ يُعْرَفُ فَإِذَا كَانَ ذَلِكَ فَأَمْسِكِي عَنْ الصَّلَاةِ فَإِذَا كَانَ الْآخَرُ فَتَوَضَّئِي وَصَلِّي فَإِنَّمَا هُوَ عِرْقٌ

މާނައަކީ: ”ފާޠިމަތު ބިންތު އަބީ ޙުބައިޝް ރަސޫލާ އަރިއަހު އޭނާ އިސްތިޙާޟާ ލޭ އަންނަ ވާހަކަ ދެންނެވުމުން ރަސޫލާ ޙަދީޘް ކުރެއްވިއެވެ:‘ އެއީ ޙައިޟުގެ ލޭނަމަ، ފާހަނގަ ކުރެވޭ ކަޅު ކުލައެއް ހުންނާނެއެވެ. ލޭ ހުރީ އެ ސިފައިގައި ނަމާދު ކުރުމުން ދުރުވާށެވެ. އެހެން ނޫންނަމަ ވުޟޫކޮށްގެން ނަމާދު ކުރާށެވެ. އެ ލޭފައިބަނީ (އިސްތިޙާޟާ) ލޭނާރު ތަކަކުންނެވެ.‘

އަދި އަންހެނާ އޭނާ ޢާއްމުގޮތެއްގައި ޙައިޟުވާ މުއްދަތަށް ބެލުމަށް އިރުޝާދު ދެއްވާފައިވާ ޙަދީޘްވެސް އެބަހުއްޓެވެ. އޭގެ މިސާލަކީ އުއްމު ޙުބައިބާ ރިވާކުރެއްވި ޙަދީޘެވެ. އޭގައި ރަސޫލާ އެންގެވީ ޢާއްމު ގޮތެއްގައި ޙައިޟުވާ ދިގުމިނަކަށް ހުރުމަށްފަހު ހިނައިގަތުމަށެވެ.

ދެން މި ހުރިހާ ޙަދީޘެއްގައި ދެއްވާފައިވާ އިރުޝަދުތައް އެކައްޗަކަށް ހެދުން އެއީ ކުރެވިދާނެކަމެކެވެ.

އެއީ އަލަށް ޙައިޟުވާ މީހުންނާއި، ޙައިޟު ވާ އާދަ ހަންދާން ނުހުންނަ މީހުން ރުޖޫޢަވާނީ، ލޭގެ ކުލައަށެވެ. ރަސޫލާ ޙަދީޘްކުރައްވާފައިވާ ކުލައިގައިވާނަމަ އެއީ ޙައިޟެވެ. ނޫންނަމަ ޙައިޟެއް ނޫނެވެ.

ލޭގެ ކުލަވެސް ވަކި ނުކުރެވޭ ނުވަތަ އެކި ފަހަރު އެކި ކުލައިގައި ފައިބާ މީހުން ރުޖޫޢަވާނީ، ތިމާގެ އަންހެނުން ގެ ޢާދަ ހުންނަ ގޮތަކަށެވެ.

މި ވަރުންވެސް ގޮތެއް ނުނިންމެއްޖެނަމަ ރުޖޫޢަވާނީ ހަދުވަސް ނުވަތަ ހަތްދުވަހަށެވެ.

އަބަދުވެސް ވަކި އިންތިޒާމަކުން ޙައިޟުވާ، ވަގުތާއި މިންވަރު އެނގޭ މީހުން ރުޖޫޢަވާނީ އޭނާގެ ޙައިޟުވާ އާދަ އަށެވެ.

މިގޮތުން ހުރިހާ މައްސަލައެއް ހައްލު ކުރެވި ބުންޏޭ ބުނެވުނޭ ބުނާނެ ޖާގައެއް ނު އޮންނާނެއެވެ. ’ – ޝައުކާނީގެ ވާހަކަކޮޅު ނިމުނީ –

ޝައިޚުލް އިސްލާމް އިބްނު ތައިމިއްޔާވެސް އިސްތިޙާޟާ އާއި މެދު ގޮތެއް ނިންމާނީ މި އުޞޫލުގެ ދަށުންކަމަށް ވިދާޅުވެފައި ވެއެވެ.

މަތީގައިވާ އިސްތިޙާޟާއާ ބެހޭ ވާހަކައިގެ ޚުލާޞާ ތިރީގައި މިވަނީއެވެ.

އިސްތިޙާޟާގެ ޙުކުމް ބަލާއިރު ތިން ގޮތަކަށް ބަލާފައި ގޮތެއް ކަނޑައެޅިދާނެއެވެ. މިއީ ޝައުކާނީގެ ރައުޔެވެ. އަދި އިބްނު ތައިމިއްޔާވެސް މިފަދައިން ވިދާޅުވެފައިވެއެވެ. އެއީ :

* އަލަށް ޙައިޟުވާނަމަ ނުވަތަ އޭނާ ޙައިޟުވާ ނިޒާމާއި ޢަދަދު ހަނދާން ނެތްނަމަ، އޭނާ ބަލާނީ ފައިބާފައި ހުންނަ ލެއެއްގެ ކުލަ ނުވަތަ ޞިފައަށެވެ. ޙައިޟުގެ ލޭ ރަސޫލާ ޞިފަ ކުރައްވާފައިވާ ފަދައިން، ކަޅު، އޮލަ، ވަސް ދުވާ ލެއެއްނަމަ ބަލާނީ އެއީ ޙައިޟު ކަމަށެވެ. މިފަދަ ސިފައެއް ނެތްނަމަ އިސްތިޙާޟާ ކަމަށެވެ.

* އާ މީހެއް ނޫންނަމަ، ޔަޢުނީ އޭނާ އާދަވެގެން ޙައިޟުވާ ގޮތާއި، މުއްދަތު އެގޭ މީހެއްނަމަ، ފޭބީ ކޮން ލެއެއްތޯ ނިންމަން ރުޖޫޢަވާނީ އޭނާގެ ޢާދައަށެވެ.

މިސާލު: މީހަކު ކޮންމެ ހަނދުމަހެއްގެވެސް ގާތްގަނޑަކަށް އެއް ދުވަހެއްގައި ޙައިޟުވެފައި އާދަވެގެން 7 ދުވަހުން ޙައިޟުގެ ލޭ އައުން ކެނޑެއެވެ. ނަމަވެސް މިމަހު ކަންތައް ދިމާވި ގޮތުން އަށް ދުވަސް ނުވަ ދުވަސް ވީއިރުވެސް ލޭ އައުން ނު ހުއްޓުނެވެ. އެހެން ވެއްޖިއްޔާ ބަލަން ޖެހޭނީ އެއީ އިސްތިޙާޟާ ކަމުގައެވެ.

ނަމަވެސް އެއީ ޙައިޟުގެ ލޭގައި ހުންނަ ޢަލާމާތްތައް ހުންނަ ލެއެއް ކަމުގައި ވަންޏާ ޖެހޭނީ އިހަށް މަޑު ކޮށްލާށެވެ.

* ޙައިޟުވާ ވަކި ޢާދައެއް ނެތްނަމަ، އަދި ލޭ ވަކިކުރަންވެސް ނޭގޭ މީހުންނަށް ފިޤުހުގައި ކިޔައި އުޅެނީ ’މުތަޙައްޔިރާ‘ ނުވަތަ ޙައިރާންވެފައިވާ މީހާގެ ގޮތުގައެވެ. އެއީ އޭނާއަށް ޠުހުރާއި ޙައިޟު ވަކި ކުރަން ނޭނގޭތީއެވެ. މިފަދަ މީހުން ރުޖޫޢަވާނީ އޭނާގެ ތިމާގެ މީހުންގެ ޢާދަ ހުންނަ ގޮތަށެވެ. އެގޮތަށްވެސް ނޭގޭނަމަ

ހަ ދުވަސް ނުވަތަ ހަތްދުވަސް ޙައިޟުގައި ހުރެފައި، ހިނައިގަންނާނީއެވެ.

ފަނަރަ ދުވަހަށްވުރެ ގިނަ ދުވަސްވަންދެން ޙައިޟު ދެމިގެންދާނަމަ، އިތުރުވާ ދުވަސްތައް ވާނީ އިސްތިޙާޟާގެ ދުވަސްތައް ކަމުގައެވެ. އޭނާއަށް ޙައިޟުގެ ޙުކުމެއް ނުފެތޭނެއެވެ. އެހެންވީމާ ނަމާދުކޮށް ރޯދަ ހިފައި، ޖިމާޢުވުން ފަދަ ހުރިހާކަމެއް ހުއްދަވާނެއެވެ.

އިސްތިޙާޟާ ވެރިއާ ނަމާދު ކުރާނީ ލޭފައިބާފައި ހުރި ނަމަ އެތަން ސާފުކޮށް ކޮންމެ ނަމާދަކަށް، ވުޟޫ ކޮށްގެންނެވެ. ކޮންމެ ފަހަރަކު ހިނައިގަންނާކަށް ނުޖެހޭނެއެވެ.

ނިފާސް:

ނިފާސް ކަމުގެ ލެޔަކީ އަންހެނާ ވިހެއުމާއި ވިދިގެން އަންނަ ލެޔެވެ. ނިފާސް ކަމުގެ ޙުކުމަކީ ހަމަ ޙައިޟުގެވެސް ޙުކުމެވެ. ޙައިޟު ވުމުން ކުރުން ޙަރާމް ހުރިހާކަމެއް ނިފާސް ވުމުންވެސް ޙަރާމްވާނެއެވެ. ނިފާސް ކަމުގެ އެންމެ ކުރު މުއްދަތަށް ވަކި މިންވަރެއް އަސްލު ނޯވެއެވެ. އަންހަނަކު ކުއްޖެއް ވިހާފައި ގިނަ އިރުތަކެއް ނުވެ ލޭ މަނާވެސް ވެދާނެއެވެ. އެހެންވެއްޖިއްޔާ ހަމަ ހިނައިގަންނަންވީއެވެ.

ނިފާސްކަމުގެ އެންމެ ދިގު މުއްދަތަކީ ސާޅީސް ދުވަސް ކަމަށް ޢިލްމުވެރިން ވިދާޅުވެއެވެ. ސާޅީސް ދުވަސް ވާއިރުވެސް ލޭ ފައިބަންޏާ އެކަމާ އަޅާ ނުލާ، ނަމާދު ކުރުމާ ރޯދަ ހިފުން ފައްޓަން ޖެހޭނެއެވެ.

ޞިއްޙީ ކޮންމެވެސް ސަބަބަކާ ހުރެ، ދަރިފުޅު ބައިގެން ހިގައްޖެއްޔާ ވާނީ ކިހިނެއްހެއްޔެވެ؟ މި ޙާލަތަށް ނިފާސްކަމުގެ ޙުކުމް ފެއްތޭނެ ހެއްޔެވެ؟

ސުޢޫދީގެ އިމާމް މުޙައްމަދު އިބްނު ސުޢޫދް ޔުނިވާސިޓީގެ އުސްތާޛެއް ކަމުގައިވާ، ޢަބްދުލް ޢަޒީޒް އައްޝުވައިރިޚް ވިދާޅުވެފައިވަނީ، ބައިގެން ދާ ޖަނީން އޮތީ ’ކުއްޖެއްގެ ސިފަ‘ ޖެހިފައި ކަމުގައި ވަނީނަމަ، ނިފާސް ކަމުގެ ޙުކުމް ތަންފީޛު ކުރަން ޖެހޭނެއެވެ. ސިފަ ނެތް މަސްކޮޅެއްފަދައިން އޮތް ނަމަ، ނިފާސް ކަމުގެ ޙުކުމް ނުފެއްތޭނެއެވެ.

ޖަވާބު ދެއްވީ: ޑރ. މުޙައްމަދު ޢިޔާޟް ޢަބްދުއްލަޠީފު

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލުތައް: 2 ޚިޔާލު ލިބިފައިވޭ

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
މިލިޔުންވެސް ކިޔާލަމާ
Close
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.