
މޯދީ ބޭނުންވަނީ އިންޑިއާ ފައިސާ ނިޒާމު ބައިނަލްއަޤްވާމީ މައިދާނާ ގުޅާލަަން
ބައިނަލްއަޤްވާމީ މުޢާމަލާތްތަކަށް އިންޑިއާގެ އަމިއްލަ މިންގަނޑުތަކާއި އުޞޫލުތައް ކަނޑައެޅުމަށާއި، އިންޑިއާގެ ރައްޔިތުން ގިނަ އަދަދަކަށް ދިރިއުޅޭ އަދި ވިޔަފާރީގެ ގުޅުން ބޮޑު ޤައުމުތަކާ އިންޑިއާގެ ފައިސާ ދެއްކުމުގެ ނިޒާމު ސީދާ ގުޅާލުމަށް ބޮޑުވަޒީރު ނަރެންދުރަ މޯދީ އަންގާރަ ދުވަހު ގޮވާލައިފި އެވެ.
މޯދީ ބުނީ، ކާޑު މެދުވެރިކޮށް ފައިސާ ދެއްކުމުގައި މިހާރު ބޭނުންކުރާ ބޭރުގެ ނިޒާމުތަކުގެ ބަދަލުގައި، އިންޑިއާގެ އަމިއްލަ މިނިވަން ނިޒާމެއް މިހާރު އެބައޮތް ކަމަށާއި، އެ ނިޒާމު ބައިނަލްއަޤްވާމީ މާލީ ނިޒާމާ ގުޅާލެވިދާނެ ކަމަށެވެ.
ބޭރު ޤައުމުތަކުގައި ތިބި އިންޑިއާ މީހުން ފޮނުވާ ފައިސާއިން ބޮޑު ބައެއް ޓްރާންސެކްޝަން ފީގެ ގޮތުގައި ކެނޑޭކަން ފާހަގަކުރައްވައި، މޯދީ ވިދާޅުވީ މި އައު ބަދަލާއެކު ފައިސާ ފޮނުވުމަށް ހިނގާ ޚަރަދު ކުޑަވާނެ ކަމަށެވެ. ”ޔޫ.ޕީ.އައި މެދުވެރިކޮށް މިކަމުގައި ބޮޑު ސޭވިންގްއެއް ހޯދައިދެވިދާނެ، އަދި އިންޑިއާގެ ޢާއިލާތަކަށް މާ އަވަހަށް ފައިސާ ފޯރުކޮށްދެވޭނެ،“ މޯދީ
މި ވާހަކަތައް މޯދީ ދެއްކެވީ ބްރިކްސް (BRICS) ސަމިޓުގެ ކުރިންނެވެ. މި ސަމިޓުގައި ޤައުމީ އަދި ދާޚިލީ ފައިސާ ބޭނުންކޮށްގެން ކުރާ ވިޔަފާރި ފުޅާކުރުމަށް އިސްކަންދެވޭނެ އެވެ.
މިކަމުގެ މަޤްޞަދަކީ ޔޫ.ޕީ.އައި އާއި އެހެން ޤައުމުތަކުގެ އެފަދަ ނިޒާމުތައް ގުޅާލައިގެން ކުދި އަދި ބޮޑު ވިޔަފާރީގެ މުޢާމަލާތްތައް ފަސޭހަކުރުމެވެ. ބައިނަލްއަޤްވާމީ ވިޔަފާރީގައި ޑޮލަރަށް ބަރޯސާވާ މިންވަރު ކުޑަކުރުމަށް އިންޑިއާ އިން މަސައްކަތް ކުރަމުންދާއިރު، ބްރިކްސްގެ 2025 ވަނަ އަހަރުގެ އިޢުލާނުގައި ޑޮލަރުގެ ވާހަކަ ސީދާ ނުގެނައި ނަމަވެސް، ”ޤައުމީ ފައިސާއިން މާލީ މުޢާމަލާތް ކުރެވޭނެ ބަލައިގަނެވޭނެ ނިޒާމުތަކެއް“ ހޯދުމަށް ވަނީ ގޮވާލާފަ އެވެ.
”ސިންގަޕޫރާއެކު އަހަރުމެން މިހާރު ވާނީ މިކަން ކާމިޔާބުކޮށްފައި. އޭގެ ނަތީޖާއެއްގެ ގޮތުން އިންޑިއާ އާއި ސިންގަޕޫރާ ދެމެދު ކުރެވޭ މުޢާމަލާތްތައް، އެއް ރަށެއްގެ ދެ އަވަށެއްގެ ދެމެދުގައި ކުރެވޭ މުޢާމަލާތްތަކާ އެއްވަރަށް ފަސޭހަވެއްޖެ. އެހެން ޤައުމުތަކާއި ބައިނަލްއަޤްވާމީ ބާޒާރުތަކުގައި ވެސް މި ނިޒާމު އަހަރުމެން ޤާއިމުކުރަންޖެހޭ،“ މޯދީ
ޖެހިޖެހިގެން ތިންވަނަ އަހަރު ’ގްލޯބަލް ފިންޓެކް ފެސްޓް‘ ގައި ވާހަކަދައްކަވަމުން މޯދީ ފާހަގަކުރީ، ހަކަތަ އާއި މުދަލުގެ އަގުބޮޑުވުމާއި ވިޔަފާރީގެ ނުތަނަވަސްކަން އޮތް ނަމަވެސް އިންޑިއާގެ އިޤްތިޞާދު %7.8 ކުރިއަރާފައިވާ ކަމަށެވެ.
ޖަޕާނުގެ ރޭޓިންގް އެޖެންސީއަކުން ތިން އަހަރަށްފަހު ފުރަތަމަ ފަހަރަށް އިންޑިއާ ’އޭ‘ (A) ކެޓަގަރީއަށް މަތިކޮށްފައިވާކަން ފާހަގަކުރައްވައި މޯދީ ބުނީ، މިއީ ފާއިތުވި އަހަރުތަކުގައި ގެނައި އިޞްލާޙުތަކަށް ދުނިޔޭގެ އިތުބާރު އޮތް މިންވަރު ހާމަކޮށްދޭ ކަމެއް ކަމަށެވެ. އަދި އިންޑިއާގެ އިޞްލާޙީ ދަތުރު މިއަށްވުރެ ބާރު ދުވެލީގައި ކުރިއަށްދާނެ ކަމުގެ ޔަޤީންކަން ދިނެވެ.
ސައިބަރ ސެކިއުރިޓީ ވަރުގަދަކުރުމަށާއި، ޑޭޓާ ރައްކާތެރިކުރުމުގެ އަޚްލާޤީ މިންގަނޑުތައް ހަރުދަނާކުރުމަށާއި، އަދި ފިންޓެކް ކަސްޓަމަރުން ރައްކާތެރިކުރުމުގެ އިންޑެކްސްއެއް ތަޢާރަފުކުރުމަށް ބޮޑުވަޒީރު ގޮވާލި އެވެ.
މީގެ އިތުރުން، މި ދާއިރާ ހަމައެކަނި ފައިސާ ދެއްކުމަށް އެކަނި ބޭނުންކުރުމުގެ ބަދަލުގައި، ލޯނާއި، އިންޝުއަރެންސް، ރައްކާކުރާ ފައިސާ، އިންވެސްޓްމަންޓް އަދި ޕެންޝަން ފަދަ ކަންކަމަށް ފުޅާކުރަންޖެހޭ ކަމަށް ގޮވާލި އެވެ.
މި ފެސްޓިވަލަކީ ޔޫ.ޕީ.އައި އަށް 10 އަހަރު ފުރުމާ ދިމާވި ހަރަކާތެއްކަން ފާހަގަކުރައްވައި މޯދީ ވިދާޅުވީ، ޒަމާނުއްސުރެ ބޭންކިންގް ނިޒާމުން ބޭރުގައި ތިބި މީހުން މިހާރު ފިންޓެކްގެ ކުރިއެރުމުގައި މުހިންމު ދައުރެއް އަދާކުރަމުންދާ ކަމަށެވެ.
’ސްވަނީދީ‘ ކްރެޑިޓް ކާޑުގެ ސަބަބުން މަގުމަތީގައި ވިޔަފާރިކުރާ މީހުން ރަސްމީ މާލީ ނިޒާމުގެ ތެރެއަށް ވަދެފައިވާ ކަމަށާއި، ދިރާސާތަކުން ދައްކާ ގޮތުގައި މި މަޝްރޫޢުގެ ސަބަބުން އެމީހުންގެ އަހަރީ އާމްދަނީ %20 އަށްވުރެ އިތުރުވެފައިވާ ކަމަށް މޯދީ ފާހަގަކުރި އެވެ.
މުމްބާއީގެ މާލީ ދާއިރާގެ އިތުރުން، ކުރިއަށް އޮތް ’ގަނޭޝޯޓްސަވް‘ ފެސްޓިވަލާއެކު އެ ސިޓީގެ ޘަޤާފީ ރޫޙު ވެސް ވަރަށް ވަރުގަދަވެފައިވާކަން ފާހަގަކޮށް މޯދީ ވަނީ ތަހުނިޔާ ފޮނުވާފަ އެވެ.
މި ފެސްޓިވަލުގައި ޖެހިޖެހިގެން ތިންވަނަ ފަހަރަށް ބައިވެރިވެވަޑައިގަތުމަކީ އެމަނިކުފާނުގެބައިވެރިވުމަކީ މޯދީގެ ދެވަނަ ’ހެޓްރިކް‘ ކަމަށް ފާހަގަކުރި އެވެ. ފުރަތަމަ ހެޓްރިކަކީ 2024 ވަނަ އަހަރު ތިންވަނަ ދައުރަކަށް އެން.ޑީ.އޭ ސަރުކާރު އެކުލަވާލުމެވެ.



