
އެމެރިކާގެ ޑިޕްލޮމޭޓުން އަލުން އެނބުރި މެދުއިރުމައްޗަށް
އެމެރިކާގެ ޑިޕްލޮމޭޓުން އަލުން މެދުއިރުމައްޗަށް ދިއުމަކީ ހަނގުރާމައިގެ ބިރު ކުޑަވަމުންދާ ކަމުގެ ނިޝާނެކެވެ
އީރާނާ ދެކޮޅަށް ކުރި ހަނގުރާމައާ ގުޅިގެން މުވައްޒަފުން މަދުކުރި ނުވަތަ ހުސްކުރި މެދުއިރުމަތީގެ އެމްބަސީތަކާއި ކޮންސިއުލޭޓްތަކަށް އެމެރިކާގެ ޑިޕްލޮމޭޓުން އަލުން ފޮނުވަން ޓްރަމްޕްގެ ސަރުކާރުން މިހާރު ވަނީ ފަށާފަ އެވެ.
ޓްރަމްޕްގެ ސަރުކާރުން ވަނީ އެމްބަސީތަކާއި ކޮންސިއުލޭޓްތަކުގެ މުވައްޒަފުންގެ ކަންކަމުގައި ބޮޑެތި ނިންމުންތަކެއް ނިންމަން ޖެހިފަ އެވެ.
މި ފިޔަވަޅުން ދޭހަވަނީ، މިއަހަރުގެ ކުރީކޮޅު އެ ސަރަޙައްދުން ޑިޕްލޮމޭޓުން ބޭރުކުރަން ޖެހުނު ފަދަ ވަރުގަދަ ހަނގުރާމައެއް ދެން ކުރިމަތިވެދާނެ ކަމަށް އެމެރިކާއަށް ޤަބޫލުނުކުރެވޭ ކަމެވެ.
އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ ބޭރުގެ އިސްވެރިންނަށް މަޢުލޫމާތު ދީފައިވާ ގޮތުގައި، މިވަގުތަށް، އީރާނަށް އިތުރު ޙަމަލާއެއް ދިނުމުގެ ވިސްނުމެއް އެމެރިކާއަކުން ނުގެންގުޅެ އެވެ. އޭގެ ބަދަލުގައި އެމެރިކާއިން މަސައްކަތް ކުރަމުންދަނީ އިޤްތިޞާދީ ގޮތުން އީރާނަށް ޕްރެޝަރު ބޮޑުކުރުމަށެވެ.
ޑިޕްލޮމޭޓުން އަލުން އެނބުރި ސަރަހައްދަށް ދިއުމަށް ނިންމި ނިންމުމާއެކު، ވޭތުވެދިޔަ މަސްތަކުގައި އެފަރާތްތަކާއި އާއިލާތަކަށް ކުރިމަތިވި ނުތަނަވަސްކަމަށް ވަނީ ނިމުމެއް އައިސްފަ އެވެ.
ގިނަ ޑިޕްލޮމޭޓުން އެމެރިކާއަށް ފޮނުވާލެވުނީ އެމީހުންގެ އަނބިދަރިންނާއެކުގަ އެވެ. މީގެ ސަބަބުން ދަރިންގެ ކިޔެވުމާއި ޢާއިލީ ދިރިއުޅުން ކުރިއަށް ގެންދާނެ ޤައުމަކާމެދު ބޮޑެތި ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފަ އެވެ.
ނިއުޔޯކް ޓައިމްސްއިން ރިޕޯޓްކޮށްފައިވާ ގޮތުގައި އިސްރާއީލް، ލުބުނާން، ސައުދީ ޢަރަބިއްޔާ، ޤަޠަރު، އޮމާން، ޢިރާޤު އަދި ކުވެއިތުގައި ހުންނަ އެމެރިކާގެ އެމްބަސީތަކުގެ މުވައްޒަފުންގެ އަދަދު އިތުރުކުރުމަށް ވަނީ ހަމަޖެހިފަ އެވެ.
އެންމެ ފުރަތަމަ ޑިޕްލޮމޭޓުން ފޮނުވުމަށް ހަމަޖެހިފައިވަނީ ލުބުނާނުގައި ހުންނަ އެމެރިކާ އެމްބަސީއަށެވެ.
ޔޫ.އޭ.އީ، ސަޢުދީ ޢަރަބިއްޔާ، ޤަޠަރު އަދި ލުބުނާނުގައި ހުންނަ ޑިޕްލޮމެޓިކް މިޝަންތަކުގައި މުވައްޒަފުން ބައިތިއްބާނީ އެންމެ ގިނަވެގެން %85 އަށެވެ. އަދި ޢިރާޤު، ކުވެއިތު އަދި ބަހުރޭންގައި ހުންނަ މިޝަންތަކުގައި މުވައްޒަފުންގެ އަދަދު %75 އަށް ހިފަހައްޓާނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ.
ސަލާމަތީ ކަންކަމާމެދު އެމެރިކާއިން އަދިވެސް ފިކުރުބޮޑުވާކަމުގެ ނިޝާނެއްގެ ގޮތުން، ޤަލްފު ސަރަހައްދަށް ވަޑައިގަންނަވާ މުވައްޒަފުން ޢާއިލާގެ މެންބަރުން ގެންދިއުމުގައި ސްޓޭޓް ޑިޕާޓްމަންޓުން ހުރަސްތަކެއް ކުރިމަތިކުރާނެ އެވެ. ލުބުނާނާއި ޢިރާޤަށް ޢާއިލާގެ މެންބަރުން ދަތުރުކުރުމުގައި މިހާރުވެސް ވަނީ ހަރުކަށި އުސޫލުތަކެއް ކަނޑައަޅާފަ އެވެ.
އެމެރިކާ އާއި އިސްރާއީލުން އީރާނަށް ދިން ހަމަލާތަކުގެ ބަދަލުހިފުމުގެ ގޮތުން އީރާނުން ދިން ވަރުގަދަ ޙަމަލާތައް ޤަލްފުގެ ޤައުމުތަކަށް ވަނީ އަމާޒުވެފަ އެވެ. ވަކިން ޚާއްޞަކޮށް، ކުވެއިތާއި ބަހުރޭން ފަދަ ކުދި ޤައުމުތަކަށް މީގެ ނުރައްކާ ބޮޑުވެފައިވެ އެވެ.
ވޮޝިންގޓަން ޕޯސްޓުން މި މަހުގެ ކުރީކޮޅު ރިޕޯޓްކޮށްފައިވާ ގޮތުގައި، އެމެރިކާ އާއި އިސްރާއީލުން އީރާނާ ދެކޮޅަށް ކުރި ހަނގުރާމައިގެ ސަބަބުން، ޤަލްފު ސަރަހައްދުން އެމެރިކާ ސިފައިން ބޭލުމާ މެދު ޓްރަމްޕްގެ ސަރުކާރުން ދަނީ ވިސްނަމުންނެވެ.
އީރާނުގެ ޑްރޯން އަދި މިސައިލް ޙަމަލާތައް އަމާޒުވަމުންދާ އެމެރިކާގެ ބޮޑެތި އަސްކަރީ މަރުކަޒުތަކަށް ހުރި ނުރައްކާތައް ޕެންޓަގަނުން ދަނީ ވަޒަންކުރަމުންނެވެ.
މި ޚަބަރުތަކަކީ މެދުއިރުމަތީގެ އަސްކަރީ މަރުކަޒުތަކާ މެދު ވޮޝިންގޓަނުން ގެންގުޅޭ ސިޔާސަތުތަކަށް ބަދަލުތަކެއް އަންނާނެ ކަމަށް ބުނެ، އެމެރިކާގެ މިހާރުގެ އަދި ކުރީގެ އިސްވެރިންނާ ޙަވާލާދީ މިޑްލް އީސްޓް އައި ނޫހުން ޖޫން މަހު ޝާއިއުކުރި ރިޕޯޓަށް ބާރުދޭ މަޢުލޫމާތުތަކެކެވެ.



