ދިވެހިރާއްޖޭގެ ނައިބުރައީސް ޢަބްދުﷲ ޖިހާދާއި އެކޮނޮމިކް މިނިސްޓަރ މުޙައްމަދު ސަޢީދު އިންޑިއާއަށް ފުރާވަޑައިގެންފިއެވެ.
އެބޭފުުންގެ މި ދަތުރުފުޅަކީ ދިވެހި ސަރުކާރުން އިންތިޒާމުކޮށްގެން ބާއްވަމުން ގެންދާ އިންވެސްޓްމަންޓް ފޯރަމް އިފްތިތާހު ކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެކެވެ.
އިންވެސްޓްމަންޓް ފޯރަމް މިއަހަރު ބޭއްވުމަށް ހަމަޖައްސާފައިވަނީ މިމަހުގެ 21 އިން 22 އަށް އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި ހުންނަ ތާޖް ޕެލަސް ހޮޓެލްގައެވެ.
އެކޮނޮމިކް މިނިސްޓްރީން ބުނީ ފޯރަމަށް ވަރަށް ބޮޑު ތަރުހީބެއް ލިބެމުންދާ ކަމަށާއި މިއަހަރުގެ ފޯރަމަކީ ކާމިޔާބު ފޯރަމަކަށް ވެގެންދާނެ ކަމަށް އުއްމީދު ކުރާ ކަމަށެވެ. އަދި ފޯރަމްގައި މިއަހަރު ބައިވެރިވާ އިންވެސްޓަރުންނާއި ކުންފުނިތަކަށް ސަރުކާރުގެ އިޤްތިޞާދީ ސްޓްރެޓެޖިކް ޕްރޮޖެކްޓްތަކުގެ މަޝްރޫޢުތަކުގެ މަޢުލޫމާތު ހިއްސާ ކުރާނެ ކަމަށެވެ.
ރައީސް ޢަބްދުﷲ ޔާމީން މިދިޔަ އަހަރުގެ ތެރޭގައި އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި އެޤައުމުގެ އިސްވެރިންނާއެކު ބޭއްވެވި މަޝްވަރާތަކަށްފަހު، އިންވެސްޓްމަންޓް ފޯރަމް އިންޑިއާގައި ބޭއްވުމަށް ނިންމަވާފައިވާ އިރު، މިފޯރަމް އިންތިޒާމު ކުރުމުގެ ޚަރަދުތައް ކުރާނީ އިންޑިއާ ސަރުކާރުންނެވެ.
މި ދަތުރުފުޅުގައި އިންޑިއާގެ ނައިބު ރައީސް އެމް. ހާމިދު އަންޞާރީއާ ބައްދަލުކުރެއްވުމަށްވެސް ހަމަޖެހިފައިވާކަމަށް ރައީސް އޮފީހުން މަޢުލޫމާތުދެއެވެ.
އިންވެސްޓްމަންޓް ފޯރަމްގެ ފުރަތަމަ ފޯރަމް 2014 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި ސިންގަޕޫރުގައި ބާއްވާފައިވާ އިރު، ދެވަނަ އިންވެސްޓްމަންޓް ފޯރަމް ބާއްވާފައިވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ޗައިނާގެ ބެއިޖިންގ ގައެވެ.