މެރަތަންއެއް ދުވުމަކީ އެހާފަސޭހަކަމެއް ނޫނެވެ. އެކަމަކު މަސައްކަތްކޮށްފިނަމަ ނުވާނޭ ކަމެއްވެސް ނޫނެވެ. ރާއްޖޭގައިވެސް މިފަހަކަށް އައިސް އަންނަނީ މެރަތަން ދުވާމީހުން ނުވަތަ ދިގު ދުވުންތައް ދުވާމީހުން އިތުރުވަމުންނެވެ.
މިފަދަ މީހުންނަށް ނުވަތަ މެރަތަންއެއް (42 ކިލޯމީޓަރ / މާލެވަށާ 8 ބުރު) ޖެހުމަކީ ވަރަށް ގިނަ ބައެއްގެ ހުވަފެނަކަށް ވާނެކަން ޔަޤީނެވެ. އަހަންނަށްވެސް ވެދާނޭ ކިޔާފަ، އަމިއްލައަށް ތަމްރީންވާން ފަށާމީހުންވެސް މަދެއްނޫނެވެ. ނަމަވެސް ދިމާވާ މައްސަލައަކީ ހަފްތާ، ދެހަފްތާވަންދެން ދުވުމަށްފަހު އެކަނިވުމުން ނުވަތަ ހަށިގަނޑުން މާބޮޑު ތަފާތެއް ނުވަތަ ދުވެލީގައި މާބޮޑު ސްޕީޑެއް ނެތްކަން އިޙްސާސް ކުރެވުމުން ހުއްޓާލެވެނީއެވެ. ކިތަންމެ ދުވާހިތްވިޔަސް އެކަމަށް ވަގުތުދެވޭގޮތް ނުވަނީއެވެ.
އެފަދަ ފަރާތްތަކަށާއި މިހާރުވެސް މެރަތަން ދުވަމުން އަންނަ ފަރާތްތަކުން ކުރިން ދުވެފައިވާ ވަގުތުގެ އަމިއްލަ ރެކޯޑު އާކުރުމަށް ޓީއެފްޖީން މިވަނީ ރަނުގެ ފުރުޞަތެއް ހުޅުވާލާފައެވެ. އަންނަ އަހަރު ބާއްވާ ޓީއެފްޖީ ލޯންގރަން 2017 ގައި ފުލްމެރަތަން ނުވަތަ 42 ކިލޯމީޓަރ ދުވަން ބޭނުންވާ ފަރާތްތަކުން ޓީއެފްޖީ މެދުވެރިކޮށް ތަމްރީނުވުމުގެ ފުރުޞަތު މިވަނީ ހުޅުވާލާފައެވެ.
އަންނަ އަހަރުގެ އޭޕްރީލް މަހުގެ 14 ވަނަ ދުވަހު ހުޅުމާލޭގައި ބޭއްވުމަށް ތާވަލުކޮށްފައިވާ މި ދުވުމުގައި ފުލް މެރަތަން (42 ކިލޯމީޓަރ)، ހާފް މެރަތަން (21 ކިލޯމީޓަރ)، 10 ކިލޯމީޓަރ އަދި 5 ކިލޯމީޓަރ ބޭއްވުމަށް ވަނީ ނިންމާފައެވެ.
2013 ވަނަ އަހަރުން ފެށިގެން ޓީއެފްޖީން ބާއްވަމުން އަންނަ ލޯންގރަންގައި ކޮންމެ އަހަރަކުވެސް އަންނަނީ ގިނަ ޢަދަދެއްގެ ދުވުންތެރިން ބައިވެރިވަމުންނެވެ. އޭގެތެރޭގައި މުޅިން އަލަށްދުވާ ދުވުންތެރިންވެސް ހިމެނޭ އިރު، ހުރިހާ ކެޓަގަރީއެއްގައިވެސް ދުވާ ދުވުންތެރިންނަށް އަންނަނީ ތަމްރީނު ދެމުންނެވެ.
މީގެ އިތުރުން 10 ކިލޯމީޓަރ މުޅިން އަލަށްދުވާ ފަރާތްތަކުގެ ތެރެއިން ވަކިޢަދަދެއްގެ ދުވުންތެރިން ޓީއެފްޖީން އަންނަނީ މުޅިން ހިލޭ ތަމްރީނުކޮށްދެމުންނެވެ.
ފުލް މެރަތަންއަށް ތަމްރީނުވުމަށް އެދޭ ފަރާތްތަކުން ޑިސެމްބަރ މަހުގެ 2 ވަނަ ދުވަހުގެ ކުރިން ރެޖިސްޓްރީވާން ޖެހޭއިރު، ހާފް މެރަތަން އާއި 10 ކިލޯމީޓަރ އަދި 5 ކިލޯމީޓަރގެ ތަމްރީނުތަކަށް ބައިވެރިވުމަށްވެސް ވަރަށް އަވަހަށް އިޢުލާން ކުރާނެކަމަށް ޓީއެފްޖީން ބުނެއެވެ.
މި ރަނުގެ ފުރުޞަތު ނަންގަވާ ނުލައްވާށެވެ! އެއްގޮތަކަށްވެސް ނުދުވާ މީހަކަށްވެސް ދުވެވިދާނެއެވެ. އަމާޒަކާއި ޢަޒުމަކާއި ހިތްވަރެއް ހުރެއްޖެ ނަމަ ވާނެއެވެ. ފުލް މެރަތަން ނުވަތަ ހާފް މެރަތަންއެއް ނިންމާލުމުން އެލިބޭ ހިތްހަމަޖެހުން އަމިއްލައަށް އިޙްސާސްކޮށްލުމަށް މި ފުރުޞަތުގެ ބޭނުން ހިއްޕަވާށެވެ.