
ނަލަހިޔާ ރެޒިޑެންސްގެ އެޕާޓްމަންޓަކުން ވައްކަން ކުރި މައްސަލާގައި ހަތަރު މީހަކު ހައްޔަރުކޮށް އެކަކު ހޯދަނީ
މަޖީދީމަގުގައި ހުންނަ ނަލަހިޔާ ރެޒިޑެންސްގެ އެޕާޓްމަންޓަކުން ވައްކަން ކޮށްފައިވާ މައްސަލާގައި ހަތަރު މީހަކު ހައްޔަރުކޮށް އެކަކު ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުނެފި އެވެ.
މިއީ މާރިޗު 16 ވަނަ ދުވަހުގެ 17:49 އެހައިކަންހާއިރު ފުލުހުންނަށް ހުށަހެޅި މައްސަލަ އެކެވެ. ވައްކަމުގެ އެ މައްސަލައިގެ ތަހުގީގު ފުލުހުން ދަނީ ކުރަމުންނެވެ.
މި ވައްކަމުގައި 4،000،000 (ހަތަރު މިލިއަން) ދިވެހި ރުފިޔާ ވަގަށް ނަގާފައިވެ އެވެ. އެ ފައިސާގެ ތެރެއިން ހޯދިފައިވަނީ 50،000 (ފަންސާސް ހާސް) ދިވެހި ރުފިޔާ އެވެ.
މި މައްސަލާގައި ފަސް މީހަކަށް ތުހުމަތު ކުރެވޭ ކަމަށާ އޭގެ ތެރެއިން ހަތަރު މީހަކު ހައްޔަރުކޮށް، މިވަގުތު ބަންދުގައި އެބަތިއްބެވެ. އެކަކު ހޯދުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރު ކޮށްފައިވަނީ ކަސްތޫރިމާގެ / ޅ.ނައިފަރު، މުޙައްމަދު ނޫރު އަޙްމަދު (40އ) އާއި މޫންލައިޓްވިލާ / ސ.މީދޫ، މުޙައްމަދު އަފްރާޙް (40އ) އާއި ދާރުލް އައްވަލް / ރ.މަޑުއްވަރި، އިސްމާޢީލް ޢާޞިފް (36އ) އަދި މ. އޭސިއާ / މާލެ، އަޙްމަދު ފާރިސް (39އ) އެވެ.


