
މައިންބަފައިންނަށް ކަމޭހިތުމަކީ ސުވަރުގެއަށް ވާޞިލުކޮށްދޭ މަގުތަކުން މަގެއް
މައިންބަފައިންނަށް ކަމޭހިތުމަކީ އިންސާނާ ދުނިޔަވީ މުޞީބާތްތަކުން ސަލާމަތްކޮށްދޭ، ދިރިއުޅުމުގައި ބަރަކާތް އިތުރުކޮށްދޭ އަދި ދުޢާ އިޖާބަކުރެއްވުމުގެ މުހިންމު ސަބަބެއްކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.
”މައިންބަފައިންނަށް ކަމޭހިތުން“ މި މައުޟޫޢަށް ރާއްޖޭގެ އެކިކަންކޮޅުތަކުގައި މިއަދު އިއްވި ހުކުރު ޚުތުބާގައި ވަނީ، މައިންބަފައިންނަށް ހެޔޮކޮށް ހިތުމުގެ މަތިވެރިކަމާއި އެކަމުގެ ސަބަބުން ދުނިޔެއާއި އާޚިރަތުގައި ލިބޭނެ ބާއްޖަވެރިކަމުގެ މައްޗަށް އަލިއަޅުވާލާފައެވެ.
ޚުތުބާގައި ބަޔާންކޮށްފައިވާ ގޮތުގައި، الله ތަޢާލާ ވަނީ އިންސާނާގެ ބާއްޖަވެރިކަމުގެ އަސާސެއްކަމުގައި މައިންބަފައިން ލައްވާފައެވެ. ދަރިން ދުނިޔެއަށް އައުމުގެ ސަބަބަކީ އެއީ ކަމުގައިވާއިރު، އެ ދެމީހުންގެ އިޙްސާންތެރިކަމާ އަޅާކިޔޭނެ ފަދަ އެހެން ބަޔަކު ނުވެއެވެ. މައިންބަފައިން ދަރިންނަށްޓަކައި ޖާނާއި މާލުންވާ ގުރުބާނީގެ އަގު ވަޒަންނުކުރެވޭނެކަމަށާއި، އެބަޔަކަށް ހެޔޮކޮށް ހިތުމަކީ އިންސާނީ ބުއްދިވެސް ލާޒިމުކުރާ ކަމެއްކަމަށް ޚުތުބާގައި ފާހަގަކުރިއެވެ.
އިސްލާމްދީނުގައި މައިންބަފައިންނަށް ދީފައިވާ މަތިވެރި ދަރަޖައަށް ބަލާއިރު، ކީރިތި ޤުރުއާނުގެ ހަތަރު ތަނެއްގައި الله އަށް އަޅުކަންކުރުމަށް އަމުރުކުރެއްވުމާ ވިދިގެން މައިންބަފައިންނަށް ކިޔަމަންތެރިވުމަށް އަމުރުކުރައްވާފައިވާކަން ޚުތުބާގައި ހަނދާންކޮށްދިނެވެ. އަދި މިއީ ނަބީބޭކަލުންނާއި ޞާލިޙުންގެ މަތިވެރި ސިފައެއްކަމަށާއި، މައިންބަފައިންނަށް ކަމޭހިތުމަކީ ސުވަރުގެއަށް ވާޞިލުކޮށްދޭ މަގުތަކުން މަގެއްކަންވެސް ބަޔާންކުރިއެވެ.



