
ސުންނީ އަދި ޝީޢީ މަޒުހަބީ ތަޢައްޞުބްގެ ތެރެއަށް ރާއްޖޭގެ މުޖުތަމަޢު ވެއްޓިގެން ދިޔުމުގެ އެއްވެސް ފުރުޞަތެއް ދެވިގެން ނުވާނެ: އިސްލާމިކް މިނިސްޓަރ
ސުންނީ އަދި ޝީޢީ މަޒުހަބީ ތަޢައްޞުބްގެ ތެރެއަށް ރާއްޖޭގެ މުޖުތަމަޢު ވެއްޓިގެން ދިޔުމުގެ އެއްވެސް ފުރުޞަތެއް ދެވިގެން ނުވާނެ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
މީޑިއާ ތަކަށް ފޮނުއްވި މެސެޖެއްގައި ވަޒީރު ވިދާޅުވީ، ދިވެހި ރައްޔިތުންނަކީ ސުންނަތް ޖަމާޢަތުގެ ޞައްޙަ މަތިވެރި ޢަޤީދާގެ މަތީގައި، ކީރިތި ޤުރުއާނާއި ކައު އިތުރު ރަސޫލާގެ ސުންނަތާއި ސަލަފުއްޞާލިޙުންގެ މަންހަޖުގައި އެތައް ޤަރުނެއް ވަންދެން ސާބިތުކަމާއެކު ދެމިތިބި ބައެއް ކަމަށެވެ. އަދި ދިވެހިންނަކީ އަބަދުވެސް އިސްލާމްދީނުގެ ވަސަޠީ އުޞޫލުތަކުގައި ހިފަހައްޓައިގެން ތިބި ބައެއްކަން ފާހަގަކުރެއްވިއެވެ.
”އިންޝާ الله، ސުންނަތް ޖަމާޢަތުގެ މަތިވެރި ޢަޤީދާގައި ރާއްޖެ ދެމިއޮންނާނެ. މި އަސާސް ދެމެހެއްޓުމަށް ރާއްޖޭގެ އެންމެހާ ރައްޔިތުންނާއި ޢިލްމުވެރިންގެ އަރިހުން އަޅުގަނޑު އެދެން،“ ޑރ. ޝަހީމް ވިދާޅުވިއެވެ.
މީގެ އިތުރުން، ރާއްޖޭގެ ދީނީ އެއްބައިވަންތަކަމަށް އެއްވެސް ފަދަ ލޮޅުމެއް އަރާފާނެ ކަމަކަށް ޖާގަ ނުދެއްވުމަށް ވަޒީރު ވަނީ އިލްތިމާސްކުރައްވާފައެވެ. އަދި އެކި ފިރުޤާތަކުގެ ޢަޤީދާތަކާ ގުޅޭ ޢިލްމީ ޙަޤީޤަތްތައް އޮޅޭނެ ފަދަ ގޮތްގޮތަށް މަޢުލޫމާތު ނުފެތުރުމަށްވެސް އެމަނިކުފާނު ނަސޭޙަތްތެރިވެލެއްވިއެވެ



