
އެއްޗެއް ލިބޭނީ އެއްޗެެއް ދީގެން
މީހެއްގެ މޮޅުކަން ބިނާވެގެންވަނީ އެމީހެއްގެ ވިސްނުމުގެ މައްޗަށެވެ. މިއީ އީލޮން މަސްކް، ސްޓީވް ޖޮބްސް، އަދި ޖެފް ބޭޒޯސް ފަދަ ކާމިޔާބު ފަރާތްތަކުގެ ދިރިއުޅުމުން ސާބިތުވާ ޙާޤީޤަތެކެވެ. ނަޕޯލިއަން ހިލްގެ މަޝްހޫރު ފޮތް ”Think and Grow Rich“ ގައި ބުނެފައިވަނީ، ”ތިބާ އަބަދު ވިސްނާ ގޮތަށް ތިބާގެ ދިރިއުޅުން ބަދަލުވެގެންދާނެ“ ކަމަށެވެ.
އެކަމަކު ގިނަ ބަޔަކު ނާކާމިޔާބީއާ ކުރިމަތިލާން ޖެހެނީ ކީއްވެގެން ހެއްޔެވެ؟
އެއްދުވަހަކު ކާރޫބާރޫ ބޮޑު ރޭލު ސްޓޭޝަނެއްގައި ފަގީރަކު ސަލާންޖަހަން އިނެވެ. އޭނާ ކޮންމެ ދުވަހަކުވެސް ދަތުރުވެރިންގެ ކިބައިން ފައިސާއަށް އެދެ އެވެ. އެއްދުވަހަކު ވަރަށް ނަލަހެދިގެން ހުރި ވިޔަފާރިވެރިއަކު އެތަނަށް އައުމުން، އޭނާ އަތުން ބޮޑު އެއްޗެއް ލިބޭނެ ކަމުގެ އުންމީދުގައި ސަލާންޖަހާ މީހާ އަތްދިއްކޮށްލި އެވެ.
ނަމަވެސް، އެ ވިޔަފާރިވެރިޔާ ފައިސާ ދިނުމުގެ ބަދަލުގައި ސުވާލެއް ކުރިއެވެ. ”ތިބާ އަބަދުވެސް ހަމައެކަނި މީހުން އަތުން އަތުލަނީ ހެއްޔެވެ؟ ދުވަހަކުވެސް މީހަކަށް އެއްޗެއް ދިނިން ހެއްޔެވެ؟“
ފަޤީރު މީހާ ހައިރާންވެފައި ބުންޏެވެ. ”ސާހިބާއެވެ، އަހަންނަކީ ފަޤީރެކެވެ. އަހަރެން ދޭނީ ކޮން އެއްޗެއް ހެއްޔެވެ؟“
ވިޔަފާރިވެރިޔާ ހިނިތުންވުމާއެކު ބުންޏެވެ. ”ތިބާގެ އަތުގައި ދޭނެ އެއްޗެއް ނެތް ކަމަށް ޤަބޫލުކުރާނަމަ، މީހުން އަތުން އެދުމުގެ ޙައްޤެއްވެސް ނޯންނާނެ އެވެ.
އަހަރެން ޤަބޫލުކުރަނީ ’ބަދަލު‘ ދިނުމަށެވެ. ތިބާ އަހަންނަށް އެއްޗެއް ދީފިނަމަ، އަހަރެންވެސް ބަދަލުގައި އެއްޗެއް ދޭނަމެވެ.“
މި ވާހަކައިން ފަޤީރު މީހާގެ ވިސްނުން ބަދަލުވި އެވެ. އޭނާ ރޭލު ދަގަނޑު ކައިރީގައި ހުރި ވަލު މާތަކެއް ބިނދެގެން ގެނެސް، ފައިސާ ދޭ ކޮންމެ މީހަކަށް މަލެއް ދޭން ފެށި އެވެ.
އޭގެ ސަބަބުން މީހުން އޭނާއަށް ދޭ ފައިސާ އިތުރުވެ، މީހުންގެ މޫނުމަތިން އުފާވެރިކަން ފެންނަން ފެށި އެވެ.
ދުވަސްތަކެއް ފަހުން އަނެއްކާވެސް އެ ވިޔަފާރިވެރިޔާއާ ބައްދަލުވުމުން ފަޤީރު މީހާ އޭނާއަށް މަލެއް ދިނެވެ. ވިޔަފާރިވެރިޔާ ބުންޏެވެ. ”މިއަދު ތިބާއަކީ ފަޤީރެއް ނޫނެވެ. މިއަދު ތިބާއަކީ ވިޔަފާރިވެރިއެކެވެ.“
އެ ހިސާބުން އެ މީހާ ސަލާންޖެހުން ހުއްޓާލައި، މަލުގެ ވިޔަފާރި ފެށި އެވެ. ހަމަސް ފަހުން، އެ ދެމީހުން އަނެއްކާވެސް ސްޓޭޝަނުން ބައްދަލުވި އެވެ. މިފަހަރު ދެމީހުންވެސް ތިބީ ރީތިކޮށް ހެދުން އަޅައިގެންނެވެ. ކުރީގެ ފަޤީރު މީހާ ބުންޏެވެ. ”އަހަރެން މިއަދު މިއީ ކާމިޔާބު މާ ވިއްކާ ވިޔަފާރިވެރިއެކެވެ. ތިބާ އަހަންނަށް ދަސްކޮށްދިނީ ދިރިއުޅުމުގެ އެންމެ ބޮޑު ޙަޤީޤަތެވެ. އެއީ އެއްޗެއް ލިބޭނީ އެއްޗެއް ދީގެން ކަމެވެ.“


