
އިސްރާޢީލްގެ ސަލާމަތަށްޓަކައި ޣައްޒާ މުޅިން ނައްތާލަންޖެހޭ – އެމެރިކާ
އިސްރާޢީލްގެ ސަލާމަތަށްޓަކައި ޣައްޒާ މުޅިން ނައްތާލަންޖެހޭ ކަމަށް އެމެރިކާގެ ހަރުކަށި ސެނެޓަރަކު ބުނެފި އެވެ.
އިސްރާޢީލް ވުޖޫދުގައި އޮތުމަށް ނުރައްކަލެއްގެ ގޮތުގައި އިސްރާއީލުން ދެކޭނަމަ، ޣައްޒާ ނައްތާލަންޖެހޭ ކަމަށާއި، އިސްރާއީލުގެ ވެރިއެއްގެ ގޮތުގައި އަޅުގަނޑު ހުރިނަމަ އަޅުގަނޑުވެސް ހަމަ އެ މަގުން ކުރިއަށް ގެންދާނެ ކަމަށް އެމެރިކާގެ ހަރުކަށި ސެނެޓަރު ލިންޑްސީ ގްރެހަމް ބުނެފިއެވެ.
”ދެވަނަ ބޮޑު ހަނގުރާމައިގައި ޖަރުމަނާއި ޖަޕާން ހަލާކުކޮށް، ބާލިން އާއި ޓޯކިޔޯއަށް ބޮންއަޅާ ގޮއްވާލީ، ޖަޕާނަށް އެޓޮމިކް ބޮން ވައްޓާލީ، އެއީ ގޯހެއް ކަމަށް އަޅުގަނޑު ނުދެކެން. ހަމަ އެމަގުން މިއަދު ވެސް ކަންކުރަންޖެހޭ.“ ލިންޑްސީ ގްރެހަމް ވަނީ ބުނެފައެވެ.
އޭނާ އިތުރަށް ބުނީ، އަސްކަރީ ކާމިޔާބީއަކާ ނުލައި ރެޑިކަލިޒަމް މުގުރާލުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށާއި، އެއީ އަޅުގަނޑުމެން ޖަރުމަނާއި ޖަޕާން ބަލިކުރި ގޮތް ކަމަށެވެ.
ލިންޑްސީ ގްރެހަމް އަންނަނީ ޣައްޒާ މުޅިން ނައްތާލުމަށާއި، އީރާނާއެކު އިތުރު މަޝްވަރާ ކުރުމެއްނެތި އަސްކަރީ ފިޔަވަޅުތައް އެޅުމަށް ޓްރަމްޕްގެ ސަރުކާރަށް ބާރުއަޅަމުންނެވެ. އަސްކަރީ ފިޔަވަޅު އެޅުމާ ދެކޮޅަށް ވަކާލާތު ކުރައްވާ ފަރާތްތަކަށް އޭނާ ވަނީ ވަރަށް ބޮޑަށް ފާޑުކިޔާފައެވެ.



