
އދ.ގެ އިންސާނީ ހައްޤުތަކާބެހޭ ކައުންސިލްގެ 61 ވަނަ ސެޝަންގެ ހައި-ލެވެލް ސެގްމަންޓްގައި ޚާރިޖީ ވަޒީރު ބައިވެރިވެވަޑައިގެންފި
އ.ދ.ގެ އިންސާނީ ހައްޤުތަކާބެހޭ ކައުންސިލްގެ 61 ވަނަ ސެޝަންގެ ހައި-ލެވެލް ސެގްމަންޓްގައި ބައިވެރިވެވަޑައިގަތުމަށް މިނިސްޓަރ އޮފް ފޮރިން އެފެއަރޒް ޑޮކްޓަރ ޢަބްދުالله ޚަލީލު ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފިއެވެ.
ހައި-ލެވެލް ސެގްމަންޓްގެ ބަހުސްގައި ތަޤްރީރްކުރައްވަމުން މިނިސްޓަރ ޑރ.ޚަލީލް ވަނީ އިންސާނީ ޙައްޤުތަކާބެހޭ ޔުނިވަރސަލް ޑެކްލަރޭޝަންގައި ބަޔާންކުރާ ކަންތައްތަކަށް އަމަލުކުރުމުގައި ރާއްޖެއިން ސާބިތުކަންމަތީ ދެމިތިބޭނެކަމުގެ ޔަޤީންކަން ދެއްވާފައެވެ. އަދި، އިންސާނީ ޙައްޤުތައް ރައްކާތެރިކުރުމުގަ އާއި، ބައިނަލްއަޤުވާމީ ގުޅުންތައް ބަދަހިކޮށް، ބިނާކުރަނިވި މަޝްވަރާތައް ކުރިއަށް ގެންދިއުމުގެ މުހިންމުކަން މިނިސްޓަރ ފާހަގަކުރައްވާފައިވެއެވެ.
މި ސެޝަންގެ ހަވާސާގައި، މިނިސްޓަރ ޑޮކްޓަރ ޚަލީލް އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ ހައިކޮމިޝަނަރ ވޮލްކަރ ޓާރކް އާ ބައްދަލުކުރެއްވިއެވެ. އަދި މި ސެޝަންގައި ބައިވެރިވާ ޤައުމުތަކުގެ ތެރެއިން އަންގޯލާ، ކިއުބާ، ރުވާންޑާ، ކިރިގިސް ރިޕަބްލިކް، ސްލޮވާކިއާ، އައިސްލެންޑް، ސްލޮވީނިއާ، އިންގިރޭސިވިލާތު، ސެން މަރީނޯ، އިޖިޕްޓް، އަދި ރަޝިއާގެ ވަފްދުތަކުގެ އިސްވެރިންނާއި އޯގަނައިޒޭޝަން އޮފް އިސްލާމިކް ރިޕަބްލިކް (އޯ.އައި.ސީ.) ގެ އިންޑިޕެންޑެންޓް ޕާމަނަންޓް ހިއުމަން ރައިޓްސް ކޮމިޝަން (އައި.ޕީ.އެޗް.އާރް.ސީ.) ގެ އެކްޒެކިއުޓިވް ޑިރެކްޓަރ ބައްދަލުކޮށްފައެވެ.
މީގެ އިތުރުން އިންޓަރނޭޝަނަލް ލޭބަރ އޯގަނައިޒޭޝަން (އައި.އެލް.އޯ.) ގެ ޑިރެކްޓަރ ޖެނެރަލް އާއި، ބައްދަލުކުރައްވައި ދިވެހިރާއްޖެއާއި އައި.އެލް.އޯ އާ ގުޅިގެން ކުރެވިދާނެ މަސައްކަތްތަކާ ބެހޭގޮތުން މަޝްވަރާކުރެއްވިއެވެ. އަދި މި ބައްދަލުކުރެއްވުމުގައި މިނިސްޓަރ ޑރ.ޚަލީލް ވަނީ ”1986 އެމެންޑްމަނަޓް ޓު ދަ އައި.އެލް.އޯ ކޮންސްޓިޓިއުޝަން“ ދިވެހިރާއްޖެއިން ތަޞްދީޤުކުރުމަށް ބޭނުންވާ އިންސްޓްރޫމަންޓް އޮފް ރެޓިފިކޭޝަން ރަސްމީކޮށް ހުށަހަޅުއްވާފައެވެ.
ޖެނިވާގައި ހުންނަ ސްލޮވީނިއާގެ ޕަރމަނަންޓް މިޝަން އިން އިންތިޒާމްކޮށް ދިވެހިރާއްޖެއިން ކޯ ސްޕޮންސަރ ކޮށްގެން ބޭއްވި ”އެޑްވާންސިންގ ހިއުމަން ރައިޓްސް އެންޑް އީކުއަލިޓީ: އިންވެސްޓިން އިން ވިމެންސް ޕޮލިޓިކަލް ލީޑަރޝިޕް އިން މަލްޓިލޭޓަރަލިޒަމް“ ސައިޑް އިވެންޓުގައި މިނިސްޓަރ ޑރ.ޚަލީލް ބައިވެރިވެވަޑައިގެން ތަޤްރީރްކުރެއްވިއެވެ. އެ ތަޤްރީރުގައި، ބައިނަލްއަޤްވާމީ މައިދާނުގައި ޙާއްސަކޮށް ނިންމުންތައް ނިންމާ މަންސަތަކުގައި އަންހެނުންގެ ދައުރު ވަރަށް މުހިންމުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
2028 އިން 2030 ވަނަ އަހަރަށް އދ.ގެ އިންސާނީ ހައްޤުތަކާބެހޭ ކައުންސިލުގެ ދައުރަށް ރާއްޖެއިން ކުރިމަތިލުމަށް ނިންމާފައިވާކަން އިއުލާން ކުރައްވައި، އދ.ގެ އިންސާނީ ހައްގުތައް ކުރިއެރުވުމަށާއި، ގައުމީ އަދި ބައިނަލްއަޤުވާމީ ފެންވަރުގައި އިންސާނީ ހައްގުތައް ކުރިއެރުވުމަށް ރާއްޖެއިން އަބަދުވެސް މަސައްކަތް ކުރާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.



