
ސްޓެލްކޯގެ އަތޮޅުތެރޭގެ އިންޖީނުގެތަކުގެ މުވައްޒަފުންނަށް ޚާއްޞަ ތަމްރީނު ޕްރޮގްރާމެއް ބާއްވައިފި
ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) ގެ އަތޮޅުތެރޭގައި ހިންގާ އިންޖީނުގެތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް އަމާޒުކޮށްގެން ދެ ދުވަހުގެ ތަމްރީނު ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ.
މި ތަމްރީނު ޕްރޮގްރާމަކީ މަޝްރޫޢުތައް ހިންގުމުގައި ކޮންޓްރެކްޓަރުންގެ މަސައްކަތްތައް ސުޕަވައިޒްކުރުމާއި، އެއްބަސްވުންތަކާ އެއްގޮތަށް އަމަލުކުރާ މިންވަރު ބެލުމުގެ އިތުރުން، މަޝްރޫޢުތަކާ ގުޅޭ ލިޔެކިޔުންތައް ބެލެހެއްޓުން ހަރުދަނާކުރުމަށް ބޭއްވި ޕްރޮގްރާމެކެވެ.
މި ތަމްރީނުގައި މީގެ ކުރިން ކުރިއަށް ގެންގޮސްފައިވާ އެކި މަޝްރޫޢުތަކުން ލިބިފައިވާ ތަޖުރިބާތަކާއި ފިލާވަޅުތަކުގެ މައްޗަށް ބިނާކޮށް މަޢުލޫމާތު ދީފައިވެއެވެ. މި ޕްރޮގްރާމުގެ މައިގަނޑު އެއް މަޤްޞަދަކީ މަސައްކަތް ހިނގާ ސައިޓުތައް މޮނިޓަރކުރުން ހަރުދަނާކުރުމާއި، ދައުލަތުގެ ފައިސާ އެންމެ އެދެވޭ ގޮތުގައި ބޭނުންކުރެވޭކަން ކަށަވަރުކޮށް، ފައިސާ އާއި ވަސީލަތްތައް ރައްކާތެރިކުރުމެވެ.
މީގެ އިތުރުން، މިއީ ރާއްޖޭގައި ދެމެހެއްޓެނިވި ގޮތެއްގައި ހައިބްރިޑް އިއާދަކުރަނިވި ހަކަތައިގެ ނިޒާމުތައް ޤާއިމުކުރުމަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއިން، މުވައްޒަފުންގެ ފަންނީ ޤާބިލުކަން އިތުރުކުރުމަށް ކުރިއަށް ގެންދެވުނު މުހިންމު ހަރަކާތެކެވެ.
މިފަދަ ތަމްރީނުތަކުގެ ސަބަބުން ސްޓެލްގެ އަތޮޅުތެރޭގައި ހިންގާ މަޝްރޫޢުތައް އިތުރަށް ހަރުދަނާވެ، ކޮންޓްރެކްޓަރުންގެ މަސައްކަތްތައް ގާތުން ބެލެހެއްޓުމުގެ ނިޒާމު އިތުރަށް ވަރުގަދަވެގެންދާނެ ކަމަށް މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަމަންޓުން ދެކެއެވެ.



