
އުކުޅަހުގައި ދިރިއުޅޭ ބިދޭސީންގެ ދަފްތަރު އެކުލަވައިލުވުމުގެ މަސައްކަތް ފަށައިފި
އއ. އުކުޅަހުގައި ދިރިއުޅޭ ބިދޭސީންގެ ދަފްތަރު އެކުލަވައިލުވުމުގެ މަސައްކަތް ފަށައިފި އެވެ.
މި މަސައްކަތަކީ އއ. އަތޮޅުގެ ރަށްރަށުގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ފަށާފައިވާ މަސައްކަތުގެ ތެރެއިން ކުރިއަށް ގެންދާ މަސައްކަތެކެވެ.
މި މަސައްކަތް ކުރިއަށް ގެންދަނީ އުކުޅަހު ޕޮލިސް ޕޯސްޓުން އިސްނަގައިގެން ރަށު ކައުންސިލުގެ އެހީތެރިކަމާ އެކުގަ އެވެ.
މި މަސައްކަތުގެ ތެރެއިން، ރަށުގެ ގޭބިސީތަކުގައި ދިރިއުޅޭ ބިދޭސީންނާއި ގެސްޓު ހައުސްތަކުގައި މަސައްކަތް ކުރާ ބިދޭސީން އަދި ކޮންސްޓްރަކްޝަން މަސައްކަތްކުރާ ތަންތަނުގައި އުޅޭ ބިދޭސީންގެ މައުލޫމާތު އެއްކުރުމުގެ މަސައްކަތްކުރިއަށް ގެންދާނެ އެވެ.
މި ހަރަކާތުގެ ތެރެއިން، ރަށުގެ ގެސްޓްހައުސްތަކަށް ޒިޔާރަތްކޮށް އެ ތަންތަނުގެ ސަލާމަތީ ކަންކަން ހުރިގޮތް ބެލުމުގެ މަސައްކަތް ވެސް މިއަދު ކޮށްފައިވެ އެވެ.
މިގޮތުން ގެސްޓްހައުސްތަކުގައި ހަރުކޮށްފައިވާ ސެކިއުރިޓީ ކެމެރާ ސިސްޓަމްތަކުގެ ހާލަތު ދެނެގަތުމާއި، އަލިފާން ނިއްވުމަށް ބޭނުންކުރާ ސާމާނު ރަނގަޅަށް ހުރިތޯ ވަނީ ބަލާފައެވެ. އަދި އިތުރަށް ރަނގަޅުކުރަންޖެހޭ ކަމަށް ފާހަގަކުރެވުނު ކަންކަން ރަނގަޅުކުރުމަށް އިރުޝާދުދީފައިވެ އެވެ.



