
ޔޫ.އެން.އީ.އޭ 7 ގެ ހަވާސާގައި ސްޓޭޓް މިނިސްޓަރ ފާއިޒު، 30×30 އަމާޒާ ގުޅޭގޮތުން މަޝްވަރާކުރައްވައިފި
ކެންޔާގެ ނައިރޯބީގައި ކުރިއަށްދާ ޔުނައިޓެޑް ނޭޝަންސް އެންވަޔަރަންމަންޓް އެސެމްބްލީ (ޔޫ.އެން.އީ.އޭ 7) ގެ ހަވާސާގައި، ދިވެހިރާއްޖޭގެ މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަމަންޓްގެ ސްޓޭޓް މިނިސްޓަރ މުޙައްމަދު ފާއިޒު، ’ކެމްޕޭން ފޯރ ނޭޗަރ‘ ޖަމްޢިއްޔާއާ ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުވުން އޮތީ ތިމާވެށީގެ ދާއިރާގައި ބައިނަލްއަޤްވާމީ ފެންވަރުގައި ކުރިއަށްދާ މުހިންމު މަސައްކަތްތަކާ ގުޅޭގޮތުން މަޝްވަރާކުރުމުގެ ބޭނުމުގައެވެ.
މި ބައްދަލުވުމުގައި މަޝްވަރާކުރެވިފައިވަނީ ކުންމިން-މޮންޓްރިއަލް ގްލޯބަލް ބަޔޯޑައިވަރސިޓީ ފްރޭމްވޯކް (ކޭ.އެމް.ޖީ.ބީ.އެފް) ގެ 30×30 އަމާޒު ތަންފީޒުކުރުމާއި އެކަމަށް ބޭނުންވާ ފައިނޭންސް ހޯދުމާ ގުޅޭގޮތުންނެވެ.
ސްޓޭޓް މިނިސްޓަރ ފާއިޒު ވަނީ، ޤުދުރަތީ މާޙައުލު ރައްކާތެރިކުރުމަށް ރާއްޖެއިން ދެމުންދާ ސަމާލުކަމާއި، މިކަމަށް ބޭނުންވާ ފައިނޭންސްގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވައިލައްވާފައެވެ. ރާއްޖެއަކީ ކުޑަ ޖަޒީރާ ދައުލަތެއްގެ ގޮތުން ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރުތަކުން ސަލާމަތްވުމަށްޓަކައި، ކަނޑުގެ ދިރުންތަކާއި ބިމުގެ ވަށައިގެންވާ މާހައުލު ރައްކާތެރިކުރުން ވަރަށް މުހިންމުކަން ފާހަގަކުރެއްވިއެވެ.
’ކެމްޕޭން ފޯރ ނޭޗަރ‘ އަކީ ދުނިޔޭގެ ފެންވަރުގައި ޤުދުރަތީ މާޙައުލު ރައްކާތެރިކުރުމަށް މަސައްކަތްކުރާ ޖަމްޢިއްޔާއެކެވެ. މި ބައްދަލުވުމުގެ ސަބަބުން، ރާއްޖެއަށް މި އަމާޒުތައް ހާސިލްކުރުމަށް ބޭނުންވާ އެހީތެރިކަމާއި، ބައިނަލްއަޤްވާމީ މާލީ އެހީތައް ހޯދުމަށް މަގުފަހިވެގެންދާނެ ކަމަށް ބެލެވެއެވެ. ޔޫ.އެން.އީ.އޭ 7 އަކީ ތިމާވެށީގެ ގޮތުން ދުނިޔެއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކަށް ހައްލު ހޯދުމަށް ދުނިޔޭގެ ޤައުމުތަކުން އެއްވެ މަޝްވަރާކުރާ މުހިންމު ބައްދަލުވުމެކެވެ.



