
ދުންފަތުގެ އިސްތިޢުމާލުކުރުމީ ބޮޑު އަނިޔާއެއް: ހުކުރު ޚުތުބާ
ދުންފަތުގެ އިސްތިޢުމާލުކުރުމީ، ތިމާގެ އަމިއްލަ ނަފުސަށާއި މުޅި މުޖުތަމަޢުގެ ޙައްޤުގައި ކުރެވޭ ބޮޑު އަނިޔާއެއްކަމަށްހުކުރުޚުތުބާގައިހާމަކޮށްފިއެވެ.
މިހަފްތާގެ ހުކުރު ޚުތުބާގައި އަލިއަޅުވާލާފައި ވަނީ ދުންފަތުގެ އިސްތިޢުމާލު ކުރުމުން ލިބޭ ގެއްލުންތަކާއި ބެހޭގޮތުންނެވެ.
އެތޮގުން ދުންފަތަކީ، ވަރަށް ގިނަ ގޮތްގޮތުން ގެއްލުން ހުރި އެއްޗެއްކަން، ކަމާ ގުޅޭ ގޮތުން ކުރެވިފައިވާ އެންމެހައި ދިރާސާތަކުން ސާބިތުވެފައިވާ ކަމަށާއި، އެހެންނަމަވެސް ދުންފަތުގެ އިސްތިޢުމާލުކުރާ މީހުން، އެ ކަމާ މެދު މާބޮޑު ފަރުވާލެއް ނުބަހައްޓައި، އެ ކަން ކުރާ ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.
ދުންފަތުގެ ސަބަބުން ލިބޭ ސިއްޙީ ގެއްލުންތަކަށް އަލިއަޅުވާލައި ޚުތުބާގައި ބުނެފައިވަނީ، ދުންފަތުގެ އިސްތިޢުމާލުކުރުމަކީ، ފުއްޕާމެއަށް ކެންސަރުޖެހުމަށް ދިމާވާ އެންމެ ބޮޑު ސަބަބު ކަމަށާއި، މި ކަމަކީ ހިތާ ގުޅިފައިވާ ލޭނާރުތަކުގައި ސަރުބީޖަހައި، ލޭހިނގުމަށް ދަތިވެ ހޮޅިތައް ބެދުމަށް މެދުވެރިވާ ކަމެއް ކަމަށެވެ.
”އެތެރެހަށީގެ ބައެއް ގުނަވަންތަކަށް ކެންސަރުޖެހި މަރުވުމުގެ ސަބަބުތަކުގެ ތެރޭގައި ދުންފަތުގެ އިސްތިޢުމާލުކުރުން ހިމެނެއެވެ. ދުންފަތުގެ އިސްތިޢުމާލުކުރުމުން، މާބަނޑު އަންހެނާގެ ބަނޑުގައިވާ ދަރިފުޅު ބައިގެންދިއުމަށާއި، ވިހެއުމުގެ ކުރީން ދަރިފުޅު މަރުވުމަށާއި، ގޮހޮރު ފާރުވުން ފަދަ ކަންތައްތަކަށް މަގުފަހިވެ އެވެ“ ޚުތުބާގައި ބުނެފައިވެ އެވެ.
ދުންފަތުގެ އިސްތިޢުމާލުގެ ސަބަބުން ބުރަ މަސައްކަތުން، ހޯދާ ފައިސާ، ބޭކާރު ގޮތުގައި ހޭދަކޮށް، އަމިއްލަ ހަށިގަނޑަށް ގެއްލުންދެވޭ ކަމަށާއި، އަމިއްލަ ބޭނުންތަކަށާއި، އަނބިދަރީންނަށާއި ގާތްތިމާގެ މީހުންނަށާއި، ޙާޖަތްތެރީންނަށް، އެ ފައިސާ ހޭދަކުރުމުގެ ބަދަލުގައި، އެއްވެސް ފިކުރެއް ނެތި، ތިމާގެ އަމިއްލަ އަތުން އަލިފާންޖަހައި، އަންދައިލާ ކަމަށް ވެސް ޚުތުބާގައި ބުނެފައިވެ އެވެ. މިފަދަ އަމަލުތަކާއި ބެހޭގޮތުން މާތް ﷲ ވަޙީކުރައްވައިފައި ވެއެވެ. ”އަދި ތިޔަބައިމީހުންގެ އަތްތަކުން ތިޔަބައިމީހުންގެ ނަފުސުތައް ހަލާކުގެ ތެރެއަށް އެއްލައިނުލާށެވެ!“
ދުންފަތުގެ އިސްތިޢުމާލުކުރުމުން ގެއްލުންލިބެނީ ހަމައެކަނި އެ ކަން ކުރާ ބަޔަކަށް ނޫން ކަމަށާއި، މީހުން އެއްވެއުޅޭ ތަންތާނގައި، ދުންފަތުގެ އިސްތިޢުމާލު ކުރުމުން، އެ ތަނެއްގައި ތިބި ދުންފަތުގެ އިސްތިޢުމާލުނުކުރާ މީހުންނަށް ވެސް ބޮޑެތި ގެއްލުން ލިބޭ ކަމަށް ޚުތުބާގައި ބުނެފައިވެއެވެ. އަދި މިކަމުގެ ސަބަބުން ދުނިޔޭގެ ގިނަ ޤައުމުތަކުގައި، މީހުން އެއްވެއުޅޭ ތަންތާނގައި، ދުންފަތުގެ އިސްތިޢުމާލުކުރުން މަނާކޮށްފައިވާ ކަމަށާއި، މަތިންދާބޯޓުތަކާއި އެއަރޕޯޓުތަކާއި، ސަރުކާރުގެ އޮފީސްތަކާއި ކުޅިވަރު ކުޅޭ ތަންތަނާއި މަދަރުސާ ފަދަ ތަންތާނގައި، ދުންފަތުގެ އިސްތިޢުމާލުކުރުން މަނާކުރެވިފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ.
“ ގޭތެރޭގައްޔާއި، މީހުން އެއްވެ އުޅޭ ތަންތާނގައި ދުންފަތުގެ އިސްތިޢުމާލުކުރުމުން، އެތަންތާނގައި ދިރިއުޅެމުންދާ އަހަރެމެންގެ ކުޑަކުދީން ދުޅަހެޔޮކަމާ އެކު ސާފު ވެއްޓެއްގައި ދިރިއުޅުމުގެ ޙައްޤު ގެއްލޭކަން އިޙްސާސުކުރެވޭ ބާވައެވެ! އެ ކުދީންނަކީ، މި ޙައްޤު ހޯދުމަށް ނުކުމެ، އެ ކަމާ ވަކާލާތު ކުރެވޭވަރުގެ ޤާބިލު ބަޔަކަށްނުވާ ހިނދު އެ ކުދީންގެ މި ޙައްޤުތައް ހޯދައިދިނުމީ ކޮންބަޔެއްގެ މަސްއޫލިއްޔަތެއްބާވައެވެ!“
ދުންފަތުގެ އިސްތިޢުމާލުކުރުމީ، ތިމާގެ އަމިއްލަ ނަފުސަށާއި މުޅި މުޖުތަމަޢުގެ ޙައްޤުގައި ކުރެވޭ ބޮޑު އަނިޔާއެއް ކަމަށް ވެސް ޚުތުބާގައި ބުނެފައިވެ އެވެ. އަދި މި ސުންޕާ ވަބާއިން މުޖުތަމަޢު ސަލާމަތްކުރުމަށް ޓަކައި، ވަރުގަދަ ޢަޒުމަކާއެކު ކުރިމަތިލުމަށާއި ފުރަތަމަ ތިމާގެ އަމިއްލަ ނަފުސުން ފެށުމަށް އަދި ދެން ޢާއިލާ ސަލާމަތް ކުރުމަށް ގޮވާލާފައި ވެއެވެ.
”ޙަޤީޤީ ރަޙުމަތްތެރީންނަކީ، ހެޔޮ ކަންކަމަށް މަގުފަހިކޮށްދީ، ހެޔޮ ނަސޭހަތްދޭ މީހުންނެވެ. ނުބައި ކަންކަންކަމަށް ހިތްވަރުދޭ މީހުން ރަޙުމަތްތެރީންކަމުގައި ނުބަލާށެވެ! ގެއްލުންދޭ، އަދި ގެއްލުމަށް މަގުފަހިކޮށްދޭ ކޮންމެ އެއްޗަކުން ދުރުހެލިވާންޖެހޭކަމާއި، އެފަދަ ކަމެއް ކުރުމީ ޙަރާމްކަމެއްކަމުގައި، ޢިލްމުވެރީން އިއްތިފާޤުވެވަޑައިގެންފައި ވެއެވެ.“



