ޤައުމެއްގައި ފާޙިޝް ކަންތައްތައް ފެތުރި ޢާންމުވުމަކީ އެ ތަނަކަށް ﷲގެ ކޯފާއަންނާނޭ ސަބަބެއް

ޤައުމެއްގައި ފާޙިޝް ކަންތައްތައް ފެތުރި ޢާންމުވުމަކީ އެ ތަނަކަށް ﷲގެ ކޯފާއަންނާނޭ ސަބަބެއް: ހުކުރު ޚުތުބާ 

މި ހަފްތާގެ ހުކުރު ޚުތުބާގައި އަލިއަޅުވާލާފައި ވަނީ ފާހިޝް އަމަލުތަކާއި ދުރުހެލިވުމާއި ބެހޭގޮތުންނެވެ. މި މަޢުޟޫޢުއަށް ބަލާލައި ޙުތުބާގައި ބުނެފައި ވަނީ، الله سُبْحَانَهُ وَتَعَالَى ވަނީ ފާޙިޝް ކަންތައްތަކާ ދުރުހެލިވުމަށް އަހަރެމެންނަށް އަމުރުކުރައްވާފައި ކަމަށާއި، އަދި އެފަދަ ކަންކަމާ ކައިރި ވެސް ނުވުމަށް އަންގަވައި އަމުރުކުރައްވައިފައިވާ ކަމަށެވެ. 

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

“ އިސްލާމްދީންވަނީ އަފުރާދުންނާއި މުޖުތަމަޢު ފާޙިޝު ކަންތައްތަކާ ދުރުހެލިކުރުމަށް ހުރިހައި ގޮތަކުން ބާރުއަޅުއްވައިފައެވެ. އަދި އެ ފަދަ ކަންކަން ޙަރާމްކުރައްވައިފައެވެ.“ ޚުތުބާގައި ވެއެވެ. މިކަމާއި ގުޅޭގޮތުން ވަޙީބަސްފުޅެއްގެ މާނައިގައި ވެއެވެ. ”ކަލޭގެފާނު ވިދާޅުވާށެވެ! ތިމަންކަލޭގެފާނުގެ ވެރިރަސްކަލާނގެ حرامކުރެއްވިކަން ކަށަވަރީ، فاحش ކަންތައްތަކެވެ. އޭގެތެރެއިން ފާޅުވެގެންވާ ކަންތަކާއި ވަންހަނާ ވެގެންވާ ކަންތަކެވެ. އަދި ފާފަކުރުމާއި، حقއަކާ ނުލައި (މީސްތަކުންނަށް) އަނިޔާވެރިވުމެވެ. އަދި އެ އެއްޗަކަށް އެއްވެސް حجّة އެއް ދެއްވައިފައި ނުވާ އެއްޗެއް، ތިޔަބައިމީހުން، اللهއަށް شريكކުރުމެވެ. އަދި ތިޔަބައިމީހުންނަށް އެނގިގެންނުވާ އެއްޗެއް، اللهއާ މެދު ތިޔަބައިމީހުން ބުނުމެވެ.“

އަދި ހަމައެހެންމެ އިސްލާމްދީންވަނީ ފާޙިޝްކަންތައްތަކާ ދުރުހެލިވުމުގެ އިތުރަށް އެ ފަދަ ކަންތައްތައް ފެތުރުމާއި އެ ފަދަ ކަންކަމަށް މަގުފަހިކޮށްދޭ ހުރިހައި ކަމެއް ވެސް ޙަރާމްކުރައްވައިފައި ކަމަށް ވެސް ޚުތުބާގައި ބުނެފައިވެ އެވެ. ޒިނޭގެ ހަޑިމުޑުދާރު ފާޙިޝް ޢަމަލު ޙަރާމްކަމުގެ ވާހަކަ ބަޔާންކުރުމުގެ ކުރީގައި އެ ކަމަށް މަގުފަހިކޮށްދޭ ޙަރާމް ބެލުންތަކުން ދުރިހެލިވުމަށް އަންގަވައިފައިވެ އެވެ. الله تَعَالَى ވަޙީކުރައްވައިފައި ވެއެވެ. ”مؤمن ފިރިހެނުންނަށް، އެއުރެންގެ ބެލުންތައް ތިރިކުރުމަށާއި، އެއުރެންގެ فرج ތައް ރައްކާތެރިކުރުމަށް ކަލޭގެފާނު ވިދާޅުވާށެވެ!“ އަދި ހިލޭފިރިހެނުންގެ ކުރިމަތީގައި އެ ކަނބަލުންގެ ޒީނަތް ފާޅުނުކުރުމަށް މުއުމިނު އަންހެންތަކުންނަށް އަންގަވައި އަމުރުކުރައްވައިފައި ވެއެވެ. އެކަލާނގެ ވަޙީކުރައްވައިފައި ވެއެވެ. ”އަދި އެކަނބަލުންގެ ފިރީންނަށް، ނުވަތަ އެކަނބަލުންގެ ބަފައިންނަށް، ނުވަތަ އެކަނބަލުންގެ ފިރީންގެ ބަފައިންނަށް، ނުވަތަ އެކަނބަލުންގެ ފިރިހެން ދަރީންނަށް، ނުވަތަ އެކަނބަލުންގެ ފިރިންގެ ފިރިހެން ދަރީންނަށް، ނުވަތަ އެކަނބަލުންގެ أخންނަށް، ނުވަތަ އެކަނބަލުންގެ أخންގެ ފިރިހެން ދަރީންނަށް، ނުވަތަ އެކަނބަލުންގެ أختންގެ ފިރިހެން ދަރީންނަށް، ނުވަތަ އެކަނބަލުންގެ ތެރެއިންވާ އަންހެނުންނަށް، ނުވަތަ އެކަނބަލުންނަށް މިލްކުވެގެންވާ އަޅުންނަށް، ނުވަތަ ފިރިހެނުންގެ ތެރެއިން އެދުންވެރިކަމެއް ނުހިނގާ ވަރުގެ ގެންގުޅޭ މީހުންނަށް، ނުވަތަ އަންހެނުންގެ عورةތައް ނޭނގޭ ވަރުގެ ކުޑަކުއްޖާއަށް މެނުވީ، އެކަނބަލުންގެ ޒީނަތް ފާޅުނުކުރާހުށިކަމެވެ!“ އަދި ހިލޭއަންހެނަކާ އެކު އޭނާގެ މަޙުރަމެއް ނެތި ފިރިހެނަކު އެކަހެރިނުވުމަށް ނަބިއްޔާ z ޙަދީޘް ބަސްފުޅުގައި އަންގަވައިފައި ވެއެވެ.“ފިރިހެނަކު ހިލޭ އަންހެނަކާ އޭނާގެ މަޙުރަމެއްނެތި އެކަހެރިނުވާހުށިކަމެވެ!“

ހަމައެހެންމެ ފާޙިޝްކަންތައްތަކާ ދުރުހެލިވުމުގެ އިތުރަށް، އެ ފަދަ ކަންތައްތަކަށް އަރައިނުގަތް ކަމުގައިވީ ނަމަވެސް، ފާޙިޝް ކަންތައްތައް މުސްލިމުންގެ ތެރޭގައި ފެތުރުމަށް ލޯބިކުރާ މީހުންނަށް ދުނިޔެއާއި އާޚިރަތުގައި ވެސް ބޮޑުވެގެންވާ ޢަޛާބުހުރިކަމަށް ﷲ ތަޢާލާ އަންގަވާފައިވާ ކަމަށް ވެސް ޚުތުބާގައި ބަޔާންކޮށްފައި ވެއެވެ. ޤައުމެއްގައި ފާޙިޝް ކަންތައްތައް ފެތުރި ޢާންމުވުމަކީ އެ ތަނަކަށް ﷲގެ ކޯފާއަންނާނޭ ސަބަބެއްކަން ބަޔާންކުރައްވައި ނަބިއްޔާ z ޙަދީޘްކުރައްވައިފައި ވެއެވެ. ”ބައެއްގެ ތެރޭގައި ފާޙިޝް ކަންތައްތައް ފެތުރި ފާޅުވެ، އެ ބަޔަކު އެ ކަން ޢާއްމުކޮށްފި ނަމަ، އިސްވެދިޔަ އެ މީހުންގެ ކާބަފައިންގެ މެދުގައި ފެތުރިފައިނުވާ ޠާޢޫނު ބައްޔާއި ކެކުޅުންތައް އެބައިމީހުންގެ ތެރޭގައި ފެތުރޭ ހުއްޓެވެ!“

“ އަދުގެ މުޖުތަމަޢުތަކުގައި ފާޙިޝް ކަންތައްތައް ފެތުރުމުގެ އެންމެ ބޮޑު ދައުރެއް އަދާކުރަނީ މީސްމީޑިއާގެ ވަސީލަތްތަކެވެ. ނޫސްމަޖައްލާތަކާއި، ޓީވީތަކާއި، ރޭޑިޔޯތަކާއި، އިޖުތިމާޢީ އެކިއެކި މަންސަތައް މެދުވެރިކޮށެވެ. އެއްވެސް ލަދެއްނެތި، ދުވާލެއް ރޭގަނޑެއް ބެލުމެއްނެތި، ހިތުހުރިހައި ވާހަކަތަކާއި، އޯޑިއޯތަކާއި ވީޑިޔޯތައް، އެ ވިއުގަތަކުގައި ފަތުރަނީ ކުޑަކުދިންނާއި، ޒުވާނުންނާއި، އެންމެހައި އަފުރާދުންނަށް އެއިންލިބިދާނޭ ގެއްލުމާއި ހަލާކަށް ވިސްނައިލުމެއް ފިކުރުކުރުމެއްނެތިއެވެ. ޝަރުޢީ މިންގަޑުތަކަށް ބެލުމެއް ރިޢާޔަތްކުރުމެއްނެތިއެވެ. މި ފަދަ ވަސީލަތްތައް ހިންގާފަރާތްތަކާއި މި ވަސީލަތްތައް ބޭނުންކުރާ ޢާންމު ފަރުދުން މި ކަންކަންކުރަނީ، ފަހެ، އެބައިމީހުންގެ މި ޢަމަލުތަކަށް ﷲ ތަޢާލާ ފާރަވެރިވެ ބައްލަވައިވޮޑިގެންވާކަން ހަނދުމަނެތިހެއްޔެވެ؟ އެ ޢަމަލުތަކާ މެދު ﷲ ތަޢާލާ ޤިޔާމަތްދުވަހު ސުވާލުކުރައްވާނޭކަން ނޭނގިހެއްޔެވެ؟“ 

ނޫސްމަޖައްލާތަކާއި، ޓީވީތަކާއި، ރޭޑިޔޯތަކާއި އިޖުތިމާޢީ އެކިއެކި މަންސަތަކުގެ މަސްއޫލުވެރީންނާއި އެޑިޓަރުން މިކަންކަމަށް ފަރުވާތެރިވެ، ފާޙިޝް ކަންކަމަށް މަގުފަހިވާ ތަކެތި ފެތުރުމާއި ޢާންމުކުރުމުން ދުރުހެލިވާންޖެހޭ ކަމަށާއި، ޝަރުޢީ ގޮތުން ހުއްދަނޫން މަންޒަރުތަކާއި އަޑުތައް ނުހިމެނޭ ގޮތަށް، ޝަރުޢީ އިމުގެތެރެއިން މީޑިޔާގެ ވަސީލަތްތައް ބޭނުންކުރުމަށް، އެ ތަންތަނުގައި މަސައްކަތްކުރާ މުވައްޒަފުންނަށް މަގުދައްކައިދީ ނަސޭހަތްތެރިވާންޖެހޭ ކަމަށް ވެސް ޚުތުބާގައި ބުނެފައިވެ އެވެ. 

ޚުތުބާ ނިންމާލާފައި ވަނީ ފާޙިޝް ޢަމަލުތަކާ ދުރުހެލިވެ ރަނގަޅު ތައުބާއަކުން އަވަހަށް ތައުބާވުމަށާއި، ފާޙިޝް ކަންތައްތަކުން މުޖުތަމަޢު ސަލާމަތްކުރަން މަސައްކަތްކުރާ ލަފާދާރު ޞާލިޙު މީހަކަށް ވުމަށް ގޮވާލަމުންނެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.