
ނަަމާދަކީ ކާމިޔާބާއި ނަޞްރު ލިބުމަށް މަގު ފަހިކޮށްދޭ އަޅުކަމެއް: ހުކުރު ޚުތުބާ
ނަަމާދަކީ ކާމިޔާބާއި ނަޞްރު ލިބުމަށް މަގު ފަހިކޮށްދޭ އަޅުކަމެއް ކަމުގައި މިއަދުގެ ޚުތުބާގައި ބުނެފިއެވެ.
”ނަމާދު އެޅުމުގެ ނުރައްކާތެރިކަން“ މި މަޢުޞޫއުއަށް ގެނެސްދީފައިވާ މި ޚުތުބާގައި ބުނެފައި ވަނީ، ނަމާދަކީ އަމާންކަމާއި ރައްކާތެރިކަން އަޅާއަށް ކަށަވަރުކޮށްދޭ އަޅުކަމެއް ކަމަށާއި، އެއީ ކާމިޔާބާއި ނަޞްރު ލިބުމަށް މަގު ފަހިކޮށްދޭ އަޅުކަމެއް ކަމުގަ އެވެ. އަދި މުސްލިމަކަށްވުމަށް ފަހު އޭނާގެ އިސްލާމްކަން ދައްކުވައިދޭ މައިގަނޑު ކަމަކީ ނަމާދު ކަމަށައި، ނަމާދަށް ފަރުވާތެރިވުމާއި ނަމާދު އޭގެ ވަގުތުގައި އަދާކުރުމަކީ ތިމާގެ އިސްލާމްވަންތަކަން ދައްކުވައިދޭ ރަމްޒު ކަމަށް ވެސް ޚުތުބާގައި ބުނެފައި ވެއެވެ.
ނަމާދުގެ މުޙިއްމު ކަމާއިމެދު ތަފްސީލު ކޮށްދެއްވައި އިތުރަށް ޚުތުބާގައި ބުނެފައި ވަނީ ނަމާދަކީ ޢިއްފަތްތެރިކަމުގައި ދެމިހުރުމަށް ބާރެއް ކަމަށާއި، އިޖުތިމާޢީ ގޮތުން ތަރުބިޔަތު ލިއްބައިދޭ ކަމެއް ކަމަށެވެ. އަދި ނަމާދަކީ މުންކަރާތްތަކާ ދުރުކޮށްދޭ ވަސީލަތެކެވެ.
މާތް ﷲ ގެ ވަޙީ ބަސްފުޅެއްގެ މާނައިގައި ވެއެވެ. ”ހަމަކަށަވަރުން، ނަމާދަކީ ހުތުރުކަން ބޮޑު ފާފަތަކާއި، منكراتތައް ނަހީކުރާ ކަމެކެވެ.“
އަދި ރަސޫލުﷲ ގެ ޙަދީޘް ބަސްފުޅެއްގެ މާނައިގައި ވެއެވެ. ”އެކަމެއްގެ ސަބަބުން ތިޔަބައިމީހުންގެ ކުދި ފާފަތައް ފިއްލަވައި ދަރަޖަތައް އުފުލިގެންދާނޭ ކަމެއްގެ ވާހަކަ ވިދާޅުވެ ދެއްވަންތޯއެވެ؟ އެބޭކަލުން ދެންނެވިއެވެ. އާދޭހެވެ. އޭ ﷲގެ ރަސޫލާއެވެ. އެކަލޭގެފާނު ޙަދީޘުކުރެއްވިއެވެ. (ފިނިގަދަވުމުގެ ސަބަބުން ނުވަތަ ބައްޔެއްގެ ސަބަބުންވިޔަސް) އެކަމަށް އުނދަގޫވެގެންވާ ޙާލުގައި ވެސް ފުރިހަމައަށް ވުޟޫކުރުމާއި، މިސްކިތަށް ހިނގާ ފިޔަވަޅުތައް ގިނަކުރުމާއި، އެއް ނަމާދުން އަނެއް ނަމާދަށް އިންތިޒާރުކުރުމެވެ. ފަހެ ރިބާޠަކީ އެއީއެވެ. (އެ އަޅުކަމުގައި ނަފުސު ހިފެހެއްޓޭނޭ ގޮތަކީ އެއީ އެވެ. ނަފްސުގެ ޖިހާދަކީ އެއީއެވެ.)“
މުސްލިމެއްގެ ގޮތުގައި ހުރެ ދުނިޔެ ދޫކޮށްފައިދާ ކޮންމެ މީހެއްގެ ވެސް އެންމެ ފުރަތަމަ ހިސާބު ބެއްލެވޭނޭ ކަމަކަށް އަންގަވައިފައިވަނީ ނަމާދާ ބެހޭ ގޮތުން ކަމަށް ވެސް ޚުތުބާގައި ބުނެފައި ވެއެވެ.
”ނަމާދަކީ ގަދަވެ ހެޔޮ ޙާލުގައްޔާއި ބަލި ޙާލުގައި އޮންނަ އިރުގައްޔާއި ރަށުގައި ޤާއިމުވެ ހުންނަ އިރާއި ދަތުރުމަތީގައި އުޅޭ އިރު ވެސް ކުރުމަށް އަންގަވައިފައިވާ އަޅުކަމެކެވެ. ހަނގުރާމައިގެ ޙާލަތުގައި ވެސް ދޫކޮށްނުލުމަށް އަންގަވައިފައިވާ އަޅުކަމެކެވެ. ވީ އިރު މި އަޅުކަމަށް ފަރުވާތެރިވުމަކީ މުހިންމު ކަމެކެވެ. ”
ޤިޔާމަތް ދުވަހުން ހިސާބު ބެއްލެވުމާއި ބެހޭގޮތުން ރަސޫލުﷲ ގެ ޙަދީޘްފުޅެއްގެ މާނައިގައި ވެއެވެ.
”ހަމަކަށަވަރުން، ޤިޔާމަތްދުވަހު އަޅާގެ ޢަމަލުތަކުގެ ތެރެއިން އެންމެ ފުރަތަމަ ހިސާބު ބެއްލެވޭހުށީ، އޭނާގެ ނަމާދާ މެދުގައެވެ. ފަހެ، އެ ނަމާދު ރަނގަޅުވެއްޖެ ނަމަ، ހަމަކަށަވަރުން، އޭނާ ކާމިޔާބުވެ، ނަޖާވާހުއްޓެވެ. އަދި އެ ނަމާދު ފާސިދުވެއްޖެ ނަމަ، ފަހެ، ހަމަކަށަވަރުން، އޭނާ ނާކާމިޔާބުވެ، އަބާއްޖަވެރިވާހުއްޓެވެ. ފަހެ، ފަރުޟުނަމާދުން ބައެއް އުނިވެފައިވާ ނަމަ، (މަލާއިކަތުންނަށް) ވަޙީކުރައްވާހުއްޓެވެ. ތިމަންރަސްކަލާނގެ އަޅާ ސުންނަތްނަމާދުކޮށްފައިވޭތޯ ތިޔަބޭކަލުން ބައްލަވާށެވެ! އެއަށް ފަހު ފަރުޟުނަމާދުގެ ތެރެއިން އުނިވެފައިވާ ބައި، އެއިން ފުރިހަމަ ކުރެވޭނެއެވެ! ދެން މި ފަދައިން އެހެން ކޮންމެ ޢަމަލަކާ މެދުގައި ވެސް ބެއްލެވޭހުއްޓެވެ.“
އަދި ނަމާދު އެޅުމަކީ ތިމާގެ އިސްލާމްކަމާއި ކާފިރުކަމާ ދެމެދު ވަކިކޮށްދޭ އިންކަމުގައި ސުންނަތުގައިވަނީ އަންގަވައިފައެވެ.
”އަހަރެމެންގެ ތެރެއިން ބައެއް މީހުންނަކީ ހަމައެކަނި ރަމަޟާން މަހު ބަރާބަރަށް ނަމާދުކުރާ މީހުންނެވެ. އަދި އަނެއްބައި މީހުންނަކީ ހަފުތާގެ ހުކުރުދުވަހު ކުރެވޭ ހުކުރު ނަމާދަށް އެކަނި ޙާޒިރުވާ މީހުންނެވެ. އަނެއް ބަޔަކީ ކޮންމެ ދުވަހަކު ކުރުމަށް ފަރުޟު ކުރައްވައިފައިވާ ނަމާދުތަކުގެ ތެރެއިން ބައެއް ނަމާދުތައްކޮށް އަނެއް ބައި ނަމާދުތައް ނުކުރާ މީހުންނެވެ. މިއިން އެއްވެސް ބަޔަކު ނަމާދުތަކަށް ފަރުވާކުޑަކޮށްލައިފައި ވަނީ ނަމާދަށް އިންކާރުކުރާ ޙާލުގައި ނޫންކަމުގައިވީ ނަމަވެސް އެއީ ނުހަނު ފާފަވެރިވާނޭ ކަމެކެވެ.“ ޚުތުބާގައި ބުނެފައި ވެއެވެ.
ނަމާދު އެޅުމަކީ އެ ކަމުގެ ޢުޤޫބާތުގެ ބޮޑުކަމާއި އެ ކަމުގެ ފާފައިގެ ބޮޑުކަން އަންގަވައިފައިވާ ކަމެކެވެ. އުޒުރަކާ ނުލައި ނަމާދު އެޅުމަކީ އެ މީހެއްގެ މައްޗަށް ﷲ تَعَالَىގެ ކޯފާ އަންނާނެކަމެއްކަން ދަންނާން ޖެހެއެވެ. މާތް الله ވަޙީކުރައްވައިފައި ވެއެވެ. ”ތިޔަބައިމީހުން ނަރަކަޔަށް ވެއްދީ ކޮންކަމެއްހެއްޔެވެ؟ އެއުރެން ބުނާނެތެވެ. ނަމާދުކުރާ މީހުންގެ ތެރެޔަކު ތިމަންމެން ނުވަމުއެވެ.“
މީގެ އިތުރުން އަހަރެމެންނަކީ ފާފަކުރެވޭނޭ މީހުން ކަމަށާއި ނަމާދަކީ އެ އަޅުކަމުގެ ސަބަބުން އަހަރެމެންނަށް ކުރެވޭ ކުދި ފާފަތައް ފުއްސަވާނޭ އަޅުކަމެއް ކަމުގައި ވެސް ޚުތުބާގައި ހަނދުމަ ކޮށްދީފައި ވެއެވެ. އަދި ތައުބާގެ މަގަށް އަވަހަށް ރުޖޫޢަ ވުމަށާއި ނަމާދުތަކަށް ފަރުވާތެރިވުމަށް އަވަސްވެގަތުމަށް ވެސް ޚުތުބާގައި ގޮވާލާފައި ވެއެވެ.
ޣާފިލުކަމުގެ ނިދީގައި ޣަރަޤުވެފައި ވަނިކޮށް ވަގުތު ފާއިތުވެ މަރު އައިސް ބައްދަލުކޮށްފާނެއެވެ. މާތް ﷲ ވަޙީކުރައްވައިފައި ވެއެވެ. ”އޭ ސަހަރޯއެވެ! ތިމަންގެ آخرةގެ حياةއަށް ޓަކައި (ހެޔޮ) عملއެއް އިސްކުޅަ ނަމަ، ކިހައި ރަނގަޅުވީސް ހެއްޔެވެ؟“ ”ނަމަ“އަކީ ވަގުތު ފާއިތުވުމަށް ފަހު އަނބުރައި ލިބޭނޭ އެއްޗެއްނޫނެވެ. ވަގުތު ފާއިތުވުމުގެ ކުރީން ދަތުރުގެ ކޮއްތު ރަނގަޅަށް ތައްޔާރުކުރާށެވެ!



