
ކ. ގުޅީ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި އެމް.ޓީ.ސީ.ސީ އާއެކު ސޮއިކޮށްފި
ކ. ގުޅީ ބަނދަރު ތަރައްޤީކުރުމުގެ ބޮޑު މަޝްރޫޢުގެ އެއްބަސްވުމުގައި މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމް.ޓީ.ސީ.ސީ) އާއެކު ސޮއިކޮށްފިއެވެ. މި މަޝްރޫޢު ނިމުމުން ގުޅީ ރައްޔިތުންނަށް ދިގު މުއްދަތަށް ދެމިހުންނާނެ ބަނދަރެއް ލިބި، ދަތުރުފަތުރާއި އިޤްތިޞާދީ ހަރަކާތްތަކަށް ފަސޭހަތަކެއް ލިބިގެންދާނެ އެވެ.
މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ ޑރ. ޢަބްދުﷲ މުއްޠަލިބްއެވެ. އަދި އެމް.ޓީ.ސީ.ސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ ޑީސީޕީ (ރިޓަޔާރޑް) އަހްމަދު ސައުދީ އެވެ. މި އެއްބަސްވުމުގެ ޖުމްލަ އަގަކީ 85,811,267.16 ރުފިޔާ އެވެ. މަސައްކަތް ނިންމުމަށް ކަނޑައަޅާފައިވާ މުއްދަތަކީ 510 ދުވަހެވެ. މި މަޝްރޫޢުގެ ސަބަބުން ގުޅީގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީއަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް މިނިސްޓްރީން ފާހަގަކުރެ އެވެ.

ގުޅީގެ ބަނދަރު ތަރައްޤީކުރުމުގެ މި މަޝްރޫޢުގެ ދަށުން ގިނަ މަސައްކަތްތަކެއް ކުރުމަށް ވަނީ ހަމަޖެހިފަ އެވެ. އެގޮތުން، ބަނދަރާއި ނެރު ފުންކުރުމުގެ އިތުރުން ކުރީގެ ބަނދަރު މަރާމާތުކުރުން ހިމެނެ އެވެ. އަދި 12 މޫރިން ބޮއި ހަރުކުރުމާއި 324 މީޓަރު ބޮޑު ހިލައިގެ ބޭރުތޮށި ޖެހުމަށް ވެސް ހަމަޖެހިފައިވެއެވެ. މީގެ އިތުރުން 08 މީޓަރު ސަބްމާރޖް ބްރޭކްވޯޓަރ ޖެހުމާއި، 270 މީޓަރު ރިވެޓްމަންޓް ޖެހުމަށް ވެސް ވަނީ ކަނޑައަޅާފަ އެވެ.
ބަނދަރު ސަރަހައްދުގައި ފަސޭހައިން އުޅަނދުފަހަރު ދަތުރުކުރުމާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން 12 ބަނދަރު ބައްތި ހަރުކުރުމާއި 2 ނެވިގޭޝަން ލައިޓް ހަރުކުރުން ވެސް މި މަޝްރޫޢުގެ ތެރޭގައި ހިމެނެ އެވެ. އަދި 3,170 އަކަމީޓަރ ޕޭވްމެންޓް ހެދުމަށް ވެސް ވަނީ ރާވާފައެވެ. ކުދި އުޅަނދުފަހަރު އެޅުމަށްޓަކައި ބޭރުތޮށްޓާ އިންވެގެން 100 މީޓަރު ދިގު އަދި 2 މީޓަރު ފުޅާ ކޮންކްރީޓް ޖެޓީއެއް އެޅުމަށް ވެސް މި މަޝްރޫޢުގެ ދަށުން ހަމަޖެހިފައިވެ އެވެ.



