
ޗައިނާގެ ކުންފުންޏަކުން ދިވެހި ސަރުކާރަށް ފެންހިންދާ ޕަމްޕުތަކެއް ހަދިޔާކޮށްފި
ޗައިނާ މެޝިނަރީ އިންޖިނިއަރިންގ ގްރޫޕް ކޯޕަރޭޝަން ލިމިޓެޑް (CMEC) ގެ ފަރާތުން ރާއްޖެއަށް ހަދިޔާކުރި ފެންހިންދާ ޕަމްޕުތައް ރަސްމީކޮށް ދިވެހި ސަރުކާރާ ހަވާލުކުރުމުގެ ރަސްމިއްޔާތު ބާއްވައިފި އެވެ. މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި، މުހިންމު މި އެހީއަށް ޗައިނާ ސަރުކާރަށް ޝުކުރުއަދާކުރެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެވެ.

މި ރަސްމިއްޔާތުގައި، ޗައިނާ މެޝިނަރީ އިންޖިނިއަރިންގ ގްރޫޕް ކޯޕަރޭޝަން ލިމިޓެޑް (CMEC) ގެ ޑެޕިއުޓީ ޖެނެރަލް މެނޭޖަރ ލިއު ޝިޔައޮޑާ، ވަނީ މި ފެންހިންދާ ޕަމްޕުތައް ދިވެހި ސަރުކާރާއި ރަސްމީކޮށް ހަވާލުކޮށްދެއްވާފައެވެ. ދިވެހި ސަރުކާރުގެ ފަރާތުން މި ތަކެއްޗާ ހަވާލުވެވަޑައިގެންނެވީ މިނިސްޓަރ އޮފް ޑިފެންސް މުޙައްމަދު ޣައްސާން މައުމޫނެވެ.

މި ހަދިޔާކުރެވުނު ޕަމްޕުތަކަކީ ރާއްޖޭގެ ތަފާތު ރަށްރަށަށް މޫސުމީ ބަދަލުތަކާއި ގުޅިގެން ދިމާވާ ފެންބޮޑުވުމުގެ މައްސަލަތަކަށް ދާއިމީ ހައްލެއް ހޯދުމަށް ވަރަށް ބޭނުންތެރި އަދި މުހިންމު އެހީއެކެވެ. މި ޕަމްޕުތައް ބޭނުންކޮށްގެން ރައްޔިތުންނަށް ދިމާވާ ދަތިތައް ކުޑަކޮށް، ރައްކާތެރިކަން އިތުރުކުރެވޭނެ ކަމަށް އުއްމީދު ކުރެވެ އެވެ. މިފަދަ އެހީތަކަކީ ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު އޮންނަ ދޭދޭ ގުޅުން އިތުރަށް ހަރުދަނާކޮށް، ދެޤައުމުގެ އެކުވެރިކަން ދައްކުވައިދޭ ކަމެކެވެ. މި އެހީގެ ސަބަބުން ރާއްޖޭގެ އާންމުންގެ ދިރިއުޅުމަށް ދިމާވާ ގުދުރަތީ ކާރިސާތަކުގެ އަސަރު ކުޑަކުރުމަށް ބޮޑު އެހީއަކަށް ވެގެންދާނެ އެވެ.



