
ފަލަސްޠީނުގެ މިނިވަންކަން އިޢުލާންކުރި ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ، ތަހުނިޔާ ވިދާޅުވެއްޖެ
މިއަދު ފާހަގަކުރަމުންދާ ފަލަސްޠީނުގެ މިނިވަންކަން އިޢުލާނުކުރި ދުވަހުގެ މުނާސަބަތުގައި، އެޤައުމުގެ ރައީސް، ޑޮކްޓަރ މަޙްމޫދު ޢައްބާސްއަށާއި ބޮޑުވަޒީރު މުޙައްމަދު މުސްޠަފާއަށް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ތަހުނިޔާ ވިދާޅުވެއްޖެ އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ފަލަސްޠީނުގެ ރައީސަށް ފޮނުއްވި ތަހުނިޔާގެ ސިޓީފުޅުގައި، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި އަދި ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަ ނަންފުޅުގައި، ވަރަށް އިޚްލާޞްތެރިކަމާއެކު މަރްޙަބާ ވިދާޅުވެފައިވެ އެވެ. ފަލަސްޠީނުގެ ރައްޔިތުން އެމީހުންގެ އަމިއްލަ ޤައުމުގެ މިނިވަންކަމުގެ ޙައްޤުގައާއި އަމިއްލަ ވަކި ދައުލަތެއް ޤާއިމުކުރުމަށް، އަނިޔާވެރިކަމާއި ބޭއިންސާފާ ދެކޮޅަށް ފަލަސްޠީނުގެ އަޚުންނާއި އުޚުތުން ކުރަމުން ގެންދާ މަސައްކަތުގައި، އެ ރައްޔިތުންގެ ސާބިތުކަމާއި ހިތްވަރުގަދަކަމަށް ރައީސުލްޖުމްހޫރިއްޔާ ތަޢުރީފު ކުރައްވާފައިވެ އެވެ.
މީގެ އިތުރުން، 1967 ވަނަ އަހަރުގެ ކުރިން އޮތް ބޯޑަރުތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ޤުދުސްއަކީ ވެރިރަށް ކަމުގައި ކަނޑައެޅިފައިވާ ފަލަސްޠީނުގެ މިނިވަން އަދި އިސްތިޤްލާލީ ދައުލަތަކަށް ދިވެހިރާއްޖެއިން އަބަދުވެސް ވަކާލާތުކުރައްވާނެކަމާއި، ދިވެހިރާއްޖޭގެ އެއްބާރުލުން އަބަދުވެސް ފަލަސްޠީނަށް ލިބެމުންދާނެކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވާފައިވެ އެވެ. އަދި ދެޤައުމުގެ ދޭދޭ ގުޅުންތައް އިތުރަށް ބަދަހިވެގެންދާނެކަމުގެ ޔަޤީންކަން އެމަނިކުފާނަށް އޮތްކަމުގައިވެސް ފާހަގަކުރައްވާފައިވެ އެވެ.
ފަލަސްޠީނުގެ ބޮޑުވަޒީރު މުޙައްމަދު މުސްޠަފާއަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ސިޓީފުޅުގައި، އަނިޔާވެރިކަމާއި ދެކޮޅަށް ފަލަސްޠީނުގެ ރައްޔިތުން އެއްބައިވަންތަކަމާއި ވަރުގަދަ ޢަޒުމުގައި މަސައްކަތްކުރަމުންދާކަން ފާހަގަކުރެއްވިއެވެ. އަދި ފަލަސްތީނުގެ ރައްޔިތުން މިނިވަންކަމާއި ހަމަޖެހުމާއި އިންސާފު ހޯދުމަށް ކުރާމަސައްކަތަށް ދިވެހިރާއްޖެ އަބަދުވެސް ތާޢީދު ކުރައްވާނެކަން ހާމަކުރައްވައި، އެކުވެރިކަމާއެކު ހިއްސާކުރާ ޤަބޫލުކުރުންތަކުގެ މައްޗަށް ބިނާވެފައި އޮތް، ދެޤައުމުގެ ދޭދޭ ގުޅުންތައް ފާހަގަކުރައްވާފައި ވެ އެވެ.
މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވަނީ، ފަލަސްޠީނުގެ ރައީސަށާއި ބޮޑުވަޒީރަށް ދުޅަހެޔޮ ޞިއްޙަތަކަށް އެދިވަޑައިގެން، އަޚުވަންތަ ފަލަސްޠީނުގެ ރައްޔިތުންނަށް ދެމެހެއްޓެނިވި ޞުލްޙައާއި ކުރިއެރުމަށް އެދިވަޑައިގެންފަ އެވެ.
ފަލަސްޠީނުގެ މިނިވަންކަން އިޢުލާންކުރި ދުވަހުގެ މުނާސަބަތާ ގުޅުވައިގެން ރައީސުލްޖުމްހޫރިއްޔާ ވަނީ އެމަނިކުފާނުގެ ރަސްމީ އެކްސް އެކައުންޓުގައިވެސް ޕޯސްޓެއް ހިއްސާކުރައްވައި، މި ޝުޢޫރުތައް ތަކުރާރުކުރައްވާފަ އެވެ. އަދި ފަލަސްޠީނުގެ ރައްޔިތުންނަށް ދިވެހިރާއްޖެއިން އަބަދުވެސް ތާއީދު ކުރައްވާނެކަމުގެ ޔަޤީންކަން ތަކުރާރުކުރައްވަމުން، ފަލަސްޠީނުގެ މިނިވަން ދައުލަތެއް ޤާއިމުކުރުމަށް ބައިނަލްއަޤްވާމީ މުޖްތަމަޢުން އަދިވެސް އިތުރަށް މަސައްކަތް ކުރެއްވުމަށް ގޮވާލައްވާފައިވެ އެވެ.



