
ގދ. ހޯނޑެއްދޫގެ ގިރާ މައްސަލައަށް ހައްލެއް ހޯދުމަށް ފަތުރުވެރިކަމާ ތިމާވެއްޓާބެހޭ ވުޒާރާއިން ކައުންސިލާ މަޝްވަރާކޮށްފި
ގދ. ހޯނޑެއްދޫ ރަށަށް ހަލުވިކަމާއެކު ދިމާވެފައިވާ ގިރާ މައްސަލައަށް ހައްލެއް ހޯދުމުގެ މަޝްވަރާތަކެއް ފަތުރުވެރިކަމާ ތިމާވެއްޓާބެހޭ ވުޒާރާއާއި އެރަށު ކައުންސިލް މެމްބަރުންނާއެކު ބާއްވާފައެވެ. މި މަޝްވަރާތަކުގައި މައިގަނޑު ގޮތެއްގައި ސަމާލުކަން ދީފައިވަނީ ރަށުގެ ގިރާ ސަރަހައްދުތަކަށް ދިމާވެފައިވާ ގޮންޖެހުންތަކާއި، މި މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށްޓަކައި ކުރެވިދާނެ ކަންކަމަށެވެ.
މި މަޝްވަރާގައި ހޯނޑެއްދޫގެ އެކި ސަރަހައްދުތަކުން ގިރަމުންދާ މިންވަރާއި، އެކަމުގެ ސަބަބުން ރަށަށް ކުރިމަތިވަމުންދާ ގޮންޖެހުންތަކާބެހޭގޮތުން ވަނީ ތަފްސީލީ މަޢުލޫމާތު ހިއްސާކުރެވިފައެވެ.
ހޯނޑެއްދޫގެ ގިރާ މައްސަލައަކީ ދުވަހުން ދުވަހަށް ގޯސްވަމުންދާ މައްސަލައެއްކަން ފާހަގަކޮށް، ރަށުގެ ބައެއް ފަރާތްތަކުން ވަނީ ގިރުމުގެ ސަބަބުން ގޯތިގެދޮރާއި، އާންމު ހިދުމަތްދޭ ތަންތަނަށްވެސް ނުރައްކާވެދާނެކަމުގެ ކަންބޮޑުވުން ފާޅުކޮފައެވެ. މި މަޝްވަރާތަކުގެ އެންމެ ބޮޑު މަޤްޞަދަކީ މި މައްސަލައަށް ސަރުކާރާއި ކައުންސިލް ގުޅިގެން އަމަލީ ހައްލެއް ހޯދުމަށްޓަކައި ކުރެވިދާނެ ކަންކަން ދެނެގަތުމެވެ. މީގެ އިތުރުން ގިރުން ހުއްޓުވުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތަކާއި، އެކަމަށް ބޭނުންވާ ތަކެތި ހޯދުމާބެހޭގޮތުންވެސް މަޝްވަރާކުރެވުނު ކަމަށް މަޢުލޫމާތު ލިބެއެވެ.
މި މަޝްވަރާތަކަށްފަހު، ގިރާ ސަރަހައްދުތައް ދެނެގަނެ، ދާއިމީ ހައްލެއް ހޯދުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އަވަހަށް އެޅުމަށް ސަރުކާރުން އިސްކަންދޭނެކަމަށް ވުޒާރާތަކުން ބުނެފައިވެއެވެ.



