
ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭގޮތުން ކުރަމަތި އައިލެންޑް ރިސޯޓް މުވައްޒަފުންނަށް މައުލޫމާތުދީފި
ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭގޮތުން ކުރަމަތި އައިލެންޑް ރިސޯޓް މުވައްޒަފުންނަށް މައުލޫމާތު ދިނުމުގެ ޕްރޮގްރާމެއް މެރިން ޕޮލިހުން ކުރިއަށް ގެންގޮސްފި އެވެ.
އޮކްޓޫބަރު 26 ވަނަ ދުވަހު ކުރިއަށް ގެންދިޔަ މި ޕްރޮގްރާމްގައި މައުލޫމާތު ދީފައިވަނީ އެ ރިސޯޓުގެ ކަނޑު އުޅަނދުފަހަރު ދުއްވާ ފަރާތްތަކާއި، ވޯޓަރ ސްޕޯޓްސްއާއި، ޑައިވަރުންނާއި، ސެކިއުރިޓީންގެ ގޮތުގައި ހަރަކާތްތެރިވާ މުވައްޒަފުންނަށެވެ. މި ޕްރޮގްރާމްގައި، އެ ރިސޯޓުގެ 35 މުވައްޒަފުން ބައިވެރިވި އެވެ.
މި ޕްރޮގްރާމުގައި، ކަނޑު އުޅަނދުފަހަރަށް މީހުންނާއި މުދާ އެރުވުމުގައި ސަމާލުކަންދޭންޖެހޭ ކަންކަމާއި ދަތުރަށް ފުރުމުގެ ކުރިން ބަލަންޖެހޭ ކަންކަމާ ގުޅޭގޮތުން މައުލޫމާތު ދީފައިވެއެވެ. އަދި ކަނޑުމަތީގައި އުޅޭއިރު ސަލާމަތާއި ރައްކާތެރިކަން ކަށަަވަރުކުރުމަށް މަސައްކަތްކުރާނެ ގޮތްތަކާއި ކަނޑުމަތީގައި ހާދިސާއެއް ދިމާވެއްޖެނަމަ އަމަލުކުރާނެ ގޮތްތައް ކިޔައިދީފައިވެ އެވެ.
މީގެ އިތުރުން، ކަނޑު ދަތުރުފަތުރުގެ ގާނޫނާއި ގަވާއިދުތަކާ ގުޅޭގޮތުން މައުލޫމާތު ދީފައިވެއެވެ. އަދި ފަތުރުވެރިންނަށް ހިދުމަތްދޭއިރު ސަމާލުކަންދޭންޖެހޭ ކަންކަމާއި ކަނޑުމަތީގައި ހިނގާ ހާދިސާތައް މަދުކުރުމަށް ފަތުރުވެރިންނަށް ވެސް މައުލޫމާތު ދިނުމަށް އިލްތިމާސްކޮށްފައިވެ އެވެ.



