
ސައިބަރ ސެކިއުރިޓީ އެވެއާނަސް މަސް ފާހަގަކުރުމުގެ ގޮތުން ’’އެކުވެރި ފުލުހުންގެ ހަރަކާތް“ މުޅި ރާއްޖޭގައި ކުރިއަށް ގެންދަނީ
ކޮންމެ އަހަރެއްގެ ވެސް އޮކްޓޫބަރު މަހަކީ ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރާ، ސައިބަރ ސެކިއުރިޓީ އެވެއާނަސް މަހެވެ. މި މަސް ފާހަގަކުރުމުގެ ގޮތުން ދިވެހި ފުލުހުންގެ ޚިދުމަތުން ކުރިއަށް ގެންދާ އެއް ހަރަކާތަކީ ’’އެކުވެރި ފުލުހުންގެ ހަރަކާތް“ ނަމުގައި މުޅި ރާއްޖޭގައި ކުރިއަށް ގެންދާ ހާއްސަ ހަރަކާތެވެ.
އޮކްޓޫބަރު 25 އިން ފެށިގެން ހަފުތާއެއްގެ މުއްދަތަށް ކުރިއަށް ގެންދާ މި ހަރަކާތް މާލެ ސަރަހައްދާއި އަތޮޅުތެރޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ކުރިއަށް ގެންދެއެވެ. މި ހަރަކާތުގައި ކުދިބޮޑު އެންމެންނާއި ބިދޭސީން ވެސް ހިމެނޭގޮތަށް މައުލޫމާތު ދިނުމުގެ ހަރަކާތް ކުރިއަށް ގެންދެއެވެ.

އެގޮތުން، ސައިބަރ ކްރައިމްގެ ބާވަތްތަކާއި އޭގެ ނުރައްކާތެރިކަން އަންގައިދިނުމާއި، އިންޓަނެޓް އަދި މީސްމީޑިއާ ރައްކާތެރިކަމާއެކު ބޭނުންކުރުުމުގެ މުހިންމުކަން އޮޅުންފިލުވައިދިނުމަށް މައުލޫމާތު ދެމުން ގެންދާނެއެވެ. އަދި އޮންލައިން ޕްލެޓްފޯމްތަކުގައި އަމިއްލަ މައުލޫމާތު ހިއްސާކުރުމުގައި ސަމާލުވާންޖެހޭ ކަންކަން އަންގައިދިނުމުގެ އިތުރުން ސައިބަރ ކްރައިމްގެ ޝިކާރައަކަށް ވެއްޖެނަމަ އަޅަންޖެހޭ ފިޔަވަޅުތަކާއި ރިޕޯޓުކުރާނެ ގޮތްތައް ކިޔައިދެމުންދާނެއެވެ. އަދި އޮންލައިން ގަނާއާއި ފުރައްސާރައިން ކުޑަކުދިން ރައްކާތެރިކުރުމަށް މައިންބަފައިން ސަމާލުކަންދޭންޖެހޭ ކަންކަމުގެ މައުލޫމާތު ވެސް މި ހަރަކާތުގެ ތެރެއިން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުން ގެންދާނެއެވެ.
މި ހަރަކާތުގައި، ސްކޫލުތަކުގެ އެސެމްބްލީގައި ދަރިވަރުންނަށް މައުލޫމާތު ދިނުމާއި އެކި އުމުރުފުރާގެ ދަރިވަރުން ހިމެނޭހެން މައުލޫމާތު ދިނުމުގެ ސެޝަންތައް ސްކޫލު ތަކުގައި ކުރިއަށް ގެންދެއެވެ. އަދި ސްކޫލުތަކުގެ މުދައްރިސުންނާއި ބެލެނިވެރިންނަށް މައުލޫމާތު ދިނުމުގެ ސެޝަންތަކާއި އިދާރާތަކަށް ޒިޔާރަތްކޮށް މުވައްޒަފުންނަށް މައުލޫމާތު ދިނުމުގެ އިތުރުން ގޭބިސީތަކާއި ރަށްރަށުގެ އެކި ސަރަހައްދުތަކުން ރައްޔިތުންނާ ބައްދަލުކޮށް މައުލޫމާތު ދިނުމުގެ މަސައްކަތް ވެސް ކުރަމުންދާނެއެވެ.

މީގެ އިތުރުން، ސައިބަރ ކްރައިމް އިން ރައްކާތެރިވުމާ ގުޅުންހުރި މައުލޫމާތު ހިމެނޭ ބޯޑުތަކާއެކު ފޮޓޯ ނެގުމާއި ލީފްލެޓް ބެހުމުގެ އިތުރުން މީސް މީޑިއާގައި ބޭނުންކުރާ އެކައުންޓުތަކުގައި ވަރުގަދަ ޕާސްވޯޑެއް ބޭނުން ކުރުމަށާއި ގޮތް ނޭނގޭ ލިންކު ތަކަށް ނުފިތުމަށާއި ބޭނުންކުރާ ޑިޖިޓަލް ވަސީލަތްތަކުގެ ސޮފްޓްވެއަރ އަޕްޑޭޓް ކުރުމުގެ ބޭނުންތެރިކަން ކިޔައިދެމުންދާނެއެވެ.



