
ނައިފަރުގައި އަޅާ ފުލުހުންގެ އެކޮމޮޑޭޝަން ބުލޮކްގެ އަމަލީ މަސައްކަތް ފަށައިފި
ޅ. ނައިފަރުގައި އަޅާ ފުލުހުންގެ އެކޮމޮޑޭޝަން ބުލޮކްގެ އަމަލީ މަސައްކަތް ރަސްމީކޮށް ފަށައިފި އެވެ.
މި މަސައްކަތް ފައްތަވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނައިފަރަށް ކުރެއްވި ދަތުރުފުގެ ތެރެއިން މިއަދު ހެނދުނު ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގަ އެވެ.
ނައިފަރުގައި އަލަށް ޤާއިމުކުރާ ފުލުހުންގެ މަރުކަޒުގެ ބިންގާ އަޅުއްވައިދެއްވީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން އާއި ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން އަދި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ނަޡީމްގެ އިތުރުން އެ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރާއި ނައިފަރު ކައުންސިލްގެ ރައީސް މުހައްމަދު ރަޝީދު އެވެ.
ސަރުކާރުން މި މަސައްކަތް ހަވާލުކޮށްފައިވަނީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނާ އެވެ.
ފުލުހުންގެ މަރުކަޒުތައް ތަރައްޤީކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ދަށުން 63 ރަަށެއްގައި އެކަމުގެ ޢަމަލީ މަސައްކަތްތައް މިހާރު ވަނީ ފަށާފައެވެ. އަދި 36 ރަށެއްގައި މަސައްކަތް ފެށުމަށް ތައްޔާރުވެފަވާއިރު ޖުމުލަ 99 ރަށުގައި ފުލުހުންގެ އަމިއްލަ އިމާރާތް ތަރައްޤީކުރުމުގެ މަސައްކަތް ސަރުކާރުން އަންނަނީ ކުރަމުންނެވެ.
މި ދައުރު ނިމޭއިރު މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފުލުހުންގެ އިމާރާތުން ޚިދުމަތް ދިނުމަކީ ސަރުކާރުގެ އަމާޒެކެވެ.
އަލަށް އިމާރާތްކުރާ ފުލުހުންގެ ސްޓޭޝަންތަކުގައި ތަޙުޤީޤުކުރެވޭނެ ގޮތްގޮތާއި އިންޓަލެޖެންސް ސެލްތަކާއި ކަސްޓޯޑިއަލް ސެލްތަކުގެ އިތުރުން ވެހިކަލް ޓޯވިން ފެސިލިޓީއާއި ފުލުހުންގެ ވެހިކަލް މަރާމާތުކުރެވޭނެ ފެސިލިޓީތައް ޤާއިމުކުރެވޭނެ އެވެ. އަދި މި ފެސިލިޓީތައް ރަށްރަށުގައި ޤާއިމުކުރެވުމާއެކު ކުށުގެ ވެށި ނައްތާލުމަށާއި ކުށުގެ ވެށީގައި މީހުން ހަރުނުލާނެ ގޮތްގޮތަށް ފުލުހުންގެ މަސައްކަތް ތަރުތީބުކުރުމަށް ޚާއްސަ ޕްރޮގްރާމެއް ފެށުމަށް ސަރުކާރުން ވަނީ ނިންމާފަ އެވެ.



