
ދަރިންނާއި ނަމާދު
އައްޝައިޚް މުޙައްމަދު އަފްޟަލް
ނަމާދަކީ އަޅުގަނޑުމެން އެކަނި ކޮށްގެން ފަރުޖައްސައިލަން އޮތް ކަމެއް ކަމުގައި ދެކެވޭކަށް ނެތެވެ. ނަމާދަކީ އިސްލާމްދީނުގެ ތަނބަށް ވީ ހިނދު އެ ތަނބުތައް އަޅުގަނޑުމެންގެ ދަރިންގެ ޙަޔާތުގައި ވެސް ހަރުދަނާކޮށްފައި ބަހައްޓަން ޖެހޭނެއެވެ. އެހެން ނޫނީ އެ ކުދިންގެ ޙަޔާތުގެ ފަންގިފިލާ އުފުލާނީ އެނޫން އެހެން ތަނބުތަކެއްގެ މަތީގައެވެ.
ނަމާދަށް ދަރިން ފަރިތަ ނުކުރެވިއްޖެ ނަމަ އޭގެ ނަތީޖާ ވަރަށް ހިތިވެދާނެއެވެ. ދެ ދުނިޔޭގެ އަބާއްޖަވެރިކަމާ ކުރިމަތިލާން ޖެހިދާނެއެވެ. އެހެނީ ނަމާދަކީ ޢާލަމްތަކުގެ ރައްބު ފަރުޟު ކުރައްވައިފައި ވާ އެންމެ މުހިންމު އަޅުކަމެވެ. އެއީ ޤިޔާމަތްދުވަހުން އެންމެ ފުރަތަމަ ސުވާލު ކުރެވޭނޭ އަޅުކަމެވެ. ނަމާދުތައް ފުރިހަމައަށް އަދާކޮށްފައި ހުރިއްޔާ އެ މީހަކަށް ޤިޔާމަތްދުވަހުން ބިރެއްނެތެވެ. އޭނާގެ ހިސާބު އިތުރަށް ބެލުމެއް ނުވެއެވެ. އެ ނަމާދު ވާހުށީ ޤިޔާމަތްދުވަހުން އޭނާ ނަޖާކޮށްދޭނޭ ނޫރެއް ކަމުގައެވެ.
މިދެންނެވި ސަބަބުތަކަށް ޓަކައި އަޅުގަނޑުމެންގެ ޅަދަރީން ނަމާދަށް އަހުލުވެރި ކުރުވުމަކީ ކޮންމެހެން ކުރަންޖެހޭނޭ ކަމެކެވެ. ދަރިން ކުޑައިރުއްސުރެ ނަމާދުތަކަށް އާދަކުރުވައިގެން ނޫނީ އެ ކުދިން ބޮޑުވުމަށްފަހު ނަމާދުތައް އަދާކުރުން މަތީގައި ޘާބިތުވެ ތިބުން އުނދަގޫވާނެއެވެ. އަދި އެ ކުދިންގެ ޅަ އުމުރުގައި މި ކަމަށް އިހުމާލުވެވިއްޖެ ނަމަ، ބޮޑުވާ ފަހުން ނަމާދުތައް އަދާކުރުވުމުގެ މައްޗަށް ހޭނުވުމަކީ މާ ފަސޭހަވާނޭ ކަމެއް ނޫނެވެ.
އަދުގެ މުޖުތަމަޢިން ފެންނަނީ ވަރަށް ހިތާމަވެރި މަންޒަރެކެވެ. ނަމާދު ވަގުތު ވަދެނިކުމެދާއިރު ނޫކަށި ޒުވާނުން ކޮފީތަކުގައި ތިބޭ ތަނެވެ. އަޅުގަނޑުމެންގެ ވަށައިގެން މިސްކިތްތައް ހުރެފައި ބަންގީގެ އަޑު ހުރިހާ ތަނަކަށް ފޯރާއިރު، އެ އަޑު އިވޭ ކަމަށް ވެސް ނުހަދައި މިސްކިތްތަށް ލޮލަށް ފެންނަ ހިސާބުގައި ޒުވާނުންތައް ކުޅިވަރާއި މަޖަލުގައި ތިބެނީއެވެ.
ބަންގިޔަށް އިޖާބަދީ ނަމާދަށް ދާ މީހުން އެ ޒުވާނުންގެ ކުރިމަތިން ހުރަސްކޮށް ދާއިރު ވެސް އެ ތިބެނީ ބިމަށްޖެހި މުޑިތަކެއްހެން ގުޑައިނުލައެވެ. ބަންގީގައި ގޮވީ ކާމިޔާބާއި ފަލާޙަށް އަންނާށެވެ. މިސްކިތަށް ދިޔަ މީހުން ފައިބައިގެން އަންނަ އިރުވެސް، އެއްވެސް ފަރުވާލެއް ނެތި ތިބެވެނީ އޮލަވާހަކައިގައެވެ. ދައްކަނީ ވިޔަފާރިކުރުމާއި ކާމިޔާބުހޯދުމުގެ ވާހަކައެވެ. މި ކަމުން ދައްކުވައިދެނީ ދަރިން ތަރުބިއްޔަތު ކުރުމުގައި އަޅުގަނޑުމެންނަށް އިހުމާލުވެވިފައި ވާ މިންވަރެވެ. ޙަޤީޤީ ފަލާޙު އޮތްތަން އުނގަންނައިދެވިފައި ނުވާކަމެވެ.
މައިންބަފައިންނޭވެ! ކަނުލާއަހާށެވެ! ވިސްނާ ފިކުރުހިންގާށެވެ! ދަރިންނަކީ މުނިފޫހިފިލުވަން ލިބޭ ބައެއް ކަމުގައި ނުދެކޭށެވެ. އެ ކުދިންނަކީ ތިޔަބައިމީހުންނާ މާތް الله ޙަވާލުކުރައްވާ އަމާނާތެކެވެ. އެ ދަރި ދެއްވި ފަދައިން، ދަރިބަލާ ވެސް ފޮނުއްވާނެތެވެ. ދަރިންނާ މެދު ﷲއަށް ބިރުވެތިވާށެވެ. އެ ކުދިންގެ ޅަފަތުގައި ދިން ތަރުބިއްޔަތާ ބެހޭ ގޮތުން ޤިޔާމަތްދުވަހުން މައިންބަފައިންނާ ސުވާލުކުރައްވާނޭ ކަން ދަންނާންވާނެއެވެ. އެ ކުދިންނަށް އެ ކުދިންގެ ރައްބު މަޢުރިފާކޮށް ދަސްކޮށްދޭށެވެ! އެއިލާހަށް އަޅުކަންކުރާނެ ގޮތްތައް ބުނެދޭށެވެ! އަޅުކަމުގެ އެންމެ އުސް ކުރިބޯށްޓަކީ ނަމާދުކަން ކިޔައިދޭށެވެ! އިސްލާމްދީނުގައި ނަމާދަށް ދެއްވައިފައިވާ މަޤާމު ބުނެދޭންވީ އެންމެ ތުއްތު އިރުން ފެށިގެންނެވެ. ނަމާދުކުރުމުގެ ނަމޫނާ އެ ކުދިންނަށް މައިންބަފައިން ދައްކާށެވެ.
ގަޞްތުގައި ނަމާދުނުކޮށް ދޫކޮށްލުމަކީ ކިހާވަރެއްގެ ކަމެއްކަން ކުޑައިރުއްސުރެ އެ ކުދިންނަށް ބުނެދޭށެވެ. މާތް الله ވަޙީކުރެއްވި ޢީޤާބުގެ އާޔަތްތައް އެ ކުދިންނަށް ކިޔައިދޭށެވެ. ﷲ ވަޙީކުރެއްވިއެވެ. ﴿فَوَيْلٌ لِلْمُصَلِّينَ(٤) الَّذِينَ هُمْ عَنْ صَلَاتِهِمْ سَاهُونَ﴾ (الماعون) މާނައީ: ”ފަހެ، އެއުރެންގެ ނަމާދާމެދު ޣާފިލުވެ ތިބެ، ނަމާދުކުރާ މީހުންނަށް ގެއްލުމާއި ހަލާކު ހުށްޓެވެ.“ ޢިލްމުވެރިން ވިދާޅުވާ ގޮތުގައި މި ވައިލުގެ ތެރެއަށް ވަންނަނީ ޝަރުޢީ އެއްވެސް އުޒުރަކައިނުލާ ނަމާދުކުރުން ލަސްކުރާ މީހުންނެވެ. މި ވައިލުން އަޅުގަނޑުގެ ދަރި ސަލާމަތްވާން ޖެހޭކަން ކޮންމެ މަންމައަކާއި ބައްޕައަކުން އެ ކުދިންނަށް ކިޔައިދޭށެވެ!
ލުޤުމާނުގެފާނު އެކަލޭގެފާނުގެ ދަރިކަލުންނަށް އެ ނަސޭހަތްދެއްވިއެވެ. މާތް ﷲ ވަނީ އަޅުގަނޑުމެންނަށް ޢީބުރަތެއްގެ ގޮތުން އެ ވާހަކަ ކީރިތި ޤުރުއާނުގައި ގެންނަވައިފައެވެ. ވަޙީކުރެއްވީ: ﴿يَا بُنَيَّ أَقِمِ الصَّلَاةَ وَأْمُرْ بِالْمَعْرُوفِ وَانْهَ عَنِ الْمُنكَرِ وَاصْبِرْ عَلَىٰ مَا أَصَابَكَ إِنَّ ذَٰلِكَ مِنْ عَزْمِ الْأُمُورِ﴾ ﴿لقمان: ١٧﴾ މިފަދައިންނެވެ. މާނައީ: ”އޭ އަހުރެންގެ ދަރިފުޅާއެވެ! ތިބާ ނަމާދު ޤާއިމު ކުރާށެވެ! އަދި ހެޔޮކަންތަކަށް އަމުރު ކުރާށެވެ! އަދި ނުބައިކަންތައް ނަހީކުރާށެވެ! އަދި ތިބާޔަށް ޖެހޭ މުޞީބާތްތަކަށް ކެތްކުރާށެވެ! ހަމަކަށަވަރުން، އެކަން ވަނީ، ޢަޒުމު ކަނޑައަޅަންޖެހޭ ކަންތައްތަކުގެ ތެރެއިންނެވެ.“ އަޅުގަނޑުމެންގެ ދަރިންލައްވައި ވެސް މި ޢަޒުމު ކަނޑައަޅުވަން ވާނެއެވެ. އަދި އެ ކަމުގެ މަތީ ސާބިތުވުމަށް މަސައްކަތް ކުރުވަންވާނެއެވެ. އަދި އެ ކަމަށް ކެތްތެރި ވެސް ވާން ޖެހޭނެއެވެ.
މި އުންމަތުގެ ނަބިއްޔާ صَلَّىٰ اللهُ عَلَيْهِ وَسَلَّمއަށް ﷲ އެނގެވީ އަހުލުވެރިންނަށް ނަމާދަށް އަމުރުކުރެއްވުމަށެވެ. އެއީ އަޅުގަނޑުމެންނަށް ވެސް އޮތް އަމުރެކެވެ. މާތް الله ވަޙީކުރެއްވި ބަސްފުޅެއްގެ މާނައިގައި ވެއެވެ. [އަދި ކަލޭގެފާނުގެ އަހުލުންނަށް ނަމާދުކުރުމަށް އަމުރު ކުރައްވާށެވެ! އަދި އެ ކަމުގެ މައްޗަށް ކެތްތެރިވެވަޑައިގަންނަވާށެވެ! ރިޒުޤު ދެއްވުމަކަށް ކަލޭގެފާނުގެ ކިބަޔަކުން ތިމަންއިލާހު އެދިވޮޑިއެއް ނުގަންނަވަމެވެ. ކަލޭގެފާނަށް ރިޒުޤު ދެއްވަނީ، ތިމަންއިލާހެވެ. އަދި ރަނގަޅު ނިމުން ވަނީ، ތަޤުވާވެރިންނަށެވެ.] (طه: 132)
އެހެންކަމުން ދަރިން ނަމާދަށް އަހުލުވެރިކުރުމަށް ކުރެވޭނެ އެންމެ މުހިންމުކަމަކީ ނަސޭހަތްދިނުމެވެ. އެއީ އަމުރުގެ ނަސޭހަތެވެ. އެ ނަސޭހަތަކީ ”ﷲ އެންގެވީތީ ނަމާދު ކުރަން އާދަކުރާށެވެ!“ މި ނަސޭހަތެވެ. “ ދަރިފުޅު ނަރަކައިން ސަލާމަތްކުރަން ބައްޕަ އެދެމެވެ. އެހެން ވީމާ އެއްވެސް ނަމާދެއް ދޫކޮށްނުލައި ހުރިހާ ނަމާދެއް އަދާކުރާށެވެ.“ މި ނަސޭހަތެވެ. މިފަދައިން ނަސޭހަތްދީ ހެޔޮ ގޮތުގައި ދަރީން ތަރުބިއްޔަތު ކުރުމުގެ ހެޔޮ ތައުފީޤު އަޅަމެންނަށް ދެއްވާނދޭވެ! އާމީން



