
الله سُبْحَانَهُ وَتَعَالَىގެ ޙަޟުރަތުގައި އެންމެ ލޮބުވެތިކަންބޮޑު ޢަމަލަކީ ނަމާދު އޭގެ ވަގުތުގައި އަދާކުރުމެވެ: ހުކުރު ޚުތުބާ
الله سُبْحَانَهُ وَتَعَالَىގެ ޙަޟުރަތުގައި އެންމެ ލޮބުވެތިކަންބޮޑު ޢަމަލަކީ ނަމާދު އޭގެ ވަގުތުގައި އަދާކުރުން ކަމުގައި މިހަފްތާގެ ހުކުރު ޚުތުބާގައި ނަސޭހަތްތެރި ވެއްޖެއެވެ. މިހަފްތާގެ ޚުތުބާ ބިނާކޮށްފައި ވަނީ ނަމާދަށް ފަރުވާތެރި ވުމާއި ބެހޭގޮތުންނެވެ.
ޚުތުބާގައި ބުނެފައިވެ އެވެ. ”ނަމާދަކީ އިސްލާމްދީނުގެ ދެވަނަ ރުކުނެވެ. އެއީ ދީނުގެ ތަނބެވެ. ނަމާދު ދޫކޮށްލައިފި މީހާ ދީނުން ބޭރުވެއްޖެއެވެ.“ އެގޮތުން ނަމާދުގެ މުޙިއްމުކަން ބަޔާންކޮށްދެއްވައި ޙަދީޘް ބަސްފުޅެއްގެ މާނައިގައި ވަނީ “ އަހަރެމެންނާ އެބައިމީހުންނާ ދެމެދުގައިވާ ޢަހުދަކީ ނަމާދެވެ. އެ ނަމާދު ދޫކޮށްލާ މީހާ ހަމަކަށްވަރުން ކާފިރުވެއްޖެއެވެ.“
” الله سُبْحَانَهُ وَتَعَالَى ނަމާދު ފަރުޟުކުރެއްވުމަށް އިރާދަކުރެއްވި ހިނދު، އެ ނަމާދު ފަރުޟުކުރެވުނީ އެންމެ މަތިވެރި ޝަރަފުވެރި މަޤާމަށް އެންމެ މަތިވެރި ސާހިބާ ގެންދެވުމަށް ފަހުގައެވެ. އެއީ މަލާއިކަތުންނަށް ވެސް ކުއްތަންނުވެވޭހައި ހިސާބެވެ. ހަތް އުޑުގެ ވެސް މައްޗަށެވެ. އަރުޝިކޮޅާ އަރިސްކުރެއްވުމަށް ފަހު، އެއްވެސް މެދުވެރިޔަކު ނެތި، އެކަލޭގެފާނަށް ސީދާ ބަސްވަޙީކުރައްވައިގެންނެވެ.“
ހަމައެހެންމެ ނަމާދަކީ އެންމެ ފުރަތަމަ ފަރުޟުކުރެވުނު އަޅުކަމަށްވެފައި، އެއީ، ނަބިއްޔާ z އުންމަތަށް ކުރެއްވި އެންމެފަހު ވަޞިއްޔަތްޕުޅު ކަމަށް ވެސް ޚުތުބާގައި ބުނެދީފައިވެއެވެ. އަދި އެކަލޭގެފާނު ސުވަރުގެ ވަޑައިގަތް އާލާސްކަންފުޅުގައި އޮންނެވި އިރު ހޭފުޅުނެތިފައި ހޭފުޅުއަރާ ކޮންމެ ފަހަރަކު ޙަދީޘްކުރައްވަނީ ”މީސްތަކުން ނަމާދުކޮށްފިހެއްޔެވެ؟ ތިމަންކަލޭގެފާނުގެ ހަށިކޮޅަށް ފެންއަޅާށެވެ!“ މިހެން ކަމަށާއި، ކޮންމެ ފަހަރަކު ފެންއަޅުއްވައިގެން އެކަލޭގެފާނު ނަމާދުކުރެއްވުމަށް ތެދުވެވަޑައިގަންނަވާ ތަނުން ހޭފުޅުނެތޭ ކަމަށް ވެސް ޚިތިބާގައި ބުނެދީފައި ވެއެވެ. އެކަލޭގެފާނު ސުވަރުގެވަޑައިގަތް ދާންމަތިކޮޅުގައި އޮންނަވައި އުންމަތަށް އެންމެފަހުން ކުރެއްވި ވަޞިއްޔަތަކީ ”ތިޔަބައިމީހުން ނަމާދަށް ރައްކާތެރިވާށެވެ! ތިޔަބައިމީހުން ނަމާދަށް ރައްކާތެރިވާށެވެ! އަދި ތިޔަބައިމީހުންގެ ބެލުމުގެދަށުގައިވާ ފަރާތްތަކާ މެދު ﷲއަށް ބިރުވެތިވާށެވެ!“ މިއެވެ.
ނަމާދު ޤާއިމުކޮށް އެ ނަމާދުތަކަށް ރައްކާތެރިވުމަށް އަމުރު ކުރައްވައި ނަބިއްޔާ z ޙަދީޘްކުރައްވައިފައި ވެއެވެ.
”ނަމާދަށް ރައްކާތެރިވާ މީހާއަށް، ޤިޔާމަތްދުވަހުން އެ ނަމާދު ވާހުށީ ނޫރެއްކަމުގައެވެ. އަދި ބުރުހާނެއްކަމުގައެވެ. އަދި ނަރަކައިން ދިންނެވުމެއްކަމުގައެވެ. އަދި އެ ނަމާދަށް ރައްކާތެރިނުވާ މިހާއަށް އެ ނަމާދު ނޫރެއްކަމުގައްޔާއި، ދިންނެވުމެއް ކަމުގައްޔާއި އަދި ބުރުހާނެއްކަމުގައެއް ނުވާނެތެވެ. އަދި ޤިޔާމަތްދުވަހު އެމީހަކު ވާހުށީ، ޤާރޫނާއި ފިރުޢައުނާއި ހާމާނާއި އުބައްޔު ބުނު ޚަލަފާ އެކުގައެވެ.“
އަދި ނަމާދުއަޅާ މީހުންނަށް الله سُبْحَانَهُ وَتَعَالَى ވަޢީދުގެ ބަސްފުޅު ވަޙީކުރައްވާފައި ވެއެވެ. އެކަލާނގެ ވަޙީ ބަސްފުޅުގައި ވެއެވެ.
”ފަހެ، އެބޭކަލުންނަށް ފަހު، އެހެން ބަޔަކު އައޫއެވެ. އެއުރެން ނަމާދު ދޫކޮށްލޫއެވެ. އަދި ހަވާނަފުސުގެ އެދުންތަކަށް ތަބަޢަވޫއެވެ. ފަހެ، ނިކަން ހުރެ އެއުރެން ހަލާކާ ކުރިމަތިލާހުށްޓެވެ!“
ޝަރުޢީ އެއްވެސް އުޛުރެއްނެތި ނަމާދު އޭގެ ވަގުތުން ފަސްކުރުމަކީ ނަމާދުއެޅުމުގެ ތެރޭގައި ހިމެނޭކަމެއް ކަމަށާއި، އަހަރެމެންގެ ތެރެއިން ބައެއް މީހުން ނަމާދު ފަސްކުރަމުން ފަސްކުރަމުން ގޮސް، އެންމެ ފަހުން ނަމާދު ވަގުތު ފާއިތުވެދާ އިރު ވެސް އެ ބައިމީހުންނަށް އެ ނަމާދެއް ނުކުރެވޭ ކަމަށް ވެސް ޚުތުބާގައި ހަނދުމަ ކޮށްދީފައި ވެއެވެ. އަދި މިއީ އަހަރެމެން އެ ކަމަކާ މެދު ނުހަނު ސަމާލުކަންދީ ރައްކައުތެރިވާންޖެހޭނޭ ކަމެއް ކަމަށް ވެސް ބުނެދީފައިވެއެވެ.
“ ނަމާދަކީ ކީރިތި ޤުރްއާނުގައި އެންމެ ގިނައިން ބަޔާންކުރައްވައިފައިވާ އަޅުކަމެވެ. ޤިޔާމަތް ދުވަހު އެންމެ ފުރަތަމަ ހިސާބުބެއްލެވޭނޭ އަޅުކަމަކީ ވެސް ނަމާދެވެ.”