
އޭ.ޑީ.ބީގެ ވަފުދުން ވަޒީރު ޑރ. ޢާއިޝަތުއާ ބައްދަލުކުރައްވައިފި
އޭ.ޑީ.ބީގެ ވަފުދުން ވަޒީރު ޑރ. ޢާއިޝަތު ޝިހާމްއާ ބައްދަލުކުރައްވައި ޖެންޑަރ އިންކްލޫސިވް އިނީޝިއޭޓިވްސްއާ ގުޅޭގޮތުން މަޝްވަރާކުރައްވައިފި އެވެ.
އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) އިން ސްޓްރެންތެނިންގ ޖެންޑަރ އިންކްލޫސިވް އިނީޝިއޭޓިވްސް (އެސް.ޖީ.އައި.އައި) މަޝްރޫޢު ބަލަހައްޓަވާ ވަފުދެއް، އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާއި ބެހޭ ވަޒީރު ޑރ. ޢާއިޝަތު ޝިހާމްގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފި އެވެ.
މި ބައްދަލުކުރެއްވުމުގައި، އެސް.ޖީ.އައި.އައި މަޝްރޫޢުގެ ސަބަބުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޖެންޑަރ-އިންކްލޫސިވް ސިޔާސަތުތަކާއި އިޖްތިމާޢީ ޚިދުމަތްތައް އިތުރަށް ހަރުދަނާކުރުމަށް ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން ވަނީ މަޝްވަރާކުރައްވާފަ އެވެ.
އެގޮތުން، އެސް.ޖީ.އައި.އައި މަޝްރޫޢުގެ ސަބަބުން ޤައުމުގެ އިޖްތިމާޢީ ރައްކާތެރިކަން ހަރުދަނާ ކުރުމަށް މުހިންމު ދައުރެއް އަދާކުރާނެކަން ދެފަރާތުންވެސް ވަނީ ފާހަގަކުރައްވާފަ އެވެ.
އޭ.ޑީ.ބީ އިން ފޯރުކޮށްދެމުންދާ ފަންނީ އެހީތެރިކަމާއި ދެމެހެއްޓެނިވި ބައިވެރިވުން ފާހަގަކުރައްވައި ވަޒީރު ޑރ. ޢާއިޝަތު ޝިހާމް ވަނީ އެފަރާތްތަކަށް ޝުކުރު އަދާކުރައްވާފަ އެވެ.
އަދި މިފަދައިން ގުޅިގެން މަސައްކަތްކުރުމަކީ އެކުވެރި އަދި ހަމަހަމަ މުޖުތަމަޢެއް ބިނާކުރުމަށް ސަރުކާރުން ގެންގުޅުއްވާ ތަޞައްވުރު ޙާޞިލުކުރުމުގައި މުހިންމު ދައުރެއް އަދާކުރާ ކަމެއްކަމުގައި ވެސް ވަޒީރުވަނީ ފާހަގަކުރައްވާފަ އެވެ.
ހަމައެހެންމެ، ޖެންޑަރ ރެސްޕޮންސިވް އިޖްތިމާޢީ ތަރައްޤީގެ ޕްރޮގްރާމްތައް ދެމެހެއްޓެނިވި ގޮތެއްގައި ފުޅާކުރުމަށް ރާއްޖެއަށް އަބަދުވެސް އެއްބާރުލުން ދެއްވާނެކަމުގެ ޔަޤީންކަން އޭ.ޑީ.ބީއިން ވެސް ވަނީ ދެއްވާފަ އެވެ.