
ތިން ބައްޔެއް ނައްތާލި ފުރަތަމަ ޤައުމަކަށް ދިވެހިރާއްޖެ ވުމަކީ ލިބުނު ޝަރަފެއް – މިނިސްޓަރ ނާޘިމް
މައިންގެ ގައިިން ތުއްތު ދަރިންނަށް އެޗްއައިވީ، ސިފިލިސް އަދި ހެޕަޓައިޓިސް-ބީ ނުފެތުރޭ ފުރަތަމަ ގައުމަކަށް ރާއްޖެ ވެގެން ދިޔުމަކީ ޤައުމަށް ލިބުނު
ޝަރަފެއް ކަމުގައި ޞިއްޙީ ވަޒީރު އަބްދު ނާޘިމް އިބްރާހީމް ވިދާޅުވެއްޖެ އެވެ.
ޞިއްޙީ ވަޒީރު އަބްދު ނާޘިމް އިބްރާހީމް މިގޮތަށް ވިދާޅުވީ ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާގެ ދެކުނު އިރުމަތީ އޭޝިއާ ސަރަޙައްދުގެ 78 ވަނަ ރީޖަނަލް ކޮމެޓީ ބައްދަލުވުމުގައި ދެއްވި ބަޔާނުގަ އެވެ.
ޞިއްޙީ ވަޒީރު ވިދާޅުވި ގޮތުގައި މި ޝަރަފު ދިވެހިރާއްޖެއަށް ލިބިގެން ދިޔައީ ޑަބްލިއުއެޗްއޯ އަދި ބައިނަލްއަޤްވާމީ ޖަމާއަތްތަކާ އެކީ ގުޅިގެން ކުރެވުނު މަސައްކަތުގެ ސަބަބުން ކަމަށެވެ. މި މަސައްކަތް ފާހަގަކޮށް މިނިސްޓަރ ނާޘިމް އެފަރާތްތަކަށް ޝުކުރު އަދާ ކުރެއްވި އެވެ.
މީގެ އިތުރުން ޞިއްޙީ ވަޒީރު ދެއްވި ޙިތާބުގައި ރާއްޖޭގައި ކުރިއަށް ގެންދާ ޕަބްލިކް ހެލްތު ރީވައިޓަލައިޒޭޝަން ޕްރޮގްރާމް އަދި ރާއްޖޭގައި އެންސީޑީ ކޮންޓްރޯލް ކުރުމަށް ކުރެވެމުންދާ މަސައްކަތްތަކަށް ވެސް ވަނީ އަލި އަޅުއްވާލައްވާފަ އެވެ.
ރާއްޖޭގެ މިކާމިޔާބީއަށް ތައުރީފުކުރައްވައި ޑަބްލިއުއެޗްއޯގެ ޑިރެކްޓާ ޖެނެރަލް ޓެޑްރޯސް އަދޮނަމް ގެބްރިޔޭސުސް ވެސް ވަނީ ވާހަކަފުޅު ދައްކަވާފަ އެވެ.
އެގޮތުން ޑރ. ޓެޑްރޯސް ވިދާޅުވި ގޮތުގައި މައިންނާއި ތުއްތު ކުދިންގެ ސިއްޙީ ޙާލަތު ރަނގަޅުކުރަން ރާއްޖޭގެ ޕޮލިޓިކަލް ވިލް ވަރުގަދަ ކަމަށާއި އެކަމަށް ރަނގަޅަށް އިންވެސްޓްކޮށްފައިވާ ކަން ފާހަގަކޮށްލި އެވެ.
މައިންގެ ގައިން ތުއްތު ދަރިންނަށް ބަލިތައް ފެތުރުމަކީ ކޮންމެ އަހަރަކު އެތައް މިލިޔަން ކުދިންނަކަށް އެކި ބަލިތައް ފެތުރޭ ގޮތެކެވެ.
ޑަބްލިއުއެޗްއޯގެ ތަފާސް ހިސާބުތައް ދައްްކާ ގޮތުން، ރާއްޖެ ހިމެނޭ ދެކުނު އިރުމަތީ އޭޝިއާ ސަރަހައްދުގައި އެކަނި، ސިފިލިސް ޖެހިފައިވާ 23،000 މައިން ވިހޭ އިރު، އެ މީހުންގެ ފަރާތުން 8،000 ކުއްޖަކަށް އެ ބަލި ޖެހުނެވެ.
އަދި އެޗްއައިވީ ހުރި 25،000 އަންހެނަކު ވިހޭ އިރު ކުދިންނަށް އެބަލި ފެތުރުނެވެ. އަދި ހަމަ މި ސަރަހައްދުގައި ހެޕަޓައިޓިސް-ބީ 42 މިލިޔަން މީހަކަށް ޖެހިފައިވެ އެވެ.