
ލ.ގަމުގައި އިސްރަށްވެހިންނަށް އަމާޒުކޮށްގެން ”އުފާވެރި ރާސްތާ“ ޕްރޮގްރާމް ބާއްވައިފި
ލ އަތޮޅު ކައުންސިލާއި ލ. ގަން ކައުންސިލްގެ އިސްނެންގެވުމުގެ ދަށުން އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ލ.ގަމުގައި އިސްރަށްވެހިންނަށް އަމާޒުކޮށްގެން ”އުފާވެރި ރާސްތާ“ ޕްރޮގްރާމް ބާއްވައިފި އެވެ.
ލ. ގަމުގައި އިސްރަށްވެހިންގެ ދުވަސް ފާހަގަކުރުމަށް ބޭއްވުނު ޚާއްސަ ހަވީރުގައި ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގެ މައިގަނޑު މަޤުޞަދަކީ އިޖުތިމާޢީ އަދި ޞިއްޙީ ގޮތުން ދުޅަހެޔޮ ބައެއްގެ ގޮތުގައި ތިބުމަށް އިސްރަށްވެހިން ސަމާލުކަންދޭންވީ މުހިންމުކަމާއި ގުޅޭގޮތުން މަޢުލޫމާތު ހިއްސާކުރުމެވެ.
އަދި އުފާވެރި މާޙައުލަކުން އިސްރަށްވެހިން އެކަކު އަނެކަކާއި ބައްދަލުވެ ޚިޔާލު ބަދަލުކުރުމުގެ ފުރުޞަތު ފަހިކޮށްދިނުމެވެ.
ހަމައެހެންމެ، މި ޕްރޮގްރާމަކީ، އިސްރަށްވެހިންގެ ދިރިއުޅުމުގެ ތަޖުރިބާތައް މި ޖީލާއި ހިއްސާކޮށްލުމުގެ ފުރުޞަތު ވެސް ލިބިގެންދާ އުފާވެރި ޕްރޮގްރާމެކެވެ.