އިންސާނުންގެ ގުނަވަން ޓްރާންސްޕްލާންޓްކުރުމުގެ ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި

އިންސާނުންގެ ގުނަވަން ޓްރާންސްޕްލާންޓްކުރުމުގެ ބިލު ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.

މި ބިލު ހުށަހެޅުމުގެ ބޭނުމަކީ، ދިވެހިރާއްޖޭގައި އިންސާނުންގެ ގުނަވަނާއި ގުނަވަނުގެ ބައިތައް ޓްރާންސްޕްލާންޓްކުރުމުގެ ހަރުދަނާ ނިޒާމެއް ޤާއިމުކުރުމަށްޓަކައި ބޭނުންވާ ޤާނޫނީ އޮނިގަނޑު އެކުލަވާލުމެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

އަދި ދިވެހިރާއްޖޭގައި ފޯރުކޮށްދޭ ގުނަވަން ޓްރާންސްޕްލާންޓްކުރުމުގެ ޚިދުމަތަކީ އެންމެންނަށް ވާޞިލުވެވޭނެ، ރައްކާތެރި، ފެންވަރު ރަނގަޅު، އަދި ދެމެހެއްޓެނިވި ގޮތެއްގައި ދެވޭ ޚިދުމަތަކަށް ހެދުމަށްޓަކައި ކަނޑައަޅަންޖެހޭ މިންގަނޑުތަކާއި އުސޫލުތައް ކަނޑައެޅުމާއި، ޚިދުމަތްދޭ ފަރާތްތަކާއި ޚިދުމަތް ލިބިގަންނަ ފަރާތްތަކުގެ ޙައްޤުތަކާއި ޒިންމާތަކާއި، އެނޫންވެސް ކަމާގުޅޭ އެންމެހައި އުސޫލުތައް ބަޔާންކުރުމެވެ.

ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާގައި ހިމެނޭ މިބިލުގައި ޓްރާންސްޕްލާންޓްކުރުމުގެ ޢާންމު އުސޫލު ވަނީ ހިމަނާފައެވެ. އެގޮތުން، މި ބިލުން ހުއްދަދެނީ ހަމައެކަނި ލައިވް-ޑޯނަރ އޯގަން ޓްރާންސްޕްލާންޓްކުރުމަށް ކަމަށާއި، ހަދިޔާކުރެވޭނެ ގުނަވަންތަކާއި ނުކުރެވޭނެ ގުނަވަންތަކާއި، ގުނަވަން ހަދިޔާކުރާ ފަރާތުގެ ޝަރުޠުތައް ބަޔާންކޮށްފައިވެއެވެ.

އޭގެ އިތުރުން، ބިލުން ”ގުނަވަން ޓްރާންސްޕްލާންޓް ކައުންސިލް“ ގެ ނަމުގައި ކަމާގުޅޭ ޚާއްޞަ ޑޮކްޓަރުންނާއި ޑައިރެކްޓަރ ޖެނެރަލް އޮފް ހެލްތް ސާވިސަސް ހިމެނޭހެން 9 މެންބަރުންގެ ކައުންސިލަކާއި، ”ގުނަވަން ޓްރާންސްޕްލާންޓް އޮތޮރައިޒޭޝަން ކޮމިޓީ“ ގެ ނަމުގައި 5 މެންބަރުންގެ ކޮމިޓީއެއް އުފައްދާނެއެވެ.

ގުނަވަން ޓްރާންސްޕްލާންޓް ކައުންސިލްގެ މަސްއޫލިއްޔަތުތަކަކީ ގަވާއިދު ހެދުމަށް އިރުޝާދުދީ، ޚިދުމަތް ދިނުމަށް ހުއްދަ ދިނުމާއި ހުއްދަ ބާޠިލުކުރުމާއި، ޤާނޫނާ ޚިލާފުވާ ފަރާތްތަކާމެދު ފިޔަވަޅުއެޅުމާއި، އޮތޮރައިޒޭޝަން ކޮމިޓީން މަސައްކަތް ކުރަމުންދޭތޯ ބެލުން ކަމަށް ބަޔާންކޮށްފައިވެއެވެ.

އޭގެ އިތުރުން، ޚިދުމަތްދޭ މަރުކަޒުތަކުގައި ހުންނަންޖެހޭ ޝަރުޠުތައް ފުރިހަމަވޭތޯ ބަލާނީވެސް މި ކައުންސިލުންނެވެ.

ގުނަވަން ޓްރާންސްޕްލާންޓް އޮތޮރައިޒޭޝަން ކޮމިޓީގެ އެންމެ މުހިންމު މަސްއޫލިއްޔަތަކީ ޓްރާންސްޕްލާންޓްކުރުމަށް ހުއްދަ ދިނުމެވެ.

މިކަންކަމުގެ އިތުރުން، އޮތޮރައިޒޭޝަން ކޮމިޓީއަށް ހުއްދައަށް އެދި ހުށަހެޅުމުގެ ކުރިން ކޮންމެ ހޮސްޕިޓަލެއްގައި ޤާއިމުކޮށްފައިވާ ”ކްލިނިކަލް ކޮމިޓީ“ އާއި ”އެތިކްސް ކޮމިޓީ“ އިން ބަލަންޖެހޭ ކަންކަން ފުރިހަމަ ކުރުމަށްވެސް މިބިލުގައި ހިމަނާފައިވެ އެވެ.

އެގޮތުން، ޓްރާންސްޕްލާންޓް ކުރުމަށް ހުއްދަ ދިނުމުގެ އިޖުރާއަތުތަކުގެ ތެރޭގައި، ބަލީގެ ޚާއްޞަ ޑޮކްޓަރު ޓްރާންސްޕްލާންޓްކުރަންޖެހޭކަމަށް ކަނޑައެޅުމުން ޓްރާންސްޕްލާންޓްކުރުމަށް ޞިއްޙީގޮތުން ބަލަންޖެހޭ އެންމެހައި ކަންކަން ބެލުމާއި، ރުހުން ދީފައިވަނީ އެއްވެސް މަޖުބޫރުކަމެއްނެތި ކަމާއި، ކަމާގުޅޭ އެންމެހައި ލިޔުންތައް ހޮސްޕިޓަލްގެ ކޮމިޓީން ބެލުން ހިމެނެއެވެ.

އޭގެ އިތުރުން، ހަދިޔާކުރާ ފަރާތާއި ލިބިގަންނަ ފަރާތުގެ ލިޔެކިޔުންތަކާއި، ޞިއްޙީ ގޮތުން ފުރިހަމަކުރަންޖެހޭ ލިޔުންތައް ފުރިހަމަވުމުން ހުއްދައަށް އެދި އޮތޮރައިޒޭޝަން ކޮމިޓީއަށް ހުށަހެޅުމާއި، ހުއްދަ ދިނުމުގެ ކުރިން ލިޔުންތައް ބަލާ އަދި ސުވާލުކުރަންޖެހޭ ފަރާތްތަކާއި ސުވާލުކޮށްގެން އޮތޮރައިޒޭޝަން ކޮމިޓީން ކަށަވަރުކުރަންޖެހޭ އެންމެހައި ކަންކަން ކަށަވަރުކޮށް ހުއްދަ ދިނުމަށް ނުވަތަ ނުދިނުމަށް ނިންމުންވެސް އިޖުރާއަތުތަކުގެ ތެރޭގައި ހިމެނެ އެވެ.

ބިލުގައިވާ ގޮތުން، އޮތޮރައިޒޭޝަން ކޮމިޓީއިން ނިންމާ ނިންމުން ޑައިރެކްޓަރ ޖެނެރަލް އޮފް ހެލްތް ސާވިސަސް އަށް އެޕީލްކުރެވޭނެ އެވެ.

ކުށާއި އަދަބު އަދި އިދާރީ ފިޔަވަޅުތަކުގެ ގޮތުގައި މިބިލުގައި ބައެއް ކަންކަން ހިމަނާ އަދަބު ކަނޑައަޅާފައިވެއެވެ. އެގޮތުން، މީހެއްގެ ރުހުންނެތި ޓްރާންސްޕްލާންޓްކުރުމަށް އެމީހެއްގެ ގުނަވަން ނެގުން ނުވަތަ އެފަދައިން ނަގާ ގުނަވަނެއް ޓްރާންސްޕްލާންޓްކުރުމާއި ޓްރާންސްޕްލާންޓްކުރުމަށްޓަކައި، މީހެއްގެ

ގުނަވަނެއް ނުވަތަ ގުނަވަނުން ބައެއް ވިއްކުން ނުވަތަ ގަތުން ކުށެއްގެ ގޮތުގައި ހިމަނާފައިވެ އެވެ.

އޭގެ އިތުރުން، މަނާ ކަންކަމުގެ ގޮތުގައި ޓްރާންސްޕްލާންޓްކުރުމުގެ ލައިސަންސްނެތި ޚިދުމަތް ދިނުމާއި، ޞައްޙަނޫން މަޢުލޫމާތު ހުށަހެޅުމާއި، އެނޫން ކަންކަން ހިމަނައި އަދަބު ކަނޑައަޅާފައިވެއެވެ.

މިބިލަށް ޢަމަލުކުރަން ފަށާނީ މިބިލު ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤުކުރައްވާތާ 180 ދުވަސް ހަމަވާ ތާރީޚުން ފެށިގެންނެވެ.

ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާ އެކުލަވާލައި އެ އެޖެންޑާގެ ދަށުން ތައްޔާރުކުރަންޖެހޭ ބިލްތަކުގެ ޑްރާފްޓްކޮށް އެކުލަވާލުމާއި، ޤާނޫނު ހެދިފައިނުވާ ދާއިރާތައް ފާހަގަކުރުމާއި، ޤާނޫނު ހެދިފައިނުވާ ދާއިރާތަކާގުޅޭ ދިރާސާތައް ހެދުމަކީ ބަންޑާރަނައިބުގެ އޮފީހުގެ ލޯ ރިފޯމް އެންޑް ލެޖިސްލޭޓިވް އެފެއާޒް ޑިވިޜަންގެ މައިގަނޑު މަސައްކަތްތަކުގެ ތެރެއިން ހިމެނޭ ކަމެކެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.