
ޕްރިންސިޕަލުންގެ މަހާސިންތާ ރައީސުލް ޖުމްހޫރިއްޔާ އިފްތިތާޙް ކޮށްދެއްވައިފި
ޕްރިންސިޕަލުންގެ މަހާސިންތާ، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އިފްތިތާޙްކޮށްދެއްވައިފިއެވެ.
މިއަދު ހެނދުނު ކްރޮސްރޯޑްސް މޯލްޑިވްސްގައި ބޭއްވި، މި ރަސްމިއްޔާތަށް ރައީސުލްޖުމްހޫރިއްޔާ ވަޑައިގަތުމުން އެމަނިކުފާނަށް މަރުޙަބާ ދެންނެވީ މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑޮކްޓަރ އިސްމާޢީލް ޝަފީޢު އެވެ.
މިއަދު ފެށި ޕްރިންސިޕަލުންގެ ކޮންފަރެންސްގެ ބޭނުމަކީ، ޤައުމުދެކެ ލޯބިވާ، ވިސްނާ ފިކުރުކުރާ ދަރިވަރުންތަކެއް ބިނާކޮށް، ދިރިއުޅުމަށް ތައްޔާރުކުރުމަށްޓަކައި ސްކޫލްތަކުގެ ޓީޗަރުންނާއި މުވައްޒަފުންނާއިއެކު މަޝްވަރާކޮށް ޚިޔާލު ބަދަލުކުރެވުނު އެކިއެކި ދާއިރާތަކުގެ ސިޔާސަތު، ޕްރިންސިޕަލުންނާއި އެޑިޔުކޭޝަން މިނިސްޓްރީގެ އިސްވެރިންގެ ޚިޔާލާއި މަޝްވަރާއާއި އެކު އިތުރަށް ތަރައްޤީކުރުމެވެ.
ދެދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި ކޮންފަރެންސްގައި ދިވެހިރާއްޖޭގެ ހުރިހާ ސްކޫލްތަކުގެ ޕްރިންސިޕަލުން ބައިވެރިވެ އެވެ.
މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާއަށް ވަނީ ހަނދާލީ ފިލައެއް ވެސް އަރުވާފަ އެވެ. މި ފިލާ އެމަނިކުފާނާ ޙަވާލުކޮށްދެއްވީ މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑޮކްޓަރ އިސްމާޢީލް ޝަފީޢު އެވެ.



