
އަފްޣާނިސްތާންގެ އަވައްޓެރި ޤައުމުތަކުން ވެސް އެ ޤައުމުގައި އެމެރިކާ ސިފައިން ތިބުމާ ދެކޮޅު ދެކޮޅު
އަފްޣާނިސްތާންގެ ބަޣްރަމް އެއާބޭސްގައި އަނެއްކާވެސް އެމެރިކާގެ ސިފައިން ތިބުމާ އަފްޣާނިސްތާންގެ ވަށައިގެންވާ އަވައްޓެރި ޤައުމުތަކުންވެސް ފާޅުގައި ދެކޮޅުހަދައިފި އެވެ.
އެޤައުމުން އެމެރިކާ ސިފައިން ފޭބިފަހުން، އަދި ދެވަނަ ފަހަރަށް ޑޮނަލްޑް ޓްރަމްޕް ވެރިކަމަށް އައުމަށްފަހު، ބަޣްރަމް އަލުން ހިފައި، އެތަނުގައި އެމެރިކާ ސިފައިން ބޭތިއްބުމަށް ޝައުޤުވެރިކަން ފާޅުކޮށް، އެތައް ފަހަރަކު ޑޮނަލްޑް ޓްރަމްޕް ވަނީ ވާހަކަ ދައްކަވާފައެވެ. ނަމަވެސް އެކަމާ އަފްޣާނިސްތާންގެ ވެރިކަމާއި ހަވާލުވެގެން މިހާރުތިބި ތާލިބާނުން ވަނީ ދެކޮޅު ހަދާފަ އެވެ.
ޓްރަމްޕް ބުނެފައިވަނީ، ބަޣްރަމް ބޭސް ބަދަލުގައި އެއްވެސް އެއްޗަކާއިނުލައި ދެވިފައިވާ ކަމަށާއި، އަލުން އަނބުރާ އެސަރަހައްދު ބޭނުންވާ ކަމަށެވެ. އަދި އަފްޣާނިސްތާނުން ބަޣްރަމް އެއާބޭސް އެގައުމާއި ހަވާލު ނުކޮށްފި ނަމަ، އެގައުމަށް (އަފްޣާނިސްތާނަށް) ގޯސް ކަންތައްތަކެއް ދިމާވެދާނެ ކަމަށެވެ.
އެހެންނަމަވެސް އަފްޣާނިސްތާނުން މިކަމަށް ވަނީ ޖެހިލުމެއް ނެތި ނޫނެކޭ ބުނެފަ އެވެ.
އަދި އެއްވެސް ހާލަތެއްގައި އެގައުމުގެ އެއްވެސް ބިމެއްގައި އެހެން ގައުމަކުން ތިބުމަށް ދެން ފުރުސަތެއް ނުދޭނެ ކަމަށް ބުނެފައިވެ އެވެ.
ޓްރަމްޕްގެ ވެރިކަމުގައި 2021 ވަނަ އަހަރު އެމެރިކާގެ ސިފައިން ކާބުލްއިން ފައިބައި، އެގައުމުގެ ވެރިކަމާއި ތާލިބާނުން ހަވާލުވިފަހުން، އެގައުމަށް އިތުރު އެހެން ފަރާތެއްގެ ނުފޫޒު ފޯރުވިޔަ ނުދިނުމަށް ކުރާ މަސައްކަތައް އަވައްޓެރި ގައުމުތަކުގެ އެއްބާރުލުން ވަނީ ލިބިފަ އެވެ.
އެގޮތުން މޮސްކޯގައި ރަޝިއާ، އިންޑިއާ، ޕާކިސްތާން، ޗައިނާ، އިރާން، ކަޒަކްސްތާން، ތަޖިކިސްތާން، އުޒްބެކިސްތާން އަދި ކިރްގިސްތާންގެ އޮފިޝަލުން ބައްދަލުކުރައްވައި، މިމައްސަލާއާމެދު މަޝްވަރާ ކުރެއްވުމަށް ފަހު ނިންމަވާފައިވަނީ، އަފްޣާނިސްތާނުގައި އެހެން ގައުމެއްގެ އަސްކަރިއްޔާއެއް ތިބުން އެއީ އެއްގޮތަކަށްވެސް ކުރެވިގެން ނުވާނެ ކަމެއް ކަމަށެވެ.
”އަފްޣަނިސްތާންއާއި އަދި އެގައުމާއި ކައިރީގައިވާ ގައުމުތަކުގައި އެހެން ގައުމެއްގެ އަސްކަރިއްޔާ ބޭތިއްބުމަށް ކުރާ މަސައްކަތަކީ އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ ކަމެއް ނޫން. އަދި މިކަމަކީ އެސަރަހައްދުގެ ސުލްހަ މަސަލަސްކަން ދެމެހެއްޓުމަށް ވެސް ރަނގަޅު ކަމެއް ނޫންކަމަށް ދެކެން.“ އޮފިޝަލުން އެއްވެ އޮކްޓޫބަރު 7 ގައި ނެރެފައިވާ ބަޔާނެއްގައި ބުނެފައިވެ އެވެ.
އަފްޣާނިސްތާންގެ ބަޣްރަމް އެއާބޭސްއަކީ އެސަރަހައްދުގައި އެމެރިކާގެ އަސްކަރީ ބާރު އިތުރުކުރުމަށް ވަރަށް މުޙިއްމު ތަނެއްކަމަށް އެމެރިކާއިން މީގެކުރިން ވެސް ވަނީ ބުނެފަ އެވެ.