
ލުޤުމާނުގެފާނު ސިޔަރަތުން ވާހަކައެއް
ޙިކުމަތާއި ބުއްދިވެރިކަމުގެ ވާހަކަ ދެކެވޭ ކޮންމެ މަޖިލިސަކާއި މައިޒާނެއްގައި ލުޤުމާނުގެފާނުގެ ނަންފުޅު ގަނެވޭނެކަމީ ޝައްކެއްހުރި ކަމެއް ނޫނެވެ. އެހެންކަމުން ހުރިހާ ޒަމާނެއްގައި މީހުންގެ ގާތުގައި “ލުޤުމާން” މި ނަންފުޅަކީ އިޙްތިރާމް ލިބިގެންވާ ޝަޚްޞިއްޔަތެއްގެ ނަންފުޅެކެވެ.
އަދި މުސްލިމުންގެ ހިތްތަކުގައި އެކަލޭގެފާނުގެ ނަންފުޅާ އެކު ޚާއްޞަ ޢަޤީދާވެރި ކަމެއްވެ އެވެ. ކީރިތި ޤުރްއާނުގައި ލުޤުމާނުގެފާނު އެކަލޭގެފާނުގެ ދަރިކަލުންނަށް ދެއްވި ނަޞޭޙަތްޕުޅުތަކަށް ނިސްބަތްކުރައްވާ “ސޫރަތުލުޤުމާނު” ގެ ނަމުން ޚާއްޞަ ސޫރަތެއްވެ އެވެ.
މި އިން ވެސް އެކަލޭގެފާނުގެ ޙިކުމަތްތެރިކަމާއި ފަލްސަފާވެރިކަމުގެ މަތިވެރިކަން ހާމަވެގެންދެ އެވެ.
ކޮންމެ އަކަސް ލުޤުމާނުގެފާނަކީ ދާއޫދު ޢަލައިހިއްސަލާމުގެ ޒަމާނުގައި އުޅުއްވި ޙިކުމަތްތެރި، ބުއްދިވެރި، ފަލްސަފާވެރި ބަސްތަކެއް ވިދާޅުވެފައިވާ ބޭކަލެކެވެ.
އެކަލޭގެފާނަކީ ޙަބްޝީ އަޅެއްކަމަށް ބުނެވެ އެވެ. އެފަހަރަކު ލުޤުމާނުގެފާނުގެ ސާހިބު މީހާ އެކަލޭގެފާނަށް ދެންނެވި އެވެ.
މި ބަކަރި ކަތިލާފައި އޭގައިވާ އެންމެ ރަނގަޅު ދޭތި ގެންނާށެވެ.
ލުޤުމާނުގެފާނު އޭގެ ދުލާއި ހިތް ގެންނެވި އެވެ. އަދި އެހެން ފަހަރަކު ސާހިބު މީހާ ދެންނެވި އެވެ.
މި ބަކަރި ކަތިލާފައި އޭގައިވާ އެންމެ ނުބައި ދޭތި ގެންނާށެވެ. ލުޤުމާނުގެފާނު އޭގެ ދުލާއި ހިތް ގެންނެވި އެވެ.
ސާހިބު މީހާ ދެންނެވި އެވެ. ތިމަން އެންމެ ރަނގަޅު ދޭތި ގެންނާށޭ ބުނީމާ ވެސް ތި ގެނައީ ދުލާއި ހިތެވެ.
އަދި އެންމެ ނުބައި ދޭތި ގެންނާށޭ ބުނީމާ ވެސް ތި ގެންއީ ދުލާއި ހިތެވެ. ލުޤުމާނުގެފާނު ވިދާޅުވި އެވެ.
ރަނގަޅު ވެއްޖެނަމަ އެއަށްވުރެ ރަނގަޅު ދެ އެއްޗެއް ނުވެ އެވެ. އަދި ނުބައި ވެއްޖެނަމަ އެއަށްވުރެ ނުބައި ދެ އެއްޗެއް ވެސް ނުވެ އެވެ.