
މުދައްރިސުންގެ ބުރަ މަސައްކަތާއި ހިންމަތަކީ މާއްދީ އެއްވެސް އެއްޗަކުން އަގުނުކުރެވޭނެ ފަޚުރުވެރި ޚިދުމަތެއް: ރައީސުލްޖުމްހޫރިއްޔާ
މުދައްރިސުންގެ ބުރަ މަސައްކަތާއި ހިންމަތަކީ މާއްދީ އެއްވެސް އެއްޗަކުން އަގުނުކުރެވޭނެ ފަޚުރުވެރި ޚިދުމަތެއް ކަމުގައި ރައީސުލް ޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.
ބައިނަލްއަޤްވާމީ ޓީޗަރުންގެ ދުވަހުގެ މުނާސަބަތުގައި ޓީޗަރުންނަށް ތަހުނިޔާ ވިދާޅުވެ އެމަނިކުފާނުގެ ރަސްމީ އެކްސް އެކައުންޓުގައި ކުރައްވާފައިވާ ޕޯސްޓެއްގައި ވިދާޅުވެފައި ވަނީ، މުދައްރިސުންގެ ބުރަ މަސައްކަތާއި ހިންމަތަކީ ދުނިޔެއާއި އާޚިރަތުގެ މަންފާ އޭގައި އެކުލެވިފައިވާ، މާއްދީ އެއްވެސް އެއްޗަކުން އަގުނުކުރެވޭނެ، ޤަދަރުވެރި، ފަޚުރުވެރި ޚިދުމަތެއްކަމުގައެވެ.
މި ޕޯސްޓުގައި، މި ޤައުމުގެ ދިދަ މާދަމާ އުފުލާނެ ޢަޒުމު ވަރުގަދަ، ހިތްވަރު ހުރި، މޮޅު ކުދީން މިއަދު އެތިބީ މަދަރުސާތަކުގައި ކަމަށާއި، ދިވެހީން އެދޭފަދަ ހަރުދަނާ ޖީލެއްގެ ގޮތުގައި އެކުދީން ތަރުބިއްޔަތުވާނީ މުދައްރިސުން މިއަދު ދިން އިރުޝާދަކާއި ތަޢުލީމަކާއި އޯގާތެރިކަމަކުންކަން އެމަނިކުފާނު ފާހަގަކުރައްވާފައިވެ އެވެ.
އަދި އުޖާލާ ކުރިމަގެއް ރާއްޖެއަށް ހޯދައިދިނުމުގެ އެންމެ ބޮޑު ދައުރަކާއި ބާރެއް އޮތީ މުދައްރިސުންގެ އަތްމަތީގައިކަން ވެސް އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.
މި ޕޯސްޓު ނިންމަވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، ދިވެހިރާއްޖޭގެ ތަޢުލީމީ ދާއިރާގައި މަސައްކަތްކުރައްވާ ހުރިހާ އެދުރުންނަށް ކުރިއެރުމާއި ފަހިކަން ހޯދައިދިނުމަށް ސަރުކާރުން ޚާއްޞަ ސަމާލުކަމެއް ދެއްވާކަމުގެ ޔަގީންކަން އަރުވާފައެވެ.
އަދި މި އުފާވެރި ދުވަހުގެ ތަހުނިޔާ މުދައްރިސުންނަށް އަރިސްކުރައްވައި، އެންމެހާ އެދުރުންގެ ޢާއިލާތަކަށް ދުޅަހެޔޮކަމާއި އުފާފާގަތިކަމަށް އެދިވަޑައިގެން ދުޢާކުރައްވާފައިވެ އެވެ.
މި މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވެސް ވަނީ އެކްސްގައި މެސެޖެއް ހިއްސާ ކުރައްވާފައެވެ.
އެކަމަނާގެ ޕޯސްޓުގައި، ކޮންމެ މުދައްރިސަކީ ދަރިވަރުންނަށްޓަކައި މަންމައެއް، ބައްޕައެއް، އަދި ބެލެނިވެރިއެއް ކަމަށާއި، އެއްޖީލުން އަނެއްޖީލަށް ޢިލްމު ފޯރުކޮށްދެނީ އަދި ފަންނުތައް ވާރުތަކޮށްދެނީ މުދައްރިސުންކަން ފާހަގަކުރައްވާފައިވެ އެވެ.
އަދި މުދައްރިސުން ނެތް މުޖްތަމަޢެއްގެ ކުރިމަގެއް، ތަހުޒީބެއް، ދިރުމެއް، އުންމީދެއް ނޯންނާނެ ކަމުގައި ވިދާޅުވިއެވެ.
ހެޔޮލަފާ، ހީވާގި މުދައްރިސުންގެ އެހީތެރިކަމާއި ޚިދުމަތް އަބަދުމެ ދިވެހިރާއްޖެއަށް ލިބެމުން ދިއުމަށް އެދިވަޑައިގެން ހެޔޮ ދުޢާކުރައްވައި، އެކަމަނާ ވަނީ ބައިނަލްއަޤްވާމީ މުދައްރިސުންގެ ދުވަހުގެ ތަހުނިޔާ އަރިސްކުރައްވާފައެވެ.