
”ހަލާލް ޓޫރިޒަމް“ އަށް ބީލަމަށް ހުޅުވާލަނީ
އައްޑޫ ސިޓީގެ ހަންކެޑަ ތަރައްޤީކުރުމަށް މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓްއިން އާ ސިޔާސަތެއް ތަންފީޒުކުރަން ނިންމައިފިއެވެ. މިގޮތުން، މިރަށް ތަރައްޤީކުރުމަށް ކުރިން ވެފައިވާ އެއްބަސްވުންތައް ބާޠިލުކޮށް، އިންޓަގްރޭޓެޑް ޓޫރިޒަމް މަޝްރޫއެއްގެ ގޮތުގައި ބީލަމުގެ އުސޫލުން ތަރައްޤީކުރުމަށް ވަނީ ހަމަޖައްސާފައެވެ. މީގެ އިތުރުން، ހަންކެޑަގެ ބަދަލުގައި، އައްޑޫ އަތޮޅުގެ ދޮންހެރަ ”ހަލާލް ޓޫރިޒަމް“ ތަރައްޤީކުރުމަށް މިވުޒާރާއިން މިއަދު ވަނީ ބީލަމަށް ހުޅުވާލާފަ އެވެ.
މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް އާއި މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަނާ ދެމެދު އައްޑޫ ސިޓީގެ ހަންކެޑަ ތަރައްޤީކުރުމަށް ވެފައިވާ އެއްބަސްވުން، 28 ސެޕްޓެންބަރު 2025 ގައި ބާޠިލުކުރުމަށް ވަނީ ނިންމާފަ އެވެ.
މީގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާގެ ޤަރާރު ނަންބަރު 25/2025 (1 އޮކްޓޫބަރު 2025) އިން، އައްޑޫ ސިޓީގެ ހަންކެޑައަކީ ސަރުކާރުގެ ޓޫރިޒަމް ރިއަލް އެސްޓޭޓް ޑިވެލޮޕްމަންޓް ޕްރޮޖެކްޓެއް ހިންގާ ސަރަޙައްދެއްގެ ގޮތުގައި ކަނޑައެޅި ޤަރާރު ވެސް އުވާލެވޭނެ އެވެ.
އަދި މިރަށް ”ހަލާލް ޓޫރިޒަމް“ ތަރައްޤީކުރުމަށް ހުޅުވާލެވުނު ރަށްތަކުގެ ލިސްޓުން ވެސް ވަނީ އުނިކޮށްފަ އެވެ.
މި ބަދަލުތަކާއެކު، އައްޑޫ ސިޓީގެ ހަންކެޑަ އިންޓަގްރޭޓެޑް ޓޫރިޒަމް މަޝްރޫއެއްގެ ގޮތުގައި ތަރައްޤީކުރުމަށް ބަލަންޖެހޭ އެންމެހައި ކަންކަން މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓްއިން މިދަނީ ބަލަމުންނެވެ.
އަދި ބީލަމުގެ އުސޫލުން ފަތުރުވެރިކަން ތަރައްޤީކުރުމަށް ހުޅުވާލުމުގެ އެންމެހައި މަސައްކަތްތައް ވެސް މިނިސްޓްރީއިން ދަނީ ކުރަމުންނެވެ. މިނިސްޓްރީގެ އަމާޒަކީ މި ރަށް ތަރައްގީކުރުމުގެ އަމަލީ މަސައްކަތް މިހާރު ހިނގަމުންދާ އަހަރުގެ ތެރޭގައި ފެށި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މިދައުރުގައި މިރަށް އޮޕަރޭޝަންސްއަށް ގެނައުމެވެ.
ހަންކެޑަގެ ސިޔާސަތަށް މި ބަދަލުތައް އައުމާއެކު، ”ހަލާލް ޓޫރިޒަމް“ ތަރައްޤީކުރުމުގެ މަޝްރޫއު ކުރިއަށް ގެންދިޔުމަށް، އައްޑޫ ސިޓީގެ ދޮންހެރަ (LD1453 ގައިވާ ރަށާއެކު) މިވުޒާރާގެ ފަރާތުން މިއަދު ވަނީ ބީލަމަށް ހުޅުވާލާފަ އެވެ.
މިކަމުގެ ސަބަބުން، ދެކުނުގެ ޓޫރިޒަމް ދާއިރާ އިތުރަށް ތަރައްޤީވެ، ގިނަ ފުރުޞަތުތަކެއް ހުޅުވޭނެ ކަމަށް ބެލެވެ އެވެ.



