
ދުނިޔޭގައި ފުދުންތެރި ކޮންމެ ޤައުމަކުންވެސް އެންމެ ބޮޑު ހޭދައެއްކުރަނީ އެޤައުމެއްގެ ތަޢުލީމަށް: އެޑިއުކޭޝަން މިނިސްޓަރ
ދުނިޔޭގައި ފުދުންތެރި ކޮންމެ ޤައުމަކުންވެސް އެންމެ ބޮޑު ހޭދައެއްކުރަނީ، އެޤައުމެއްގެ ތަޢުލީމަށްކަމަށް އެޑިއުކޭޝަން މިނިސްޓަރ ޑރ. ޢައިޝަތު ޝިހާމް ވިދާޅުވެއްޖެއެވެ.
ގުރޭޑް އެކެއްގެ ދަރިވަރުންގެ ހެލްތު އެސިސްޓެންޓު ރިޕޯޓު ޢާންމުކުރުމަށް ހޮޓެލްޖެންގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ އަދުގެ ސަރުކާރުގެ ސިޔާސަތުތަކުގެ ތެރެއިން ހުރިހާ ކުދީންނަށް ތަޢުލީމު ފޯރުކޮށްދިނުމުގެ ސިޔާސަތަކީ މުހިންމު ސިޔާސަތެއް ކަމަށެވެ.
އަދި ހުނަރުވެރި ޖީލެއް ބިނާކުރުމަށްޓަކައި ޅަކުދިންނަށް ތަޢުލީމް ދޭންޖެހޭއިރު، އެކުދިންނަކީ ސިއްޙީގޮތުން ދުޅަހެޔޮބަޔަކަށްވާންޖެހޭނެ ކަމަށާއި ޤައުމެއްގެ ތަރައްޤީއަށް ކުރެވޭނެ އެންމެ ބޮޑު އިންވެސްޓުމެންޓަކީ އެޤައުމެއްގައި ތަޢުލީމީ ދަރީންތަކެއް އުފެއްދުމަށް ކުރަމުންގެންދާ މަސައްކަތް ކަމަށެވެ.
އެކަމަނާ އިތުރަށް ވިދާޅުވީ ޤައުމެއް ތަރައްޤީވެ، ކުރިއަރާނީ ޅަދަރީންނަށް ދެވުނު ތަޢުލީމަކުން ކަމަށާއި ދިވެހި ރާއްޖެއަކީ ތަޢުލީމަށް ލޯބިކުރާ ރައްޔިތުންތަކެއް ދިރިއުޅޭ ޤައުމެއް ކަމަށެވެ. އަދި ތަޢުލީމު ހޯދުމަށް ދިވެހީން ވަރަށް ބުރަމަސައްކަތެއް އަބަދުވެސް ކުރަމުން އަންނަކަމަށެވެ.



