
ޒުވާން ޚަޠީބުންނާއި އިމާމުންގެ ޤައުމީ ކޮންފަރެންސެއް ބާއްވަނީ
ޒުވާން ޚަޠީބުން ތަމްރީނު ކުރުމުގެ ޕްރޮގްރާމްގައި އެއް ހާސް ބައިވެރިން ތަމްރީނުކޮށް ނިމުމުން ޒުވާން ޙާފިޒުންނާއި ޒުވާން އިމާމުންނާއި ޚަޠީބުންގެ ޤައުމީ ކޮންފަރެންސެއް ބޭއްވުމަށް ނިންމާ އެކަން އިޢުލާންކޮށްފި އެވެ.
މިކަން އިޢުލާން ކުރައްވާ އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވީ، އަމާޒަކީ 2026 ގައި އެކަން ޙާޞިލްވުންކަމަށާއި މިވަގުތާ ހަމައަށް 500 ޒުވާން ޚަޠީބުންވަނީ ދަސްވެނި ވެފައިވާކަމަށެވެ.
ވަޒީރު އިތުރަށް ވިދާޅުވީ މި ކޮންފަރެންސް ބާއްވާނީ އަންނަ އަހަރުގައި، ރާއްޖެ އިސްލާމްވީ ދުވަސްކަމަށް ފާހަގަ ކުރާ ދުވަހުކަމަށާއި އެ ދުވަހަކީ ރާއްޖެ އިސްލާމްވިތާ 900 އަހަރުވާ ދުވަސްކަމަށެވެ.
އަދި ދިވެހިރާއްޖޭގެ އިސްލާމީ މުސްތަޤުބަލުގެ ލީޑަރުން ބިނާކުރުމަކީ އިސްލާމީ ވުޒާރާގެ އެންމެ މަތިވެރި އެއް ޢަޒުމު ކަމަށާއި ރާއްޖޭގައި ޒުވާން ވަރުގަދަ، ރިވެތި އަޚުލާޤުން ޒީނަތްތެެރިވެފައިވާ އިސްލާމީ ޒައާމަތެއް އުފެއްދުމަކީ މިރާއްޖެ އިސްލާމީ ޙަޟާރަތުގެ އަސާސްގެ މަތީގައި ތަރައްޤީވެގެންދާނެކަމެއްކަމަށް ވަޒީރު ވިދާޅުވި އެވެ.
ޒުވާން ޚަޠީބުން ތަމްރީން ކުރުމުގެ ޕްރޮގުރާމަކީ އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއިން އެންމެ އިސްކަމެއް ދީގެން ކުރިއަށް ގެންދާ އެއް ޕްރޮގުރާމެވެ. މީގެ އިތުރުން ޒުވާން ޚަޠީބުންގެ ފެންވަރު ރަނގަޅުކޮށް ލީޑާޝިޕް ހުނަރު އަށަގެންނެވުމަށް އިސްލާމިކް ލީޑާޝިޕް ވޯކްޝޮޕެއްވެސް ފަށާފައިވާކަން ފާހަގަކޮށްލެވެ އެވެ.



