
ފެނަކައިން ބޮޑު ކޮރަޕްޝަނެއް
ވާދަވެރި ބީލަމުގެ އުޞޫލުން ބޭރުން 1.3 ބިލިއަން ރުފިޔާގެ އެއްބަސްވުން ފެނަކަ ކޯޕަރޭޝަނުން ހަދާފައިވާ ކަމަށް އެ ކުންފުނީގެ ޚާއްޞަ އޮޑިޓް ރިޕޯޓުން ހާމަވެއްޖެ އެވެ.
ފެނަކަ ކޯޕަރޭޝަންގެ ޚާއްޞަ އޮޑިޓް ރިޕޯޓް މިރޭ ވަނީ ޢާންމުކޮށްފަ އެވެ.
އެ ރިޕޯޓްގައި އެ ކުންފުނިން 2021 ވަނަ އަހަރުން ފެށިގެން 2023 ވަނަ އަހަރުގެ ނިޔަލަށް ހިންގާފައިވާ މާލީ މުޢާމަލާތްތަކާއި ގުޅޭ ތަފްޞީލް ހިމަނާފައިވެ އެވެ. އެ ގޮތުން ވާދަވެރި ބީލަމުގެ އުޞޫލުން ބޭރުން 1.3 ބިލިއަން ރުފިޔާގެ އެއްބަސްވުން އެ މުއްދަތުގައި ހަދާފައިވާކަން ފާހަގަކޮށްފައިވެ އެވެ.
އޮޑިޓް ރިޕޯޓްގައިވާ ގޮތުން މި މުއްދަތުގައި 2,239,640,958 (ދެ ބިލިއަން ދުއިސައްތަ ތިރީސް ނުވަ މިލިއަން ހަ ލައްކަ ސާޅީސް ހާސް ނުވަސަތޭކަ ފަންސާސް އަށެއް) ރުފިޔާގެ އެއްބަސްވުން ފެނަކައިން ހަދާފައިވެ އެވެ. އޭގެ ތެރެއިން 1,373,126,496 (އެއް ބިލިއަން ތިން ސަތޭކަ ހަތްދިހަ ތިން މިިލިއަން އެއް ލައްކަ ސައްބީސް ހާސް ހަތަރު ސަތޭކަ ނުވަދިހަ ހައެއް) ރުފިޔާގެ މުދަލާއި ޚިދުމަތް ހޯދުމަށް ޙަވާލުކޮށްފައި ވަނީ ޢާންމު ބީލަމުގެ އުޞޫލުން ކަމަށް ވަނީ ބުނެފަ އެވެ.



