
ގއ. އަތޮޅު ޖޮއިންޓް އެޖެންސީ ވޯކިންގ ފޯރަމް ބާއްވައިފި
ގއ. އަތޮޅުގައި ނެއިބަހުޑް ޖޮއިންޓް އެޖެންސީ ގުރޫޕުތައް އެކުލަވައިލުމަށް ‘ޖޮއިންޓް އެޖެންސީ ވޯކިންގ ފޯރަމް’ ބާއްވައިފިއެވެ.
މި ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހު، ގއ. އަތޮޅު ކައުންސިލް އިދާރާގައި ބޭއްވި މި ފޯރަމްގައި، އަތޮޅުގެ ރަށްރަށުގައި ހުރި ގޮންޖެހުންތައް ދެނެގަނެ ގުޅިފައިވާ އިދާރާތަކުގެ ބައިވެރިވުމާއެކު ހައްލުހޯދުމަށް މަޝްވަރާކުރެވުނެވެ. މި ފޯރަމް ބާއްވާފައިވަނީ ގއ. އަތޮޅު ޕޮލިހާއި ގއ. އަތޮޅު ކައުންސިލު ގުޅިގެންނެވެ.
މި ފޯރަމްގެ މައިގަނޑު މަގުސަދަކީ، ގއ. އަތޮޅުގައި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި އަވައްޓެރި ފުލުހުންގެ ފަލްސަފާގެ މަތީން ފުލުހުންގެ ހިދުމަތް ބައްޓަންކުރުމަށް، މުއައްސަސާތައް ގުޅިގެން އެ ރަށެއްގައި ހުރި މައްސަލަތައް ހައްލުކުރުމަށް މަސައްކަތްކުރުމަށް މަގުފަހިކުރުމެވެ.
ގއ. އަތޮޅުގައި ފުލުހުންގެ ޚިދުމަތް ގާއިމުކުރެވިފައިވާ ރަށްރަށުގައި ފުލުހުންގެ މަސައްކަތްތައް ބައްޓަންވެފައިވަނީ އެކި ފަންތީގައި ކަމަށްވުމުން، ޖޮއިންޓް އެޖެންސީ ގްރޫޕްގެ މަސައްކަތް ދެމެހެއްޓެނިވި ގޮތަކަށް އަދި ނަތީޖާ ނެރެދެނިވި ގޮތަކަށް އެ އަތޮޅުގައި މަސައްކަތްކުރުމަށް މަޝްވަރާކޮށް އަމަލުކުރާނެ ގޮތްތަކެއް މި ފޯރަމްގެ ތެރެއިން ކަނޑައަޅާފައިވެ އެވެ.
މި ފޯރަމްގައި ފުލުހުންގެ މަސައްކަތްތަކާ ގުޅުންހުރި ގިނަ ކަންކަމަށް އަލިއަޅުވައިލާފައިވެއެވެ. އޭގެ ތެރޭގައި ހައުސްވިޒިޓްތަކުން ފާހަގަކުރެވޭ ކަންބޮޑުވުންތަކުގެ ތެރެއިން ފުލުހުންނަށް ހައްލުނުކުރެވޭ ކަންކަމާ އަދި ފުލުހުން ޕެޓްރޯލް ކުރުމުގައި ފާހަގަކުރެވޭ ކަންކަމުގެ ތެރެއިން ހައްލުކުރުމަށް މުއައްސަސާތަކުގެ އެހީތެރިކަން ބޭނުންވާ ކަންކަމާ ގުޅޭގޮތުން މަޝްވަރާކޮށްފައިވެ އެވެ.
މީގެ އިތުރުން ފުލުހުން ރަށުތެރޭގެ އަމަން ބެލެހެއްޓުމަށް ކުރަމުންދާ މަސައްކަތްތަކުގެ އަދާހަމައާއި، އެ މަހެއްގައި ހުށައެޅުނު މައްސަލަތައް އަޅައިކިޔައި ފުލުހުންގެ ކަންބޮޑުވުން ހުރި ކަންކަން އަދި އެ ކަންކަން ހައްލުކުރުމަށް ގުޅިގެން ކުރެވޭނެ ކަންކަމާ ގުޅޭގޮތުން ވެސް މަޝްވަރާކުރެވުނެވެ.
34/2020 ނަންބަރު ދިވެހި ފުލުހުންގެ ޚިދުމަތުގެ ގާނޫނުގެ 7 ވަނަ މާއްދާ (މުޖުތަމައާ އޮންނަ ގުޅުން ދެމެހެއްޓުން) ގައި ބަޔާންކޮށްފައިވާ ގޮތުން، މި ގާނޫނުގެ 6 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދައިން ފުލުހުންގެ ޚިދުމަތް ދޭންވާނީ، ކޮމިއުނިޓީ ޕޮލިސިންގެ ފަލްސަފާއާ އެއްގޮތަށް، އެ ޚިދުމަތެއް ދެވޭ ސަރަހައްދެއްގެ ރައްޔިތުންނާއި، ކައުންސިލުތަކާއި، މަދަނީ ޖަމުއިއްޔާތަކާއި، ދައުލަތުގެ މުއައްސަސާތަކުގެ ބައިވެރިވުން ލިބޭނެފަދަ ގޮތަކަށެވެ.
މި ފޯރަމްގައި، ގއ. އަތޮޅު ކޮމާންޑަރު އިންސްޕެކްޓަރ އޮފް ޕޮލިސް އަޙްމަދު ޝަފާޙްއާއި، ގއ. އަތޮޅު ކައުންސިލްގެ ރައީސާއި އެކި އިދާރާތަކުގެ މުވައްޒަފުންނާއި ގއ. އަތޮޅުގެ ހުރިހާ ރަށެއްގެ ފުލުހުންގެ އިދާރާގެ ސްޓޭޝަން ހެޑުން ބައިވެރިވެފައިވެއެވެ. މި ފޯރަމްގެ ސަބަބުން އަތޮޅުގެ އަމަން ބެލެހެއްޓުމާއި ފުލުހުންގެ ހިދުމަތްތައް އިތުރަށް ހަރުދަނާވެގެން ދާނެ އެވެ.



