ފަޅޯ އިންދާ ހެއްދުން

ފަޅޮލަކީ ރާއްޖޭގެ މާހައުލުގައި ވަރަށް ފަސޭހައިން ހެދޭ ބާވަތެކެވެ. ހަށިގަނޑަށް ބޭނުންވާ އެކި ކާނާގެ މާއްދާތައް ލިބުމުގެ އިތުރުން، ފަޅޮލަކީ ވިޔަފާރިއުސޫލުން ދަނޑުވެރިކަން ކުރާ ފަރާތްތަކަށް އެންމެ ރަނގަޅު އާމްދަނީ އެއްވެސް ލިބޭ އެއް ބާވަތެކެވެ. ބަލަހައްޓަން ފަސޭހަ، ނިސްބަތުން ބަލިތަކާއި ފަނިފަކުސާ އަދި ސޫފާ ސޫފީގެ ސަބަބުން ލިބޭ ގެއްލުން ކުޑައެވެ. މި ލިޔުމުގައި ހިމަނާލަނީ ފޮޅޯ އިންދާ ހެއްދުމާއި ގުޅޭ މަޢުލޫމާތު ކޮޅެކެވެ.

ބިން ތައްޔާރު ކުރުން

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

ފަޅޯ އިންދުމަށް އެންމެ އެކަށީގެންވަނީ ރަނގަޅަށް ފެން ހިނދޭ، ގުދުރަތީ ކާނާ ގިނައިން އެކުލެވޭ ބިމެކެވެ. ރާއްޖޭގައި އާންމުކޮށް ހައްދާ ރެޑް ލޭޑީ ފަޅޮލާއި، ހޮލެންޑު ފަޅޯވެސް އާންމު އުސޫލަކުން އިންދައި އުޅެނީ އެއް ދުރުމިނެއްގައެވެ. ދަނޑުގައި ފަޅޯ އިންދަން ފަށަންވާނީ ވަށައިގެންވާ ހޭޅި ގަސްތަކުން 15 ވަރަކަށް ފޫޓު ދުރުންނެވެ ނުވަތަ އެގަސްތަކުގެ މޫތައް ދަނޑުތެރެއަށް ވަނުން ކުޑަކުރުމުގެ ގޮތުން ދަނޑުގެ ބޯޑަރެއް ކޮނެލައި، މޫތައް ކަނޑާލެވިދާނެ އެވެ.

ވަޅު ތައްޔާރު ކުރާނީ ވަޅުގެ އަނގަމަތީ 2×2 ފޫޓު ހުންނާނެ ވަރަށެވެ އަދި އަލަށް ފަށާ ބިމެއްނަމަ، އަޑިއަށްވެސް 2 ފޫޓަށް ކޮނެލައި ބޮޑެތި ގަލާއި ގަސްގަހުގެ މުލާއި، ދޮންފަސް ނަގައި ދަނޑުން ބޭރުކޮށްލަންވާނެއެވެ.ވަޅު ތައްޔާރު ކުރާ އިރު ކޮންމެ ވަޅަކަށް 6-8 ކިލޯގެ ކާދު އެއްކުރެވިދާނެއެވެ. އަދި ގަސްތައް ހެދެން ފެށުމުން ކޮންމެ 3 މަހަކުން 2-3 ކިލޯގެ ކާދު އެޅިދާނެއެވެ. ދަނޑުގެ ލޭއައުޓް ތައްޔާރު ކުރާއިރު ދެ ގަސް ދޭތެރޭ، 8 ފޫޓު އަދި ދެ ބަރި ދޭތެރޭ 10 ފޫޓު ބެހެއްޓުމުން ރަނގަޅު ވާނެއެވެ.

ނާސަރީ ކުރުން

ފަޅޯ މުޑުވައްކުރުމަށްފަހު ނާސަރީގައި ގާތްގަނޑަކަށް 2-3 މަސް ހޭދަވެއެވެ. އަދި މި މަރުހަލާގައި ގަސް ގެންގުޅޭނީ ނާސަރީ ނެޓު ޖަހައި ކޮންމެވެސް ވަރަކަށް ހިޔާކޮށްލައިގެންނެވެ. ގަސްތައް ދަނޑަށް ބަދަލު ކުރާވަރަށް ބޮޑުވުމުން، ގަސްތައް އަތްވަށް ހާނާލުމަކީ މުހިންމުކަމެކެވެ.

އެގޮތުން ކޮންމެ ދުވަހަކުވެސް އަވީގައި ޖައްސާ ވަގުތު އިތުރު ކުރަމުން ދަނޑަށް ބަދަލުކުރުމުން، ގަސް ފަސޭހައިން ރޯވާނެއެވެ. ދަނޑަށް ބަދަލުކުރުމަށްފަހު ފުރަތަމަ 3-5 ދުވަހު ފަން ހުނގުއްޔެއް ޖަހައި ނިވާ ކޮށްލުމަކީ ރަނގަޅު ކަމެކެވެ.

މުޑުވައް ކުރުން

ރެޑް ލޭޑީ ނުވަތަ އެނޫންވެސް އެފަދަ ހައިބްރިޑް ވެރައިޓީތައް ހައްދާ އިރު މުޑުވައް ކުރަން ރަނގަޅީ ތައްޔާރި ޕެކެޓް ތަކުން ލިބޭ އޮށުންނެވެ. ރާއްޖޭގައި އާންމުކޮށް ހައްދާ ހޮލެންޑް ވެރައިޓީ އަކީ އޯޕަން ޕޮލިނޭޓަޑް ވެރައިޓީއެއް ކަމަށް ވުމުން، އޭގެ ފަޅޮލުން މުޑުވައް ނަގައިގެން ކާމިޔާބު ކަމާއިއެކު ހައްދައި އުޅެ އެވެ. މިގޮތަށް އޮށް ނަގަން ރަނގަޅީ ގަހުގައި އިނދެގެން ދޮންވާ ފަޅޮލުންނެވެ. އޮށްތައް ނެގުމަށްފަހު ރީތި ފެންފޮދަކުން ދޮވެލައި، ވައިން ހިއްކާލުމަށްފަހު، އެތެރެ ނުފެންނާނެ އެއްޗެއްގައި ބަންދުކޮށްލާފައި ފިނިތަނެއްގައި ރައްކައު ކުރެވިދާނެ އެވެ.

ފަޅޯ މުޑުވައް ކުރާނީ ސީޑްލިންގް ޓްރޭ ނުވަތަ ނާސަރި ކޮތަޅުގައެވެ. ޓްރޭގައި މުޑުވައް ކުރާނަމަ، ބޭނުން ކުރާނީ ބޮނބި ކުނޑިއެވެ. ކޮތަޅުގައި މުޑުވައް ކުރަން ބޭނުންނަމަ، 3 ވެއްޔަށް 1 ކާދު އައި 1 ބޮނބިކުނޑީގެ ނިސްބަތުން ފަސް ތައްޔާރު ކުރުމަށްފަހު ”6ד8 ސައިޒުގެ ކޮތަޅަށް ފަސްއަޅައި، އޮށް އިންދާނީ އެވެ.

ބެލެހެއްޓުން

ފަޅޯ އިންދުމަށްފަހު ގަހަށް ރަނގަޅަށް ފެންދީ ބަލަހައްޓަން ވާނެއެވެ. މިއީ ބޮޑެތި މޭވާ އަޅާ ގަހަކަށް ވުމުން ކޮންމެ ދުވަހަކުވެސް ބިމުން ފެން އެކީ ހިނދިގެން ނުދާނޭ ވަރަށް ތެތްކަން ހިފަހައްޓަން ވާނެ އެވެ.

ގަޑިން ގަޑިއަށް ފެން ދިނުމުގެ އިތުރުން، ގަސް ވަށައިގެން މަލްޗު ކޮށްލުމަކީ ރަނގަޅު ކަމެކެވެ. ގަހުގައި ފަޅޯ ޖަހަން ފަށާއިރު ބައެއް ފަހަރު ތަނޑިއަކުން 2-3 ފަޅޮ އަންނާނެއެވެ. ނަމަވެސް ފުރަތަމަ ވަރީގައި 2 ފަޅޯ ގިނަވެގެން ހަރުވިޔަސް، ދެން އަންނަ ތަނޑިތަކުގައި 1 ފަޅޯ ޖެއްސުމަކީ އެންމެ ރަނގަޅުގޮތެވެ. މީގެ ސަބަބުން ފަޅޮލުގެ ސައިޒު ރަނގަޅުވެ ކޮލިޓީ ހިފަހައްޓަން ފަސޭހަވެއެވެ. ހަރުކުރާނެ ފަޅޯ ހިޔާރު ކުރާނީ އެ ތަނޑިން އަންނަ ފަޅޮލުގެ ސައިޒު، ބައްޓަން އަދި ހެދެމުންދާ ގޮތަށް ބަލާފަ އެވެ.

ފަޅޯ ކެނޑުން

ފަޅޯ ކަނޑަން އެންމެ ރަނގަޅީ ފަޅޮލަށް ދޮންކުލަ އަރަން ފެށުމުންނެވެ. އުފުލަން ޖެހޭ ދުރުމިނަށް ބެލުމަށްފަހު ދޮންކުލަ އަރާ ނިސްބަތް ތަފާތުކުރެވިދާނެ އެވެ.

ދުރު މާކެޓްތަކަށް ފޮނުވާއިރު، ފުރަތަމަ ދޮންކުލައިގެން ނިޝާން ފެންނަތަނުން ކެނޑިދާނެއެވެ. ގޭގައި ކާން ބޭނުންކުރަންނަމަ، އެއްކޮށް ދޮންވަންދެންވެސް ގަހުގައި ބޭންދިދާނެއެވެ. ރާއްޖޭގައި ގިނަ ދަނޑުވެރިން ފަޅޯ ކަނޑަނީ އަތުން ބިނދެގެންނެވެ. މިއީ ފަޅޮލަށް އެންމެ ޑެމޭޖް ކުޑަކޮށް މިކަން ކުރެވޭނެ ގޮތެވެ. ދަނޑި ފަދަ އެއްޗެހިން ޖަހައި ބިންމައްޗަށް ވައްޓައިލުމަކީ ރަނގަޅު އާދައެއް ނޫނެވެ. ފަޅޯ ކެނޑުމަށްފަހު ފެނުން ދޮވެލައި ފިނި ތަނެއްގައި ރައްކާކުރުމުން، ގިނަ ދުވަހު ކޮލިޓީ ހިފަހައްޓަން ފަސޭހަވެ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.